ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ދޫކޮށްލެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިޔަލް އެސްޓޭޓު ވިޔަފާރީގެ ބިލާމެދު، އިޒްރޭލާ ގާތްގުޅުމެއް އޮތް ޔޫއޭއީގެ މަހުޖަނު މުހައްމަދު އަލައްބާރު ރުޅި އަތުވެއްޖެ ކަމަށާއި، ބިލަށް ބަދަލުތައް ގެންނަން އޭނާ ޕްރެޝަރުކުރަމުންދާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ތުހުމަތު ކުރައްވައިފި އެވެ.
މައުރޫފް ވިދާޅުވި ގޮތުގައި އަލައްބާރު ހިތްހަމަނުޖެހޭ ގޮތަށް ބިލް އޮތުމުން ރައީސް މުހައްމަދު މުއިއްޒަށާއި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނަށް ބިލު އަލުން އިސްލާހު ކުރުމަށް އޭނާ ވަނީ އަންގައިފަ އެވެ.
"ހަމަގައިމުވެސް އަލައްބާރު ރުޅިއަތުވެއްޖެ. އަލަށް ބާރު ރުޅިއަތުވެއްޖެ. އޭނަ ބޯފާސްވެއްޖެ. އޭނަ ބޯގޯސްވެގެން މިހާރު މި ޑޮކްޓަރު މުހައްމަދު މުއިއްޒަށް ބަވަން ފަށައިފި. އޭނަ މިހާރު ހުށަހަޅާފައި އޮތް ބިލުގައި ހުރި ކަންތައްތަކާ ދެކޮޅަށް ވަރަށް ހަރުއަޑުން ޕީއެންސީގެ މެންބަރުންނަށް އަމުރުކުރަން ފަށައިފި،" އާޓިފިޝަލް ބީޗް ސަރަހައްދުގައި "ގައުމީ ހަރަކާތުން" ރޭ ބޭއްވި އެއްވުމުގައި މައުރޫފް ވިދާޅުވި އެވެ.
"މުޅި ބިލު އަލުން އޭނަ ބޭނުންވާ ގޮތަށް ބަދަލުކުރަން އަލަށް ބާރު އިންޒާރުދޭން ފަށައިފި. އަޅުގަނޑުމެންނަށް މިއަދު މަޖިލިސް ތަރައިން އިވިގެން ދިޔައީ ވަރަށް ބޮޑު ގޯހެއް ހެދިއްޖެކަން. އަލަށް ބާރު ހިތްހަމަނުޖެހޭ ގޮތަށް ބިލު މަޖިލީހަށް ވެއްދުނީމަ."
މި ބިލު މަޖިލީހަށް އަވަސް އަރުވާލައިގެން ހުށަހެޅީ މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ސަބަބުން ސަރުކާރަށް ކުރިމަތިވި ފިއްތުންތަކާ ހެދި ކަމަށާއި ބިލު މިހާރު އޮތް ގޮތަށް ހުށަހެޅީ އަލައްބާރާ އެކަށީގެންވާ ގޮތެއްގައި މަޝްވަރާ ކުރުމެއް ނެތި ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. މައުރޫފް ވިދާޅުވި ގޮތުގައި އަލައްބާރު ބޭނުންވަނީ އޭނާގެ އަމިއްލަ އެދުންތަކާ އެއްގޮތަށް މުޅި ބިލު އަލުން ލިޔުމަށެވެ.
މި ބިލުގައި ހިމެނޭ ދެ މާއްދާއަކަށް އަލައްބާރުގެ އިތުރުން އިދިކޮޅު ފަރާތްތަކުން ވެސް ދެކޮޅު ހަދާކަން މައުރޫފް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި 99 އަހަރަށް ބިން ކުއްޔަށް ދިނުމުގެ މާއްދާ އާއި، ރަސްމާލޭގައި އޫރުމަހާއި ރާ ވިއްކުން މަނާކުރާ މާއްދާ ހިމެނެ އެވެ.
މައުރޫފް ވިދާޅުވީ އަލައްބާރު ބޭނުންވަނީ ރަސްމާލޭގެ ހުރިހާ ސަރަހައްދެއްގައި ރަލާއި އޫރުމަސް ވިއްކުމުގެ ހުއްދަ ދިނުމަށް ކަމަށެވެ. މަޖިލީހުން މިހާރު ނިންމަންޖެހިފައިވަނީ ދިވެހި ރައްޔިތުންގެ މަސްލަހަތުތޯ ނުވަތަ އަލައްބާރުގެ މަސްލަހަތުތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
ޕީއެންސީގެ މެންބަރުން ރިޝްވަތުގެ ކަޅު ފައިސާ ދީގެން ބިލް ފާސްކުރިޔަސް، އެކަމާ ދެކޮޅަށް ފަށާފައިވާ ހަރަކާތްތައް ހުއްޓާނުލާނެ ކަމަށާއި ރައްޔިތުންގެ ނުރުހުމުގައި ކުރިއަށްގެންދާ މި މަޝްރޫއު ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމުގެ އިންޒާރު މައުރޫފް ދެއްވި އެވެ.
އެގޮތުން މަޝްރޫއަށް ބޭނުންވާ ސިމެންތި އާއި ހިލަ އުފުލާ އުޅަނދުފަހަރު ހުއްޓުވާނެ ކަމަށާއި، ދަންވަރު ގަޑީގައި މަސައްކަތް ހިނގާ ސަރަހައްދަށް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މައުރޫފް ގަބޫލުކުރައްވާ ގޮތުގައި ރައްޔިތުންގެ އިހުތިޖާޖުތަކާ ހެދި އަލައްބާރު މާ ގިނަ ދުވަހަކު ރާއްޖޭގައި މަޑެއް ނުކުރާނެ އެވެ.
މި މަޝްރޫއަކީ އަންނަން އޮތް ޖީލުތަކަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވަމުން މައުރޫފް ވިދާޅުވީ، ޣައިރު މުސްލިމުންނާއި ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެ، އެމީހުންގެ ދީން ފާޅުގައި ފެތުރުމުގެ ފުރުސަތު ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އިންޓަނެޓުގެ ސަބަބުން ދަރިން އިސްލާމީ ތަރުބިއްޔަތުގައި ބޮޑުކުރުމަށް މިހާރުވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރި އިރު، މިފަދަ ކަންކަމުގެ ސަބަބުން މުސްތަގުބަލު އިތުރަށް ބިރުވެރިވާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
މައުރޫފް ވަނީ މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެމްޑީޕީން ބާއްވާ މުޒާހަރާތަކުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.







