އަދަދު ނޫހުން ގެނެސްދިން "އައިޝާ ޑޮކިއުމަންޓްރީ" އާ ގުޅިގެން މި ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް އަންނަ ޑިސެމްބަރު 24، އަށް ނިންމުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.
އޮކްޓޯބަރު 22، ގައި ދެ މީހުންގެ ޝަރީއަތް ފެށިއިރު މިހާރު ކުރިއަށްދަނީ ހެކި ނެގުމުގެ އަޑުއެހުންތަކެވެ. ކްރިމިނަލް ކޯޓުން ވަނީ ޑިސެމްބަރު، އެކެއް، ތިނެއް އަދި ހަތެއްގައި ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށް ތާވަލުކޮށްފަ އެވެ. އެއަށްފަހު ޑިސެމްބަރު ނުވައެއް، އަދި 13 ގައި ތާވަލުކޮށްފައި ވަނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ.
ދިފާއުގައި އަދަދު ނޫހުން ހުށަހެޅި ބައެއް މުހިންމު ހެކިތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ރައީސް މުހައްމަދު މުއިއްޒު އާއި ގާނޫނުލްއުގޫބާތުގެ މާހިރެއް ހިމެނެ އެވެ. ހެކިންގެ ގޮތުގައި ހުށަހެޅި މި ނޫހުގެ ބައެއް ނޫސްވެރިން ބަލައިގަތުމަށް ވަނީ ނިންމާފަ އެވެ.
ކްރިމިނަލް ކޯޓުން އެކުލަވާލާފައިވާ ޝަރީއަތުގެ ތާވަލުގައި ވާގޮތުން ޑިސެމްބަރު 24، ގައި ހުލާސާ ބަޔާން ހުށަހެޅުން އޮންނާނެ އެވެ. އެއަށްފަހު އޮންނާނީ ހުކުމް ކުރުން ކަމަށްވާއިރު އެއީ ކޮން ދުވަހެއްކަން ތާވަލުގައި ހިމަނާފައި ނުވެ އެވެ.
ފިޔާޒު އާއި ހަސަންގެ މައްޗަށް ގަޒްފު ކުރުމުގެ ކުށުގެ ދައުވާ އުފުލި ސަބަބެއް ކަމަށް ބުނެފައި ވަނީ އަދަދުގެ އެޑިޓަރުންގެ ގޮތުގައި ފިޔާޒް އާއި އެޑިޓަރު ހަސަން ތިބެ، މުހައްމަދު މުއިއްޒު ރައީސް އޮފީހުގެ މުވައްޒަފަކާ ކައިވެނިން ބޭރުން ގުޅުން ބޭއްވި ކަމަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް ޑޮކިއުމެންޓަރީއެއް ޕަބްލިޝްކޮށްފައިވުމެވެ.
ނަމަވެސް، އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށީ، އަދަދު ނޫހުން އައިޝާ ޑޮކިއުމެންޓްރީ ގެނެސްދިންތާ މަސްދުވަސްފަހުން އެ ޑޮކިއުމެންޓްރީއާ ބެހޭ ސުވާލެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއާ ކުރުމުންނެވެ. ޑޮކިއުމެންޓްރީގެ މައްސަލަ ބަލައި، އޭގައި ބައިވެރިވި ހުރިހާ އެންމެންގެ މައްޗަށް ދައުވާކޮށްދިނުމަށް އެންގެވީ އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
މުއިއްޒު އެ އެންގެވުން އެންގެވި ދުވަހު، ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ރެއިޑުކޮށް މި އޮފީހުގައި ނޫސްވެރިކަން ކުރުމަށް ގެންގުޅޭ ހުރިހާ އިލެކްޓްރޯނިކް ޑިވައިސްއެއް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ލެޕްޓޮޕްތަކާއި ހާޑް ޑިސްކުތައް ހިމެނެ އެވެ. ހަސަން އާއި ފިޔާޒްގެ ޕާސްޕޯޓު ހިފަހައްޓައި ރާއްޖެއިން ބޭރަށް ފުރުން މަނާކުރީ އޭގެ އެއްދުވަސްފަހުންނެވެ.
އޭގެ ފަހުން، މެއި 12، ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޑޮކިއުމެންޓްރީއާ ގުޅޭ ބައެއް ހެކިތަކާ ބެހޭގޮތުން މި ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ސުވާލުކުރުމުން، އޭނާ ރައީސް އޮފީހުން ބޭރުކުރި އެވެ. އެ މައްސަލައިގައި ޝަހުޒާން 15 ދުވަހަށް ޖަލަށްލި އެވެ. އަދި، މުއިއްޒަށް ކުރެވޭ ތުހުމަތުތަކުގެ ވާހަކަ ދެއްކުން ކޯޓު އަމުރަކުން މަނާކުރި ހަބަރު ލިޔުމުން މި ނޫހުގެ ލީވާން އަލީ ނާސިރު ވެސް 10 ދުވަހަށް ޖަލަށްލި އެވެ.








