ބަންގްލަދޭޝްގައި އުފެދުނު ރައްޔިތުންގެ އިހުތިޖާޖުތަކާ ގުޅިގެން ވެރިކަމުން ދުރުކުރިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން، ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އެނބުރި ގައުމަށް ވަޑައިގަތުމަށް ގަސްދުކުރައްވާ ކަމަށް އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ވިދާޅުވެއްޖެ އެވެ.
އޮގަސްޓް 2024 އިން ފެށިގެން އިންޑިއާގެ ދިއްލީގައި ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ހަސީނާ، އޭނާ އަނބުރާ ޑާކާއަށް ގެންގޮސްދިނުމަށް ބަންގްލަދޭޝް ސަރުކާރުގެ ކިބައިން އެދިވަޑައިގެންފައިވާ ކަމަށް އޭނާގެ ތަރުޖަމާނު ވިދާޅުވި އެވެ.
މިކަން އިއުލާންކޮށްފައި މިވަނީ ބަންގްލަދޭޝްގައި އަލުން ހަމަނުޖެހުންތައް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. ހަސީނާގެ އަވާމީ ލީގު ޕާޓީގެ ހަރަކާތްތައް މަނާކޮށްފައި އޮތް ނަމަވެސް، އެ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ދަނީ މުޒާހަރާ ކުރަމުންނެވެ.
ނަމަވެސް، ހަސީނާ އެނބުރި ގައުމަށް ވަޑައިގަންނަވާނީ ކޮން ގޮތަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ. ހަސީނާގެ 15 އަހަރުވީ ވެރިކަން ނިމުމަކަށް ގެނައި ދަރިވަރުންގެ މުޒާހަރާތަކާ ދެކޮޅަށް ހިންގި ލޭއޮހޮރުވުން ބޮޑު އޮޕަރޭޝަންތަކާ ގުޅިގެން، އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގި ކަމުގެ ކުށުގައި މިދިޔަ އަހަރު ބަންގްލަދޭޝްގެ ކޯޓަކުން ވަނީ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފަ އެވެ. އެހެން ނަމަވެސް، ހަސީނާ އެ ތުހުމަތުތަކަށް އިންކާރު ކުރައްވަ އެވެ.
ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓާ ފޯ ފޮރިން އެފެއާޒް ހުމާޔޫން ކަބީރު ވަނީ ހަސީނާ ބޭނުންވާ ގޮތަށް އެނބުރި ގައުމަށް ވަޑައިގަތުމުގެ ފުރުސަތު ނެތް ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން، ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް ހިތްވަރުދޭ ކަމުގެ ތުހުމަތު ހަސީނާ އާއި އިންޑިއާގެ މައްޗަށް ކަބީރު ކުރެއްވި އެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެ ފަރާތްތަކުން ދަނީ ގައުމުގައި ހިންގާ "ޓެރަރިސްޓް ހަރަކާތްތަކަށް" ވާގިވެރިވަމުންނެވެ.
މިކަމާ ގުޅޭ ގޮތުން އިންޑިއާގެ ފޮރިން މިނިސްޓްރީން ވަގުތުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، ހަސީނާ އަނބުރާ ގައުމަށް ފޮނުވައިދިނުމަށް ބަންގްލަދޭޝްއިން އެދިފައިވާ އެދުމާ މެދު ގޮތެއް ނިންމުމަށް ދިރާސާ ކުރަމުންދާ ކަމަށާއި، އާ ސަރުކާރާއެކު ބިނާކުރަނިވި ގުޅުމެއް ބާއްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ ކަމަށް އެ މިނިސްޓްރީން މިދިޔަ އޭޕްރީލް މަހު ބުނެފައިވެ އެވެ.







