ދުނިޔޭގެ މަސައްކަތްކުރާ އާބާދީގެ 22 ޕަސެންޓު ހިއްސާކުރާ ދެކުނު އޭޝިއާގެ ސަރަހައްދު ވަރަށް ހަލުވިމިނެއްގައި މުސްކުޅިވަމުންދާ ކަމަށާއި، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި މި ސަރަހައްދުގެ މަސައްކަތްކުރާ އުމުރުގެ އާބާދީ އެންމެ މައްޗަށް ދިއުމަށްފަހު ދަށްވާން ފަށާނެ ކަމަށް ވޯލްޑް ބޭންކުން އިންޒާރު ދީފި އެވެ.
މިއީ ދުނިޔޭގެ އެންމެ ފަގީރު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ދެކުނު އޭޝިއާގެ އިގްތިސާދަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އެ ބޭންކުން ވަނީ ފާހަގަކޮށްފަ އެވެ.
ވޯލްޑް ބޭންކުން ނޮވެމްބަރު 3 ގައި ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، 2049 ވަނަ އަހަރާ ހަމައަށްދާއިރު ދެކުނު އޭޝިއާ ވެގެންދާނީ މުސްކުޅި އާބާދީއެއް އޮތް ސަރަހައްދަކަށެވެ. އެގޮތުން އެ މުއްދަތުގައި މި ސަރަހައްދުގެ އާބާދީގެ 14 ޕަސެންޓު މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ މީހުން ކަމުގައި ވާނެ އެވެ. އިންޑިއާ ހިމެނޭހެން މި ސަރަހައްދަކީ މިހާރު ދުނިޔޭގެ ކޮންމެ ފަސް މަސައްކަތްތެރިއަކުން އެކަކު ދިރިއުޅޭ ސަރަހައްދެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ދެކުނު އޭޝިއާގެ އިގްތިސާދީ ކުރިއެރުމަށް އާބާދީގެ ބޮޑުބައެއް މަސައްކަތްކުރާ އުމުރުގައި އޮތުމުން ބޮޑު އެހީތެރިކަމެއް ލިބުނެވެ. މި ބަދަލުގެ ސަބަބުން ސަރަހައްދުގެ ޖުމްލަ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ ކުރިއެރުމަށް އަހަރަކު 0.4 ޕަސެންޓު އިތުރުވި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް، 1960 އިން 2023 އަށް އަހަރަކު 2.2 ޕަސެންޓުގައި ކުރިއަރަމުން އައި މަސައްކަތްކުރާ އާބާދީ، 2024 އާއި 2050 އާ ދެމެދު އަހަރަކު 0.6 ޕަސެންޓަށް ދަށްވާނެ ކަމަށް ލަފާކުރެވެ އެވެ.
މި ބަދަލާއެކު އިގްތިސާދީ ކުރިއެރުމަށް އާބާދީގެ ފަރާތުން ލިބޭ އެހީތެރިކަން ތިންބައިކުޅަ އެއްބަޔަށް ކުޑަވެގެންދާނެ އެވެ. ވޯލްޑް ބޭންކުގެ އަންދާޒާތަކުން ދައްކާ ގޮތުގައި އިންޑިއާގެ މަސައްކަތްކުރާ އާބާދީވެސް ކުރިއަށް އޮތް ދިހަ އަހަރަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ މައްޗަށް ދިއުމަށްފަހު ދަށްވާން ފަށާނެ އެވެ.
އެހެން ސަރަހައްދުތަކާ އަޅާބަލާއިރު ދެކުނު އޭޝިއާ މުސްކުޅިވަމުންދާ ދުވެލި މާ ހަލުުވި އެވެ. ތަރައްގީވަމުން އަންނަ ގައުމުތަކުގައި އާބާދީ މުސްކުޅިވުމަށް އާންމުކޮށް 32 އަހަރު ނަގާއިރު، ދެކުނު އޭޝިއާގައި މި ބަދަލު އަންނަނީ 25 އަހަރުގެ ތެރޭގަ އެވެ. މީގެ މާނައަކީ ވަޒީފާ އުފެއްދުމަށާއި މުސްކުޅިންނަށް ބޭނުންވާ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ގާއިމުކުރުމަށް މި ސަރަހައްދަށް ލިބޭ ވަގުތު އެހެން ގައުމުތަކަށްވުރެ މަދުވުމެވެ.
މިހާރުވެސް މި ސަރަހައްދުގެ މަސައްކަތްކުރާ އާބާދީގެ 60 ޕަސެންޓު މީހުން ވަޒީފާ އަދާކުރާއިރު، އޭގެ ތެރެއިން ގިނަ މީހުން އުޅެނީ ނުރަސްމީ ދާއިރާތަކުގަ އެވެ. މަސައްކަތްކުރާ އާބާދީ މަދުވުމުން އިގްތިސާދީ ދުވެލި މަޑުޖެހި، މުސްކުޅިން ބެލެހެއްޓުމުގެ ބުރަ ބޮޑުވެގެންދާނެއެވެ. ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ޖަމިއްޔާ (އައިއެލްއޯ) އިން ބުނާ ގޮތުގައި، މި ސަރަހައްދުގައި މުސްކުޅިންނަށް އަޅާލާނެ މަސައްކަތްތެރިންގެ އަދަދު 2023 ވަނަ އަހަރު އޮތް 13 މިލިއަނުން 2050 ވަނަ އަހަރު 31 މިލިއަނަށް އިތުރުކުރަން ޖެހޭނެ އެވެ.
ވޯލްޑް ބޭންކުން ބަޔާންކުރާ ގޮތުގައި ދެކުނު އޭޝިއާއަށް މިހާރު އޮތީ ދެ ގޮންޖެހުމެކެވެ. އެއީ މިހާރު އޮތް މަސައްކަތްކުރާ އާބާދީގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމާއި، ހަމައެއާއެކު މުސްކުޅިވަމުންދާ އާބާދީއަށް ތައްޔާރުވުމެވެ. ދުޅަހެޔޮ އަދި ހުނަރުވެރި މަސައްކަތްތެރިން އުފައްދައި، އިޖުތިމާއީ ރައްކާތެރިކަން ވަރުގަދަކޮށް، ރަނގަޅު އާމްދަނީ ލިބޭ ވަޒީފާތައް އުފައްދައިގެން މެނުވީ މި ސަރަހައްދުގެ އިގްތިސާދީ ކުރިމަގު އުޖާލާ ނުވާނެ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.







