ހަސީނާ އެނބުރި ގައުމަށް ވަޑައިގެންފި ނަމަ ހައްޔަރުކޮށް ޖަލަށްލާނެ ކަމަށް ބުނެފި

Nov 24, 2026, 6:30 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ އެނބުރި ގައުމަށް ވަޑައިގެންފި ނަމަ، އެކަމަނާ ހައްޔަރުކޮށް ޖަލަށްލާނެ ކަމަށް އެ ގައުމުގެ ސަރުކާރުގެ އިސް ވަޒީރަކު ވިދާޅުވެއްޖެ އެވެ.

ޑިސެމްބަރު މަހު އެނބުރި ގައުމަށް ވަޑައިގަތުމަށް ހަސީނާ ރާވަމުންދާ ރޭވުންތަކާ ގުޅިގެން، ބަންގްލަދޭޝްގެ ސިޔާސީ މަސްރަހު ނުތަނަވަސްވެ، މަގުމަތީގެ ހަމަނުޖެހުންތައް ވަނީ އަލުން އިތުރުވާން ފަށާފަ އެވެ.

ބަންގްލަދޭޝްގެ ހާރިޖީ ކަންތައްތަކާ ބެހޭ ސްޓޭޓް މިނިސްޓަރު ޝަމާ އޮބައިދު އިސްލާމް ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، 2024 ވަނަ އަހަރު ބަންގްލަދޭޝްއިން ފިލައިގެން، މިހާރު އިންޑިއާގައި ދިރިއުޅުއްވަމުން ގެންދަވާ ހަސީނާ އަނބުރާ ގައުމަށް ގެނައުމަށް ބަންގްލަދޭޝްއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ކުށްވެރިން ބަދަލުކުރުމުގެ މުއާހަދާއާ އެއްގޮތަށް އިންޑިއާއިން އަމަލުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement

މިކަމާ ގުޅޭ ގޮތުން އިންޑިއާގެ ފޮރިން މިނިސްޓްރީން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، ހަސީނާ އަނބުރާ ފޮނުވައިދިނުމަށް ބަންގްލަދޭޝްއިން އެދިފައިވާ އެދުމާ މެދު ގޮތެއް ނިންމުމަށް ދިރާސާ ކުރަމުންދާ ކަމަށް މިދިޔަ އޭޕްރީލް މަހު ވަނީ ބުނެފަ އެވެ.

ބަންގްލަދޭޝްގައި ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވާއިރު، 2024 ވަނަ އަހަރުގެ ރައްޔިތުންގެ އިންގިލާބާ ގުޅިގެން އެކަމަނާގެ ދިގު ވެރިކަން ނިމުމަކަށް އައުމާއެކު، އެކަމަނާގެ ޕާޓީ ކަމަށްވާ އަވާމީ ލީގު ވަނީ މަނާކޮށްފަ އެވެ. އދ. އިން ހާމަކޮށްފައިވާ ގޮތުގައި އެ ދުވަސްވަރު ހިނގި ހަމަނުޖެހުންތަކުގައި 1,400 އެއްހާ މީހުން ވަނީ މަރުވެފަ އެވެ.

ހަސީނާގެ އިސްތިއުފާއަށް ގޮވާލައި މުޅި ގައުމުގައި ކުރިއަށްދިޔަ މުޒާހަރާތަކާ ގުޅިގެން، 2024 ވަނަ އަހަރުގެ އޮގަސްޓް މަހު އެކަމަނާ ވަނީ ޑާކާއިން ފިލައިގެން ވަޑައިގެންފަ އެވެ. އަންނަ ޑިސެމްބަރު މަހު އެނބުރި ގައުމަށް ވަޑައިގަތުމަށްޓަކައި އާ ޕާސްޕޯޓަކާއި އައިޑީ ކާޑެއް ހޯދުމަށް އެކަމަނާ އެދިވަޑައިގެންފައިވީ ނަމަވެސް، ބަންގްލަދޭޝް ސަރުކާރުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.

އާދީއްތަ ދުވަހު ދެއްވި އިންޓަވިއުއެއްގައި އޮބައިދު ވިދާޅުވީ، ހަސީނާ ބަންގްލަދޭޝްއަށް އެތެރެވާން މަސައްކަތް ކުރައްވާ ހިނދުން ފެށިގެން އެކަމަނާ ހައްޔަރުކުރެވޭނެ ކަމަށެވެ. އަދި އެކަމަނާ ޖަލަށް ގެންދެވޭނެ ކަމަށާއި، ގާނޫނީ އިޖުރާއަތްތައް އޭގެ މަގުން ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އިންޑިއާއިން ކުށްވެރިން ބަދަލުކުރުމުގެ މުއާހަދާއަށް އިހުތިރާމްކޮށް، ކުށްވެރިއެއްގެ ގޮތުގައި އެކަމަނާ އަނބުރާ ފޮނުވައިދިނުން. އޭރުން ގާނޫނު ތަންފީޒު ކުރެވޭނެ. ކުރެއްވި ކަންތައްތަކުގެ ޒިންމާ ހަސީނާ އުފުއްލަވަން ޖެހޭނެ،" އޮބައިދު ވިދާޅުވި އެވެ.

މި މައްސަލައިގައި އުފެދިފައިވާ ނުތަނަވަސްކަމާއެކު، ހަސީނާގެ އަވާމީ ލީގުގެ ސަޕޯޓަރުން ވަނީ މަގުމައްޗަށް ނުކުމެފަ އެވެ. އެ ޕާޓީން ވަނީ ހަސީނާ އެނބުރި ވަޑައިގަތުމަށް ތާއީދުކޮށް މުޒާހަރާތަކާއި އެއްވުންތައް ބޭއްވުމަށް ނިންމާފަ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި މަދުވެގެން 28 ޑިސްޓްރިކްޓެއްގައި އަމިއްލައަށް އުފައްދާފައިވާ ގޮވާތަކެތި ގޮއްވާލުމާއި އުޅަނދުތަކުގައި ހުޅުޖެހުމުގެ އެތައް ހާދިސާއެއް ވަނީ ހިނގާފަ އެވެ. މި ހަމަނުޖެހުންތަކުގައި ފުލުހުންނާއި އާންމުން ހިމެނޭހެން ބައެއް މީހުންނަށް ވަނީ އަނިޔާވެފަ އެވެ.

މި ހަމަނުޖެހުންތަކަކީ "ސިޔާސީ ގޮތުން ބަނގުރޫޓުވެފައިވާ" ހަސީނާގެ ޕާޓީން ސިޔާސީ މަސްރަހުގައި ދެމިއޮތުމަށް ކުރާ މަސައްކަތެއް ކަމަށް އޮބައިދު ސިފަކުރެއްވި އެވެ.

ނަމަވެސް، އަވާމީ ލީގުގެ އިސް އޮފިޝަލެއް ކަމަށްވާ ހާލިދު މަހްމޫދު ޗައުދަރީ ވިދާޅުވީ، މި ހަމަނުޖެހުންތަކުގެ ޒިންމާ އުފުލަންޖެހޭނީ މިހާރު އޮތް ސަރުކާރުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓްރަމްޕްގެ ތާއީދާއެކު ޖެންސަން ހުއަންގް އަލުން ސީއީއޯގެ މަގާމަށް

ހުއަންގް މަގާމުން އިސްތިއުފާ ދެއްވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޗައިނާގެ ޖާސޫސީ އިދާރާއަކާ ގުޅުން އޮތް ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ތުހުމަތުކުރާ އަންހެނަކާ އެކު ބޭއްވި ގުޅުމެއް ހިމެނެއެވެ.

ދެކުނު ކޮރެއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ދެކުނު ކޮރެއާގެ ޔުނިވާސިޓީތަކަށް ވަނުމަށް ބާއްވާ އިމްތިހާނުގައި އޭއައި ބޭނުންކޮށްގެން މަކަރުހެދި މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ހާދިސާއާ ގުޅިގެން މަކަރުހެދުން ހުއްޓުވުމަށް ސަރުކާރުން ވަނީ ކާރިސާތަކުގައި ބޭނުންކުރާ އެލާޓް ނިޒާމު މެދުވެރިކޮށް ކުއްލި ފިޔަވަޅުތަކެއް އަޅާފައެވެ. މިނިސްޓަރު އިސްތިއުފާ ދެއްވީ އިމްތިހާނުގެ ކަންކަން ރޭވުމުގައި ފެއިލްވެފައިވާ ކަމަށް އަމާޒުވި ފާޑުކިޔުންތަކުގެ ޒިންމާ ނެންގެވުމުގެ ގޮތުންނެވެ.

ރަޝިއާގެ މަނަވަރަކަށް ޑްރޯން ހަމަލާއެއް ދީ ފައްތާލައިފި

ލީބިޔާގެ ބެންގާޒީ ބަނދަރުގައި އޮތް ރަޝިއާގެ އަސްކަރީ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލުމާ ގުޅިގެން، އެ ގައުމުގެ އިރުމަތީ ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، މިއީ ލީބިޔާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް އެ ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ކޮޕް31 ނާކާމިޔާބުވެ، މޫސުމީ ރައްކާތެރިކަމުގެ އުންމީދު ފަނޑުވެއްޖެ

ތުރުކީވިލާތުގައި ބޭއްވި ކޮޕް31 ބައްދަލުވުން، ތެލާއި ގޭސް ބޭނުންކުރުމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާއި މާލީ އެހީގެ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވި ނާކާމިޔާބުވެއްޖެއެވެ. މިއީ 2009 ވަނަ އަހަރަށްފަހު މިފަދަ ސިޔާސީ އެއްބަސްވުމެއް ފޭލްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މީގެ ސަބަބުން މޫސުމީ ރައްކާތެރިކަމަށް ކުރާ އުންމީދުތަކަށް ވަނީ ބޮޑު ހުރަހެއް އެޅިފައެވެ.

އެއްބަސްވުމަކަށް ނާދެވި ކޮޕް31 ގެ މަޝްވަރާތައް ހުއްޓުމަކަށް

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާއި މޫސުމީ އެހީގެ ފައިސާއާ މެދު ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާއިރު، ހުރިހާ ގައުމަކުން އިއްތިފާގުވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްވެސް ނަތީޖާއެއް ނުނެރެ ސަމިޓް ނިންމާލަން ޖެހިދާނެއެވެ.

އެފްބީއައިގެ މައި ޑޭޓާބޭސްއެއް ހެކްކޮށްފި

އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ކުށްވެރިންގެ މައުލޫމާތު ރައްކާކުރާ މައި ޑޭޓާބޭސްއަށް ހެކަރުން ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ނޭޝަނަލް ސައިބާ ޑައިރެކްޓަރު މަގާމުން ވަކިކޮށްފައިވާއިރު، މިއީ އެފްބީއައިގެ ނިޒާމުތަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ވޮޝިންގްޓަންގެ އިސްތަށިކޮޅެއް 4،000 ޑޮލަރަށް ވިއްކާލައިފި

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމެއްގައި 4،000 ޑޮލަރަށް ވިއްކާލައިފިއެވެ. މި އިސްތަށިކޮޅަކީ 1799 ވަނަ އަހަރު އޭނާ އަވަހާރަވުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެކުވެރިއަކަށް ދެއްވި ތާރީޚީ އާސާރީ އެއްޗެކެވެ. މީގެ ކުރިންވެސް ވޮޝިންގްޓަންގެ އިސްތަށިކޮޅުތަކާއި އޭނާއާ ގުޅުންހުރި ތަކެތި ނީލަމުގައި ބޮޑު އަގުގައި ވިއްކާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox