ވ. ރަކީދޫ ކައުންސިލުގެ އިދާރާގެ ވަގުތީ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުރި މުވައްޒަފަކު، އޭނާގެ އަސްލު މުސާރައިގެ އިތުރުން ގަވާއިދާ ހިލާފަށް އެހެން ނަމެއްގައި ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލައެއް އޮޑިޓް އޮފީހުން ފަޅާއަރުވާލައިފި އެވެ.
ރަކީދޫ ކައުންސިލުގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓުން ހާމަވެފައިވާ ގޮތުގައި، މި މުވައްޒަފު ވަނީ ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި އޭނާގެ ވަޒީފާގެ މުސާރައިގެ އިތުރުން މިސްކިތު ވޭޖު ގެ ނަމުގައި ތިންލައްކައަށް ވުރެ ގިނަ ރުފިޔާ ނަގައިފަ އެވެ.
އޮޑިޓު ރިޕޯޓުގައި ވަނީ، އެ މުވައްޒަފަށް ދެ މަގާމުގެ މުސާރަ ލިބޭ ގޮތަށް ފައިސާ ދޫކުރަމުން ދިޔަ ނަމަވެސް، އިތުރު މުސާރައެއް ނުވަތަ އުޖޫރައެއް ދޭންޖެހޭ ފަދަ އެއްވެސް މަސައްކަތެއް އޭނާއާ ހަވާލުކޮށްފައިވާކަން އެނގޭކަށް ނެތް ކަމަށެވެ. މިއީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި އޮޑިޓް އޮފީހުން ބުންޏެވެ.
ރަކީދޫ ކައުންސިލުގެ ވަގުތީ އެސްޖީގެ "ދެ ވަނަ" ވަޒީފާގެ އާމްދަނީ
- 2022 - 88،200ރ.
- 2023 - 69،300ރ.
- 2024 - 61،300ރ.
- 2025 - 118،800ރ.
- ހަތަރު އަހަރުގެ ޖުމްލަ - 337،600ރ.
މީގެ އިތުރުން، ކައުންސިލުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 79،771ރ. އެ މުވައްޒަފުގެ އަމިއްލަ ބޭންކު އެކައުންޓަށް ޖަމާކޮށްފައި ވާކަން ވެސް އޮޑިޓުން ވަނީ ހާމަވެފަ އެވެ. މި ފައިސާއަކީ އެ ކައުންސިލުން އެހެނިހެން ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ އެވެ.
އޮޑިޓް އޮފީހުން ބުނި ގޮތުގައި، މި ބުނާ ފަރާތްތަކަށް ރައްދުކުރުމަށް އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާ ކަމަށް ބުނި ނަމަވެސް، އެ ފައިސާގެ ހައްގުވެރިންނަށް އެ ފައިސާ ލިބުނުކަން ކަށަވަރުކުރެވޭނެ އެއްވެސް ލިޔެކިޔުމެއް ކައުންސިލް އިދާރާގައި ބަލަހައްޓާފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ އޭނާގެ މައްސަލަ ބަލައި ފިޔަވަޅުތަކެއް އެޅުމަށް އަންގާފަ އެވެ.
އެ ގޮތުން، އެ މުވައްޒަފުގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ފައިސާއަށް ވީގޮތެއް ބަލައި ކަށަވަރުކުރުމަށް ފަހު، އެ ފައިސާ އަނބުރާ ހޯދަން ވަނީ އަންގާފަ އެވެ. އަދި ގަވާއިދާ ހިލާފަށް ދެ މުސާރަ ނެގި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިގެން ތަހުގީގުކުރުމަށާއި، ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރުމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދީފަ އެވެ.
އޮޑިޓު ރިޕޯޓުގައި ނެތް ނަމަވެސް އަދަދު ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި މި މުއްދަތުގެ ތެރޭގައި ރަކީދޫ ކައުންސިލުގެ ވަގުތީ އެސްޖީއަކަށް ހުރީ ހުސެއިން މުއާޒެވެ. އޭނާއަަކީ މިހާރު އެ ކައުންސިލުގައި ވަޒީފާ އަދާކުރާ މުވައްޒަފެއް ނޫން ކަން ވެސް ވަނީ ކަށަވަރުކުރެވިފަ އެވެ.












