ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ ހަތަރު ދުވަސް ތެރޭގައި 800 އަށްވުރެ ގިނަ މެންބަރުން އެ ޕާޓީން ވަކިވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ޕީއެންސީގެ މެންބަރުންގެ އަދަދު 100،083 އަށް އެރި ނަމަވެސް، 24 ގަޑިއިރު ނުވަނީސް އެ އަދަދު އެއްލައްކައަށްވުރެ ދަށަށް ދިޔަ އެވެ.
ކޮންމެ ދުވަހަކު އެވްރެޖްކޮށް 200 އަށްވުރެ ގިނަ މެންބަރުން ޕާޓީން ވަކިވަމުންދާއިރު، މިހާރު އެ ޕާޓީގައި ތިބީ 99،214 މެންބަރުންނެވެ. ޕީއެންސީގެ މެންބަރުން މިހާ ބާރުމިނުގައި މަދުވަމުންދަނީ ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެންނާއި ފައިސާ ދީގެން މެންބަރުން އިތުރުކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
މި ބަދަލުތައް އަންނަން ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ މަގުބޫލުކަން ކުޑަވެ، ސަރުކާރުގެ ސިޔާސަތުތަކަށް އަމާޒުވާ ފާޑުކިޔުންތައް އިތުރުވެފައިވާ ވަގުތެއްގަ އެވެ.
ހާއްސަކޮށް، ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެން އާންމުންގެ ނުރުހުން ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. އެ ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރަކީ އިސްރާއީލާ ގާތް ގުޅުމެއް ބާއްވާ ފަރާތެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސަރުކާރުގެ މި މަޝްރޫއުގެ ދަށުން އެއްވެސް ކުއްޔަކާ ނުލައި ރަސްމާލޭގެ ބިން ދޫކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ސަބަބުން މުސްލިމް ނޫން ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ބުނާގޮތުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކެއް ނުކުރެވޭނެ އެވެ. ނަމަވެސް ސަރުކާރުން ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގެ ސަބަބުން "ހުސްނުވާ 99 އަހަރަށް" ބޭރު މީހުންނަށް ރަސްމާލެއިން ފްލެޓާއި ވިލާ ގަނެވޭނެ މަގު ފަހިވެގެންދާނެ އެވެ. މިއީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށް ގާނޫނީ މާހިރުން ފާހަގަކުރެ އެވެ.
މި މައްސަލައިގައި އިދިކޮޅު އެމްޑީޕީ، ޕީއެންއެފް އަދި ގައުމީ ހަރަކާތާއި ގިނަ ދީނީ އިލްމުވެރިން ދަނީ އަޑުއުފުލަމުންނެވެ. އެ ފަރާތްތަކުން ގޮވާލަނީ ރަސްމާލޭގެ ބިން ބޭރުގެ ކުންފުންޏަކަށް ދިނުމުގެ ކުރިން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. މިކަމާ ގުޅޭ ގަރާރެއް އެމްޑީޕީގެ ފަރާތުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅާފަ އެވެ.








