މެދުރާއްޖެތެރޭ ރަށެއްގައި ދަރިވަރުންތަކެއް، އެހެން ދަރިވަރަކަށް ސޯޝަލްމީޑިއާގައި ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލަ ބަލަމުން ދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެން ކަމަށެވެ.
"ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ސްކޫލް ދަރިވަރުންތަކެއް، އެހެން ދަރިވަރަކަށް އިންޓަނެޓު މެދުވެރިކޮށް ބުލީކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެެ،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.
މިއީ އެފަދަ މައްސަައެއް ފުލުހުން ތަހުގީގު ކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އިންޓަނެޓުގައި މީހަކަށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކޮށްފައެއް ނުވެ އެވެ.
މިފަދަ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށާފައިވާއިރު، މެދުރާއްޖެތެރޭ ރަށެއްގައި ކިޔަވަމުންދާ ސްކޫލް ދަރިވަރެއްގެ ނަމުގައި ސޯޝަލްމީޑިއާގައި އެކައުންޓެއް ހަދައިގެން އެހެން ދަރިވަރުންތަކެއް ބުލީކުރަމުންދާ ވާހަކަތަކެއް ސޯޝަލްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ދައުރުވަމުންދާ ސްކްރީންޝޮޓުތަކުން ފެންނަ ގޮތުގައި، ޝިކާރައަށްވެފައިވާ ކުއްޖާގެ އަމިއްލަ ނަފުސަށް ގެއްލުން ދިނުމަށް ވެސް ބުލީ ކުރަމުންދާ އެކައުންޓުން ހިތްވަރުދީފައިވެ އެވެ.








