ރަސްމާލެ ޑީލުން މުއްތަލިބު ފައިސާ ނެގި ކަމަށް ޒަރިޔަންދު ތުހުމަތުކޮށްފި

Nov 25, 2026, 8:19 AM
ޒަރިޔަންދު ރޭގެ އެއްވުމުގައި ވާހަކަދައްކަނީ

ޒަރިޔަންދު ރޭގެ އެއްވުމުގައި ވާހަކަދައްކަނީ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ މަހުޖަނު މުހައްމަދު އަލައްބާރަށް އަގެއް އަދި ކުއްޔެއް ވެސް ނެތި ދޫކޮށްލައިގެން މިނިސްޓަރު އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އަބްދުﷲ މުއްތަލިބު ފައިސާ ނަންގަވާފައިވާ ކަމަށް ކުރިން އޮޑިޓު އޮފީހާއި ޓެންޑަ ބޯޑުގެ ޗެއާމަންކަން ވެސް ކުރެއްވި، މާލީ ދާއިރާގެ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު ތުހުމަތު ކުރައްވައިފި އެވެ.

މުއްތަލިބުގެ މައްޗަށް ޒަރިޔަންދު ބޮޑު ތުހުމަތެއް ކުރެއްވިއިރު، އެ ތުހުމަތު އޭނާ ކުރިން ވެސް ދޮގު ކުރައްވާފައިވެ އެވެ.

"ގައުމީ ހަރަކާތުން" ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި އެއްވުމުގައި ޒަރިޔަންދު ވިދާޅުވީ މި މައްސަލައިގައި މުއްތަލިބު ހައްޔަރުކޮށް، ދައުވާ އުފުލައި، އޭނާގެ މިލްކިއްޔާތުގައި ހުރި މުދަލެއް ވާނަމަ އެ މުދަލެއް ދައުލަތަށް ނަގާނެ ކަމަށެވެ.

"މުއްތަލިބު ކޮންމެ ތާކު ހުއްޓަސް މުއްތަލިބާ ދޭތެރޭގައި ދައުވާ ކުރެވޭނެ. މުއްތަލިބު ހައްޔަރު ކުރެވޭނެ. އަދި މުއްތަލިބުގެ މުދަލެއް ހުއްޓަސް ނެގޭނެ،" ޒަރިޔަންދު ވިދާޅުވި އެވެ.

ސީދާ މުއްތަލިބަށް މުހާތަބު ކުރައްވައި ޒަރިޔަންދު ވިދާޅުވީ މުއްތަލިބުގެ އަމަލުތައް ހުރީ ހިންދީ ބަހުން ބުނާ ގޮތަށް "ޗޯރު މަޗާޔޭ ޝޯރު" ނުވަތަ ވައްކަން ކުރާ މީހާ އެންމެ ބާރަށް ހަޅޭއްލަވާ އުސޫލުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މުއްތަލިބު ވަޑައިގެންނެވިއިރު ތިން ފޫޓުގެ ދަބަހެއްގައި ހުރީ ހަމައެކަނި ފުޓްބޯޅަ ބޫޓެއް ކަމަށް ވިދާޅުވި ނަމަވެސް، ހަގީގަތުގައި އެ ދަބަހުގައި ފައިސާ ހުރި ކަމަށް ވެސް ޒަރިޔަންދު ތުހުމަތު ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ޑޮލަރު ބަހާފައިވާ ކަމަށާއި އެ ފައިސާ މާރު ކުރަން މަސައްކަތް ކުރި ކަމަށް ވެސް ޒަރިޔަންދު ތުހުމަތު ކުރެއްވި އެވެ.

މި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭ ޕީއެންސީ މެންބަރުންނާ ބައްދަލު ކުރެއްވުމަށް މުއްތަލިބު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވުމަށް ފަހު ނުކުމެވަޑައިގެންނެވި ވަގުތު އަދަދު ނޫހުން އޭނާއާ ސުވާލު ކުރުމުން ޖަވާބެއް ނުދެއްވި އެވެ.

އެކަމަށް އާންމުންގެ ފާޑުކިޔުން އަމާޒުވުމުން ބަޔާނެއް ނެރުއްވައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތީ އާރަށުގައި ކުޅުއްވުމަށް ފަހު ކަމަށާއި ދަބަހުގައި އޮތީ ބޫޓު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މުއްތަލިބު ވިދާޅުވި ވާހަކައަށް އިޝާރާތް ކުރައްވައި ޒަރިޔަންދު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ރަނގަޅު ޕްލޭނަކާ އެކު ތަރައްގީ ކޮށްފައިވާ ހުޅުމާލެއަށް ބަދަލުވުމަކީ ރައްޔިތުން ފަހުރުވެރިވާ ކަމެއް ކަމަށެވެ. ނަމަވެސް، އޭނާ އެތަނަށް ދަނީ ގަސްގަހަށް އަރާ ކުކުޅުތަކެއްހެން ނިދަން އެކަނި ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދޭން ސަރުކާރުން ނިންމައިފައިވާ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ، މުހައްމަދު އަލައްބާރު "ބްރަދާ އަބްދުﷲ" ގެ ނަމުން ނިސްބަތްކުރައްވަނީ ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބަށްތޯ އަހައި ކުރި ސުވާލަށް ޖަވާބެއް ނުދެއްވައި އޭނާ ދޫކޮށްލައްވައިފި އެވެ.

އަލައްބާރު ރާއްޖެ ވަޑައިގެންނެވި ދަތުރުގައި ބޭއްވި ބައްދަލުވުމެއްގައި ދެކެވުނު ވާހަކައެއްގެ ތެރެއިން ބްރަދާ އަބްދުﷲ އަށް ތަކުރާރުކޮށް ގިނަ އަދަދެއްގެ ފައިސާ ދީފައިވާ ކަމަށް އަލައްބާރު ވިދާޅުވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މީހަކާ ހަވާލާދީ، ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލުކޮށްފި

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލްއާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވައި، ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. "ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް" ގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ދެމެހެއްޓުމަށާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އޮކްޓޯބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 24 މައްސަލައާއި ގެވެށި އަނިޔާގެ 57 މައްސަލަ!

ނިމިދިޔަ އޮކްޓޫބަރު މަހު ޖެންޑާ މިނިސްޓްރީއަށް 299 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 109 މައްސަލައެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ 57 މައްސަލައަކާއި، ކުޑަކުދިންގެ އަހުލާގީ 35 މައްސަލައެއްގެ އިތުރުން އާއިލީ 33 މައްސަލައެއް އެ މަހު ރިޕޯޓުކޮށްފައިވެއެވެ.

"އަހާބަލަ" ނަމުގައި އެމްޑީޕީގެ މުޒާހަރާ ބުރާސްފަތި ދުވަހުގެރޭ

ރަސްމާލޭގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، "އަހާބަލަ" ނަމުގައި ބުރާސްފަތި ދުވަހުގެރޭ މުޒާހަރާކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

ބިލު ފާސްނުކުރަން ގޮވާލައި "ފައިސަލްއާޒިމް" ޓީމުގެ ސިޓީއެއް

ރަސްމާލެއިން ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ރިއަލް އެސްޓޭޓް ބިލު ފާސްނުކުރުމަށް ގޮވާލައި "ފައިސަލްއާޒިމް" ޓީމުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވަނީ ހުށަހަޅާފައި. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ބިލަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް.

ސަރުކާރުން ފޮނުވި ގޮތަށް 59 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް 63 މެންބަރުންގެ ވޯޓާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އިދިކޮޅު އެމްޑީޕީން ބަޖެޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ފާސްނުވާއިރު، މި ބަޖެޓުގައި މާލީ ބޮޑެތި ރިސްކުތަކެއް ހުރިކަމަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައި

މުއިއްޒު ހެއްކެއް ގޮތުގައި ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާގައި، މުއިއްޒު ހެއްކެއްގެ ގޮތުގައި ބަލައިނުގަންނަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި. ކްރިމިނަލް ކޯޓާއި ހައި ކޯޓުން މި ހެކި ބަލައިނުގަތުމަށް ވަނީ ނިންމާފައި.

ވީއައިއޭގެ އީ-ގޭޓުތަކުން ދޭ ހިދުމަތް ފަތުރުވެރިންނަށް ފުޅާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އީ-ގޭޓްތަކުން ފަތުރުވެރިންނަށް ޚިދުމަތް ދޭން ފެށުމާއެކު، 39 ގައުމެއްގެ ފަތުރުވެރިންނަށް އިމިގްރޭޝަންގެ މަރުހަލާތައް އަވަސްވެ، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިވޭ. މި ނިޒާމުގެ ދަށުން "އިމުގާ" މެދުވެރިކޮށް ކްލިއަރެންސް ލިބި، އީ-ގޭޓް ބޭނުންކުރުމުން ވަގުތުން އީ-ވިސާ ދޫކުރެވޭ.

Newsletter

Get the latest news delivered straight to your inbox