ފިނި މޫސުން ފެށުމާއެކު އިންޑިއާގެ ވެރިރަށް ދިއްލީގެ ވައި ނުސާފުވެ، އެ ސިޓީއަށް އަނެއްކާވެސް ވަނީ ވައިގެ ތަޣައްޔަރުކަމުގެ މައްސަލަ ކުރިމަތިވެފަ އެވެ.
ފުއްޕާމޭގެ ތެރެއަށް ވަދެ، ނޭވާލާ ނިޒާމަށް ނުރައްކާކުރާ ޕީއެމް 2.5 ހުރި މިންވަރު ބަލާ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) މިހާރު ވަނީ 300 އިން މައްޗަށް އަރައިފަ އެވެ. މިއީ "ވަރަށް ދަށް" ދަރަޖައެއް ކަމަށްވާއިރު، މީގެ ސަބަބުން ދިއްލީގައި ދިރިއުޅޭ ރައްޔިތުންގެ ސިއްހަތަށް ވަނީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފަ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން މިފަދަ ނުސާފު ވައިގެ ތެރޭގައި އުޅުމަކީ ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމާއި، ކުރިން ހުންނަ ބަލިތައް އިތުރަށް ގޯސްވާ ކަމެކެވެ. މީގެ ނުރައްކާ އެންމެ ބޮޑަށް ކުރަނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށެވެ.
ވައިގެ ތަޣައްޔަރުކަން ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ "ގްރޭޑެޑް ރެސްޕޮންސް އެކްޝަން ޕްލޭން" (ޖީއާރްއޭޕީ) ގެ ދެވަނަ މަރުހަލާ އިއުލާންކޮށްފަ އެވެ. މީގެ ދަށުން ހިރަފުހާއި، އުޅަނދުފަހަރުން ބޭރުކުރާ ދުމާއި، ވައި ނުސާފުވާ އެހެނިހެން ކަންކަން ކޮންޓްރޯލް ކުރުމަށް ވަނީ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ.
ކޮންމެ އަހަރެއްގެ ފިނި މޫސުމާ ދިމާކޮށް ދިއްލީ އާއި އިންޑިއާގެ އުތުރުގެ ސަރަހައްދުތަކުގެ ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވެ އެވެ. ވަކިން ހާއްސަކޮށް، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފާހަގަކުރާ އިންޑިއާގެ އެންމެ ބޮޑު އެއް ފެސްޓިވަލް ކަމަށްވާ ދިވާލީއާ ދިމާކޮށް މި މައްސަލަ އިތުރަށް ބޮޑުވެ އެވެ.
ބައްތިތަކާއި ހަވާ އެރުވުމާއެކު ފާހަގަކުރާ މި ފެސްޓިވަލްގެ ސަބަބުން، ޖައްވުގެ ތެރެއަށް ވިހަ ގޭސް ބޭރުވެ، މިހާރުވެސް ގޯސްވެފައިވާ ވައިގެ ފެންވަރު އިތުރަށް ދަށްވެގެންދެ އެވެ.
ކޮންމެ އަހަރަކު ކުރިމަތިވާ މި ތަޣައްޔަރުކަމުގެ މައްސަލަ ދިމާވަނީ އުޅަނދުފަހަރުގެ ދުމާއި، ކާރުޚާނާތަކުން ބޭރުކުރާ ވިހަ ގޭހާއި، ފިނިހޫނުމިން ދަށްވުމާއި، ވައި މަޑުވުމުގެ އިތުރުން ދިއްލީ ކައިރީގައިވާ ސްޓޭޓްތަކުގެ ދަނޑުވެރިން ބިންތައް އަންދާތީ އެވެ.
މީގެ ކުޑަދުވަސްކޮޅެއް ކުރިން އައި ތޫފާނަކާ ގުޅިގެން ވެހުނު ވާރެ އާއި ބާރު ވައިގެ ސަބަބުން ޖައްވު ކޮންމެ ވެސް ވަރަކަށް ސާފުވި އެވެ. ނަމަވެސް މޫސުން ހަމައަކަށް އެޅުމާއެކު، އުތުރު ހުޅަނގުން ޖެހޭ ވައިގެ ސަބަބުން ދަނޑުތައް އެންދުމުން އުފެދޭ ދުންތައް އަނެއްކާވެސް ވަނީ ވެރިރަށާ ދިމާލަށް ފެތުރެން ފަށައިފަ އެވެ.







