ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

Nov 4, 2026, 8:00 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އުމުރަކީ ހަށިގަނޑުގެ ދުޅަހެޔޮކަމާއި ވަރުގަދަކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދިނުމަށްޓަކައި، ޖަޕާނުގެ އުމުރުން 90 އަހަރުގެ ބޮޑީބިލްޑަރު ޓޮޝިސުކޭ ކަނަޒާވާ ސްޕެއިންގެ ކޯސްޓާ ޑެލް މަރެސްމޭގައި ބޭއްވި މުބާރާތެއްގައި ސްޓޭޖަށް އަރައިފި އެވެ.

އިންޓަނޭޝަނަލް ފިޓްނަސް އެންޑް ބޮޑީބިލްޑިން ފެޑެރޭޝަނުން އިންތިޒާމުކޮށްގެން ސަންތާ ސުސާނާގެ އައްސޭރިފަށު ރަށުގައި ބޭއްވި މި މުބާރާތުގައި ކަނަޒާވާ ވާދަކުރީ އޭނާއަށް ވުރެ އެތައް އަހަރެއް ހަގު އެތުލީޓުންނާ އެކު، 50 އަހަރުން މަތީގެ މާސްޓާސް ކެޓަގަރީގަ އެވެ.

ސްޓޭޖަށް އެރުމުގެ ކުރިން ބެކްސްޓޭޖުގައި ކަނަޒާވާ ވަނީ އޭނާއަށް ވުރެ ހަގު ވާދަވެރިންނެކޭ އެއްފަދައިން، އޭނާގެ ޓީމާއެކު ވާމްއަޕް ހަދައި، ސްޓޭޖުގެ އަލީގައި މަސްތައް ދައްކާލުމުގެ ކުރިން ހަށިގަނޑުގައި ސްޕްރޭ ޓޭން ޖަހައި ތައްޔާރުވެފަ އެވެ.

ފޮޓޯ: ރޮއިޓާސް
ފޮޓޯ: ރޮއިޓާސް

"އަހަރެން ބޭނުންވަނީ އެހެން އެއްވެސް މީހަކު ނުކުރާ ކަހަލަ ކަންކަން ކުރަން އުޅެން. އަދި ހުރިހާ ކަމަކަށް ވުރެ ބޮޑަށް އަހަރެން ބޭނުންވަނީ މުޅި އުމުރަށް ބޮޑީބިލްޑިންގެ ދާއިރާގައި ކުރިއަށްދާން،" ކަނަޒާވާ ބުންޏެވެ.

ކަނަޒާވާ ގަބޫލުކުރާ ގޮތުގައި އޭނާގެ ދިގު އުމުރާއި ހަށިގަނޑުގެ ވަރުގަދަކަމުގެ ސިއްރަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން އޭނާ ގެންގުޅޭ ހަރުދަނާ ކެއުމުގެ އުސޫލުތަކެވެ.

"މިއީ އަހަރެން ދިރާސާކޮށް، އިތުރަށް އުނގެނެން ބޭނުންވާ ކަމެއް. ނަމަވެސް އަހަރެންގެ އުމުރުން 50 އަހަރު ފުރުނީއްސުރެ މަސްތައް ވަރުގަދަ ކުރަމުން މިދަނީ މުޅިން ވެސް ޖަޕާނުގެ ކެއުންތައް ބޭނުންކޮށްގެން. އޭގެ ތެރޭގައި ބްރައުން ރައިސް އާއި، ނައްޓޯ (ފާމެންޓް ކޮށްފައިވާ ސޯޔާ ބީންސް) އަދި މިސޯ ސޫޕް ހިމެނޭ،" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ މިއީ ޖަޕާނުގެ ވަރަށް ސަގާފީ ކެއުމުގެ ގޮތްތަކެއް ކަމަށާއި، އެ ކެއުންތަކުގެ ސަބަބުން އުމުރުން 90 އަހަރު ވީއިރުވެސް އެއްވެސް ބައްޔެއް ނުޖެހި ސަލާމަތްވެފައިވާ ކަމަށެވެ.

މި މުބާރާތުން ވަނައެއް ނުލިބުނު ނަމަވެސް، ކަނަޒާވާ އަދިވެސް ހުރީ މި ކުޅިވަރުގައި އާ ހަރުފަތްތަކަކަށް ދިއުމަށް އަޒުމް ކަނޑައަޅައިގެންނެވެ. އޭނާ ވަނީ ކުޅިވަރުން ރިޓަޔާ ކުރުމުގެ ކުރިން އެންމެ ފަހު ފަހަރަށް މުބާރާތެއްގައި ބައިވެރިވުމުގެ ޕްލޭންތައް ހިއްސާކޮށްފަ އެވެ.

"އަހަރެން މި ވިސްނަނީ އުމުރުން 93 އަހަރުގައި އަދި އެއްފަހަރު މުބާރާތެއްގައި ވާދަކުރަން. އޭގެ ފަހުން ކަންނޭނގެ ރިޓަޔާ ކުރާނީ،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އުމުރުން ދުވަސްވާ ވަރަކަށް ހަންގަނޑުގައި ރޫޖެހުން އިތުރުވެ އެވެ. އަދި ޖަޕާނުގައި އާންމުކޮށް ގަބޫލުކުރާ ގޮތުގައި އެގޮތަށް ރޫޖެހުމުން ހަށިގަނޑުގެ ރީތިކަން ގެއްލިގެންދާ ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.

ކަނަޒާވާ އުންމީދު ކުރަނީ އޭނާގެ މި ހިތްވަރުގަދަ މަސައްކަތުގެ ސަބަބުން، އުމުރުން ދުވަސްވީ މީހުން ހަރަކާތްތެރިވެ އުޅުމަށާއި އާންމުކޮށް ކަނޑައަޅާފައިވާ ހުދޫދުތަކުން ބޭރަށް ނުކުމެ މަސައްކަތް ކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ.

"ކަމަކަށް އަޒުމް ކަނޑައަޅައިފި ނަމަ، ކޮންމެ ފަދަ ހާލަތެއްގައި ވެސް އެކަމެއް ނިންމުމުގެ ނަފްސާނީ ހިތްވަރާއި ސާބިތުކަން ހުންނަންވާނެ،" ކަނަޒާވާ ބުންޏެވެ.

އޭނާ ބުނީ އޭނާ ފަދައިން އެހެން މީހުން ވެސް ބުރަކޮށް މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ. އަދި އެގޮތަށް މަސައްކަތް ކޮށްފި ނަމަ، އުމުރުން ދުވަސްވީ ނަމަވެސް އޭނާ ފަދަ ދުޅަހެޔޮ މީހުން ގިނަވާނެ ކަމަށް ގަބޫލުކުރާ ކަމަށާއި، އޭނާ ބޭނުންވަނީ އެހެން މީހުންނަށް ނަމޫނާ ދައްކާ މީހަކަށް ވާން ކަމަށް ވެސް ކަނަޒާވާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox