އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް (އޭއީއެޗް) އަށް ބޭނުންވާ އާންމު ކޮންޒިއުމަބަލްސް ނުވަތަ ބޭނުންކޮށްފައި އުކާލެވޭ ތަކެތި ހޯދުމުގައި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ތަކެތި ގަނެ، ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ވާގޮތަށް އަމަލުކޮށްފައިވާތީ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އަށް ފޮނުވަން ނިންމައިފި އެވެ.
އޭސީސީން ބުނީ މި މައްސަލައިގައި ދައުވާކުރަން ނިންމީ އޭއީއެޗްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓާ ހަވާލުވެ ހުރި މުވައްޒަފާއި ތަކެތި ހޯދަން ނިންމި ބިޑް ކޮމިޓީގެ ޖަލްސާގައި ބައިވެރިވި ތިން މުވައްޒަފަކަށެވެ.
އެ މުވައްޒަފުންނަށް ކުރަން ނިންމާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.
ދައުވާކުރަން ނިންމި އޭއީއެޗްގެ މުވައްޒަފުން:
- ސ. ހިތަދޫ، ފިޔަނޫމާގެ، މުހައްމަދު ސާއިން އަހްމަދު – ޕްރޮކިއުމަންޓް އޮފިސާ / ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި (ބީލަމުގެ އިވެލުއޭޝަން އެޕްރޫވްކުރި ފަރާތް)
- ސ. ހިތަދޫ، އެވެރެސްޓު، އަޒީމް ލަތީފް - ސީނިއަރ ހެލްތުކެއާ އެޑްމިނިސްޓްރޭޝަން އޮފިސާ (ކުންފުނިން ހުށަހެޅި އަގުގައި އެ އައިޓަމް ސަޕްލައިކުރުމަށް ނިންމި ބިޑު ކޮމިޓީގެ ޗެއާޕާސަން)
- ސ. ހިތަދޫ، ތައުރުއްގެ، އަބްދުﷲ ވަހީދު، – ސީނިއާ ކަސްޓަމާ ރިލޭޝަންސް އޮފިސާ (ބިޑު ކޮމިޓީގެ މެންބަރު)
- ސ. ހިތަދޫ، ހަންހާރުގެ، ޑރ. ފާތިމަތު އަމާނީ ނަސީރު – ޕީޑިއެޓްރީޝަން (ބިޑު ކޮމިޓީގެ މެންބަރު)
މި މައްސަލައިގައި ގެއްލުންވާ ފައިސާގެ އަދަދު ހިސާބުކުރުމަށާއި މި މައްސަލައިގައި ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ މުވައްޒަފުންގެ އިދާރީ މައްސަލަ ބަލައި، އެ ފަރާތްތަކުން އަނބުރާ ހޯދަންޖެހޭ އަދަދުތައް ކަނޑައަޅައި އެ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އެންގުމަށްވެސް އޭސީސީން ވަނީ ނިންމާފައިވެއެވެ.
އޮޑިޓު އޮފީހުން ނެރެފައިވާ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ 2022 އާއި 2023 އަދި 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، ހޮސްޕިޓަލަށް ތަކެތި ގަތުމުގައި މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ އިގުތިސޯދީ ގޮތުން އެންމެ ފައިދާހުރި އަދި ޒިންމާދާރު އުސޫލުތަކަށް އަމަލުކޮށްފައި ނުވާ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2022 އިން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ތަކެތި ހޯދުމަށް ކުރި އިއުލާނުތަކުގެ ދަށުން ގިނަ އަދަދެއްގެ ތަކެތި ގަނެފައިވަނީ އެ ތަކެތި ވަކިން ވިއްކާ އަގުގަ އެވެ.
މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ގިނަ އަދަދަކަށް ތަކެތި ގަންނައިރު އެއްޗެއް ވަކިން ގަންނަ އަގުގައި ތަކެތި ގަނެގެން ނުވާނެ އެވެ. ނަމަވެސް، ހޮސްޕިޓަލުން 70 އަށް ވުރެ ގިނަ އައިޓަމަށް އަގު ހޯދިއިރު، އޭގެ ތެރެއިން ގިނަ ތަކެތި ގަނެފައި ވަނީ ބަލްކް ޕާޗޭސް ޑިސްކައުންޓް ފަދަ މާލީ ފައިދާތައް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓު އަގުގަ އެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބޮޑު އަގުގައި ތަކެތި ގަތުމުން މިލިއަނުން ގެއްލުން
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.
އަގުބޮޑުކޮށް ގަނެފައިވާ ތަކެތީގެ ތަފުސީލު (2022)"
| ގަނެފައިވާ ތަކެތި | މާކެޓް ރޭޓް (ރ.) | އެއްބަސްވުމުގައިވާ އަގު (ރ.) | ފަރަގު (ރ.) | ގަނެފައިވާ އަދަދު | އިތުރަށް ހިނގާފައިވާ ހަރަދު (ރ.) |
| ބްލޭންކް ޑީވީޑީ | 4.67 | 21.60 | 16.93 | 18,700 | 316,591 |
| ޑިސްޕޯސަބަލް ތަށި | 0.3 | 0.88 | 0.58 | 175,000 | 101,500 |
| A4 ކަރުދާސް ރީމް | 56.18 | 78.30 | 22.12 | 985 | 21,788 |
| A5 ކަރުދާސް ރީމް | 40.77 | 54.00 | 13.23 | 1,170 | 15,479 |
| ދޮންނަ ކުނޑި | 30.97 | 46.38 | 15.41 | 960 | 14,794 |
އަގުބޮޑުކޮށް ގަނެފައިވާ ތަކެތީގެ ތަފުސީލު (2023):
| ގަނެފައިވާ ތަކެތި | މާކެޓް އަގު (ރ.) | އެއްބަސްވުމުގައިވާ އަގު (ރ.) | ފަރަގު (ރ.) | ގަނެފައިވާ އަދަދު | އިތުރަށް ހިނގާފައިވާ ހަރަދު (ރ.) |
| ބްލޭންކް ޑީވީޑީ | 4.67 | 23.1 | 18.43 | 38,050 | 701,261 |
| ޑިސްޕޯސަބަލް ތަށި | 0.3 | 1 | 0.70 | 631,000 | 441,700 |
| ޑަސްބިން ބޭގް (ލާޖް) | 3.3 | 6.2 | 2.9 | 46,500 | 134,850 |
| ޑަސްބިން ބޭގް (މީޑިއަމް) | 1.65 | 4.1 | 2.45 | 44,700 | 109,515 |
| ހޭންޑްވޮޝް | 22 | 62.5 | 40.5 | 2,453 | 99,346 |
| ހޮސްޕިޓަލް ކްރޮކްސް (ފައިވާން) | 137.8 | 510 | 372.2 | 192 | 71,462 |
| ޑަސްބިން ބޭގް (ކުދި) | 1.5 | 3.1 | 2.6 | 34,800 | 55,680 |
| ޖުމުލަ | 2,083,966 |
އޮޑިޓުގައި ހުރި މައުލޫމާތުން ދައްކާ ގޮތުގައި 2022 ގައި މީގެ ސީޑިއެއް ގަތީ 21.6ރ. އަށެވެ. މިއީ މާކެޓު އަގަށް ވުރެ 16.9ރ. ބޮޑު އަދަދެކެވެ. ޖެހިގެން އައި އަހަރު މި މި ސީޑީތައް ގަންނަ އަގު ވަނީ 23.1ރ. އަށް ބޮޑުކޮށް، މާކެޓު އަގާ ހުރި ފަރަގު ވަނީ 18.4ރ. އަށް ބޮޑުކޮށްފަ އެވެ. މި މުއްދަތުގެ ތެރޭގައި މާކެޓު އަގު (4.67ރ) ލޯ ލާރިއެއް ވެސް ބޮޑު ނުވެ އެވެ.
މި މައްސަލަތަކާ ގުޅިގެން އޮޑިޓާ ޖެނެރަލް ވަނީ ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ނިޒާމު އިސްލާހުކޮށް، ދައުލަތުގެ ފައިސާ ހަރަދުކުރުމުގައި މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ ހާމަކަން ބޮޑު އަދި ޒިންމާދާރު އުސޫލުތަކަށް އަމަލުކުރުމަށް އިރުޝާދު ދީފަ އެވެ. އަދި ބީލަންތައް އިވެލުއޭޓް ކުރުމުގައި ހޮސްޕިޓަލަށް އެންމެ ފައިދާހުރި ގޮތްތައް އިހުތިޔާރު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ.








