ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ އަމިއްލަ ވިޔަފާރިއެއްގެ މަސްލަހަތާ ގުޅުން އޮތް ޑިޖިޓަލް ބޭންކެއް ބަނގުރޫޓުވި މައްސަލައިގައި، މަގާމުން އަޒުލުކޮށް ގޭބަންދުކޮށްފި އެވެ.
ޕެންޔާގެ އަމިއްލަ ޕާޓީގެ މެންބަރުން ހިމެނޭހެން، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އިއްތިފާގުން އޭނާ މަގާމުން ވަކިކުރަން ނިންމިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، ހުކުރު ދުވަހު އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. މި ފިޔަވަޅު އަޅާފައިވަނީ މި ހަފުތާގެ ކުރީކޮޅު "ޔުއެނޯ ބޭންކް" ބަނގުރޫޓުވުމާ ގުޅިގެން އުފެދުނު ބޮޑު ސިޔާސީ ނުތަނަވަސްކަމާ ގުޅިގެންނެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށް ބުރާސްފަތި ދުވަހު ޕެންޔާ ހުށަހެޅުއްވި ނަމަވެސް، ސެނެޓުން އެ އިސްތިއުފާ ގަބޫލުކުރުމުގެ ބަދަލުގައި ނިންމީ އޭނާ އަޒުލުކުރުމަށެވެ. އަދި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ދައުވާ އޭނާގެ މައްޗަށް އުފުލުމާ ގުޅިގެން، ކުރީގެ ރައީސުންނަށް ލިބިދޭ ގާނޫނީ ރައްކާތެރިކަން ނުވަތަ އިމިއުނިޓީ މިހާރު ވަނީ އޭނާގެ ކިބައިން އުނިވެފަ އެވެ.
މިދިޔަ އަހަރާ ހަމައަށް އެ ބޭންކުގެ މައި ކުންފުނީގެ ހިއްސާ އޮތް ޕެންޔާ ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރައްވާފަ އެވެ.
ޕެރަގުއޭގެ މަރުކަޒީ ބޭންކުން ޔުއެނޯ ބޭންކް ހިފެހެއްޓުމާ ގުޅިގެން، އެ ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަށް އެމީހުންގެ ރައްކާކުރެވިފައިވާ ފައިސާ ނުލިބި، ބޮޑު ތަކުލީފަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
އަންދާޒާކުރެވޭ ގޮތުގައި ތިން މިލިއަނެއްހާ ޑިޕޮސިޓަރުންނަށް އެމީހުންގެ ސޭވިންގްސް އަދި ޕެންޝަން ފައިސާ ނުލިބި ހުރިއިރު، މި މައްސަލައިގައި ގައުމުގެ ވެރިރަށް އަސުންސިއޯންގައި ދަނީ މުޒާހަރާ ކުރަމުންނެވެ.
ޕެންޔާ މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އޭނާގެ އަމިއްލަ މަސްލަހަތު ފުށުއަރާ ކަންކަމުގައި ބައިވެރިވެފައިވާ ކަމަށާއި، ރެގިއުލޭޓަރީ އިދާރާތަކަށް ނުފޫޒު ފޯރުވައި، ޕެންޝަން ފަންޑުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، މަރުކަޒީ ބޭންކާ ގުޅިގެން މުއައްސަސާގެ ތެރެއިން ކަންކަން ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ އާއި، ނުފޫޒު ފޯރުވުމާއި، ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ހޮނިހިރު ދުވަހު ޕެންޔާއާ ސުވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ޕްރޮސިކިއުޓަރު ސިލްވިއާ މާގަރީޓާ ގޮންޒާލޭޒް ވެސްޓާ ވިދާޅުވި އެވެ.
ޕެންޔާ އަޒުލުކުރުމަށް ސެނެޓުގައި ނެގި ވޯޓުގައި، 45 ސެނެޓަރުންގެ ތެރެއިން 44 މެންބަރުން ވަނީ އޭނާ ވަކިކުރުމަށް ވޯޓު ދެއްވާފަ އެވެ. އެ ވަގުތު މަޖިލީހަށް ހާޒިރުނުވަނީ އެންމެ މެންބަރެކެވެ.
ވޯޓަށް ފަހު ސެނެޓުގެ ރައީސް ބަސީލިއޯ ނޫނިއޭޒް ވިދާޅުވީ، ޕެންޔާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށެވެ.
ޕެންޔާ މަގާމުން ވަކިކުރުމާ ގުޅިގެން، ޕެރަގުއޭގެ ރައީސްކަމުގެ ހުވާ ވަގުތީ ގޮތުން ކުރެއްވީ ނައިބު ރައީސް ޕެޑްރޯ އަލިއާނާ އެވެ.
"މި މާލީ އިނދަޖެހުމުގެ ސަބަބުން ދަތި ހާލަތުގައި ތިބި ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު ފުރިހަމައަށް ދޭނަން،" 2028 ވަނަ އަހަރާ ހަމައަށް ރައީސްކަމުގެ މަގާމުގައި ހުންނަވާނެ އަލިއާނާ ވިދާޅުވި އެވެ.
ސެނެޓަރު ރަފައޭލް ފިލިޒޯލާ ވިދާޅުވީ، މިއީ އެ ގައުމުގެ ޑިމޮކްރެސީގެ ތާރީޚުގައި ކުރިމަތިވި އެންމެ ބޮޑު ކޮރަޕްޝަނުގެ މައްސަލަ ކަމަށާއި، މީގެ ސަބަބުން ދައުލަތަށާއި، އަމިއްލަ ފަރުދުންނަށް އަދި ގައުމަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ބޭންކު ބަނގުރޫޓުވި މައްސަލައިގައި ޕެންޔާގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ ފުރުސަތު ބޮޑެވެ.
ނަމަވެސް ޕެންޔާގެ ދިފާއީ ވަކީލު ރިކާޑޯ ޕްރެޑާ ވަނީ މި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް، ޒިންމާދާރުކަން ކުޑަ އަދި ސިޔާސީ މަންފާއެއް ހޯދުމަށް ކުރާ ތުހުމަތުތަކެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
ބުރާސްފަތި ދުވަހު ގައުމާ މުހާތަބު ކުރައްވަމުން ޕެންޔާ ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ. އަދި ރައްޔިތުން އޭނާއަށް ކުރި އިތުބާރަށް ހިޔާނާތްތެރިވުމަކީ ދުވަހަކު ވެސް އޭނާގެ ނިޔަތެއް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.







