ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނި ކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
މި މައްސަލަ ބަލަން ފަށާފައިވާކަން ހާމަކޮށް ފުލުހުންގެ ހިދުމަތުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެއީ ގާނޫނީ ގޮތުން ހުއްދަ ނޫން އަމަލަކަށް ވާތީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ ރާއްޖޭގެ ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ވެފައި، ދީނީ އަދި ޝަރުއީ އުސޫލުތަކާއި، ގާނޫނުތަކާއި، އާންމު އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު އެފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ރިސޯޓްތަކާއި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ވެސް އެފަދަ ކަންކަން ހިންގިޔަ ނުދިނުމަށް ފުލުހުން ވަނީ އަންގާފަ އެވެ.
ފުލުހުން ވަނީ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެ ބަޔާނުގައި ދީފައިވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގެ ސްނެޕްޝޮޓްތަކުން ފެންނަ ގޮތުގައި، ރާއްޖޭގެ ރިސޯޓެއްގެ ގޮނޑުދޮށުގައި ދެ ފިރިހެނުން އަތުގުޅައިގެން ތިބެ އެވެ. އެ މީހުން ލައިގެން ތިބި ހެދުމާއި ފެންނަ މަންޒަރުތަކަށް ބަލާއިރު އެއީ ރަމްޒީ ކައިވެނީގެ ހަފުލާއެއް ކަމަށް ބެލެވެ އެވެ.
މި ވީޑިއޯ އާންމުވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި، ރާއްޖޭގެ ފަސްގަނޑުގައި އެފަދަ ކަންކަން ހިންގުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ.






