ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހިއްކި ރަސްމާލޭގެ ބިން އީގަލް ހިލްސް އަށް ދިނުމުގެ މަޝްރޫއު ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް ގޮވާލައްވައި، މިހާރު އެ މަޝްރޫއު ހުއްޓާނުލައިފި ނަމަ، އެމްޑީޕީގެ ސަރުކާރެއްގައި އެ އެއްބަސްވުން ބާތިލް ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައިސަލް ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި މި އެއްބަސްވުން ބާތިލް ކުރައްވާނެ ކަމަށާއި އެ މަޝްރޫއަކީ ދީނީ އެއްބައިވަންތަކަމާއި ގައުމުގެ ހަމަޖެހުމަށް އުނިކަން އަންނާނެ މަޝްރޫއެއް ކަމަށެވެ. އެހެންކަމުން ދީނީ އެއްބައިވަންތަކަމާއި ގައުމުގެ ހަމަޖެހުމަށް އަސަރު ކުރާ އެއްވެސް ކަމެއް ކުރުމަށް ޖާގަ ނުދެއްވާނެ ކަމަށާއި އެ ފަދަ ކަންކަމާ ދެކޮޅަށް ކުރެވޭ ހުރިހާ ކަމެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބޭއްވޭ އިހުތިޖާޖްގައި ބައިވެރިވާނަން. އަދި ވީހާ ވެސް ގިނަ ބޭފުޅުން ބައިވެރިވުމަށް ގޮވާލަން."
ފައިސަލް ވިދާޅުވީ އެމަޝްރޫއަކީ ރައްޔިތުންނަށް ލިބޭ ފައިދާ އަށް ވުރެ ބޮޑަށް ގެއްލުންވާ މަޝްރޫއެއް ކަމަށާއި ގެއްލުންވާ އެއްޗެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި މި ފަހުގެ ތާރީޚެއްގައި މިހާތަނަށް ދިވެހިން މިހާ ބޮޑަށް ކަމަކާ މެދު މި ނޫނިއްޔާ ކަންބޮޑުވުން ފާޅުކުރި ތަނެއް ނުފެންނަ ކަމަށާއި މިހާ ވަރަށް ރައްޔިތުން ދެކޮޅު ހަދަމުންދާތީ ވެސް ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ރަސްމާލޭގެ ބިމުން 500 ހެކްޓަރުގެ ބިން، ޔޫއޭއީގެ އީގަލް ހިލްސް އަށް ދިނުމަށް ސަރުކާރުން ނިންމާފައިވަނީ ކުރިން އިއުލާން ކުރުމަކާ ނުލައި ބިޑު ވެސް ނުކޮށް، ކަމުގެ ހަގީގަތް ނޭނގޭ ސިއްރު ވެރި ގޮތެއްގަ އެވެ. އެ ބިން އީގަލް ހިލްސް އަށް ކުއްޔަށް ދެނީ 99 އަހަރަށް ކަމަށް ސަރުކާރުން ބުންޏަސް، އީގަލް ހިލްސް އިން ބުނެފައިވާ ގޮތުގައި އެ ކުންފުންޏަށް ރަސްމާލެ ލިބެނީ ދާއިމީ ގޮތެއްގަ އެވެ.
އެއީ 99 އަހަރަށް ކުއްޔަށް ހިފުމަށް ފަހު، އެ ބިން ވާރުތައިން ނުވަތަ ވިއްކައިގެން ވިޔަސް އެހެން ބަޔަކަށް ދިނުމާ އެކު އިތުރު 99 އަހަރުގެ މުއްދަތެއް ގުނަންޖެހޭ ގޮތަށް އޮތުމުން ކަމަށް، އީގަލް ހިލްސް ކުންފުނިން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން، ރާއްޖޭގެ އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ވެސް ބުނެފައިވަނީ، ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބުގެ އެ ގުޅުމުގެ މެމްބަރުންނަށް މައުލޫމާތު ދެއްވި އިރު ވެސް، އެކަން ބަޔާންކުރައްވާފައިވާ ކަމަށް އެ ގުޅުމުން ބުނެ އެވެ.








