ދެ މީހަކު ހިފަހައްޓައި ލާއިންސާނީ އަނިޔާދިން މައްސަލައިގައި ދައުވާ އުފުލި ތިން މީހުންގެ ތެރެއިން އެކަކު ކުށަށް އިއުތިރާފުވުމުން ޖަލު އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްފި އެވެ.
މި މައްސަލައިގައި ޖަލު އަދަބުން ސަލާމަތްވީ ގއ. މާމެންދޫ، ހުޅުދަލީގެ، އިބްރާހިމް ޝަރަފް އެވެ. އޭނާގެ މައްޗަށް ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ދެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ދެ ދައުވާ ސާބިތުވި އެވެ. އެކަމަކު ދައުލަތާއެކު އޭނާ ހެދި އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ކޮށްފައިވަނީ ކޮންމެ ދައުވާއެއްގައިވެސް ޖޫރިމަނާއެކެވެ.
މި މައްސަލައިގައި ޝަރަފްގެ މައްޗަށް އިއްވި 19 މަހާއި ހަތް ދުވަހާއި 12 ގަޑިއިރުގެ ހުކުމް ވަނީ ޖުމްލަ 116.700ރ. ގެ ޖޫރިމަނާއަކަށް ބަދަލުކޮށްފަ އެވެ. އެ ޖޫރިމަނާ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި ޝަރަފް ދައްކަން ޖެހެ އެވެ. ފައިސާ ދައްކަންޖެހޭ މުއްދަތުގައި ނުދައްކައިފިނަމަ، ޖަލު ހުކުމް ތަންފީޒުކުރަން ޖެހޭނެ އެވެ.
ޝަރަފްގެ މައްޗަށް އިއްވި ހުކުމް:
- އަނިޔާއެއް ދިނުން - ހަ މަހާއި ހަ ދުވަހުގެ ޖަލު ހުކުމް ބަދަލުކުރީ 37،200ރ. ގެ ޖޫރިމަނާއަކަށް.
- އަނިޔާއެއް ދިނުން - 11 މަހާއި 27 ދުވަހުގެ ޖަލު ހުކުމް ބަދަލުކުރީ 71،400ރ. ގެ ޖޫރިމަނާއަކަށް.
- ހުއްދަ ނޫން ގޮތެއްގައި މީހުން ހިފެހެއްޓުން - 27 ދުވަހުގެ ޖަލު ހުކުމް ބަދަލުކުރީ 5،400ރ. ގެ ޖޫރިމަނާއަކަށް.
- ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުން - 13 ދުވަހާއި 12 ގަޑިއިރުގެ ޖަލު ހުކުމް ބަދަލުކުރީ 2،700ރ. ގެ ޖޫރިމަނާއަކަށް.
އިބްރާހިމް ޝަރަފްގެ މައްޗަށް ސާބިތުވީ އޭނާ އިތުރުބަޔަކާއެކު ނޮވެމްބަރު 26، 2021، ގައި މާލޭ ގަރާޖެއްގައި ދެ މީހަކު ހިފަހައްޓައި ލާއިންސާނީ އަނިޔާ ދިން ކަމަށެވެ. މިގޮތުން ޝަރަފް އިތުރު ބަޔަކާއެކު ގަރާޖުގައި ހިފެހެއްޓި އެކަކުގެ ދެ އަތާއި ފައި ޗޭނު ގަނޑަކުން އައްސައި، މޮޕް ދަނޑިއަކުންނާއި ގަރާޖުގައި ހުރި ޓޫލްސްތަކުން ގައިގެ އެކި ތަންތަނުގައި ތަޅައި އަނިޔާކުރިކަން ސާބިތުވި އެވެ.
މީގެ އިތުރުން މި މައްސަލައިގައި އަނިޔާ ލިބުނު ދެވަނަ މީހާ ގަރާޖުގައި ހިފަހައްޓައި އޭނާ ގައިގެ އެކި ތަންތަނުގައި ތަޅައި، ގަރާޖު ތެރޭގައި އޮތް ނަރުކެނޑިއެއް ބޭނުންކޮށްގެން އަނިޔާ ލިބުނު މީހާގެ ވައަތު ކުޑަވައި އިނގިލީގައި ހިފައި އަނިޔާކުރިކަން ވެސް ސާބިތުވި އެވެ.
އޭނާ ދައުލަތާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދަން ނިންމުމާ ގުޅިގެން އެ އެއްބަސްވުން ހަދައި ކޯޓަށް ހުށަހެޅީ މި މަހުގެ 9، ވަނަ ދުވަހުކަން ފާހަގަކުރެވެ އެވެ،
މި މައްސަލައިގައި ދައުވާ އުފުލި ބާކީ ދެ މީހުން ކަމަށްވާ މ. އެތުމާ، އަލީ އަޝްރަފް އަދި މ. އަބާނާ، ޔާސީން އަބްދުއްލަތީފްގެ މައްސަލަ ކްރިމިނަލް ކޯޓުގެ އެހެން ގަޒިއްޔާއަކުން ބެލުމަށް ވަނީ ނިންމާފަ އެވެ.








