އަހަރެމެންގެ ދިރިއުޅުމުގެ އާދަތަކުގެ ތެރޭގައި ހިމެނޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، މަރުވުމުގެ ނުރައްކަލުން ސަލާމަތްވުމަށް އެހީތެރިވެދެ އެވެ. މީޓިންތަކުގައާއި، މަތިންދާބޯޓުގައި ދަތުރުކުރާއިރު ނުވަތަ މި ލިޔުން ކިޔަން އިންނަ ވަގުތު ވެސް މިފަދަ ބައެއް ހަރަކާތްތައް ކުރެވިދާނެ އެވެ.
މުޅި ދުވަސް އިށީނދެގެން ހޭދަކުރުމަކީ ވަރަށް އާއްމުކޮށް ދިމާވާ ކަމެކެވެ. ފުރަތަމަ އޮފީހުގެ މޭޒުދޮށުގައި، އޭގެ ފަހުން ސައިކަލުގައި އަދި އެއަށްފަހު ސޯފާގައި ދެތިން ގަޑިއިރު ހޭދަކޮށްލެވެ އެވެ. މިގޮތަށް ވަގުތު ހޭދަވަމުން ގޮސް ރޭގަނޑުގެ ކެއުމާ ހަމައަށް ދާއިރު، މުޅި ދުވަހު އެއްވެސް ކަސްރަތެއް ނުކުރެވޭކަން އިހުސާސް ކުރެވެނީ ކުއްލިއަކަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަދާފައިވާ ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި، ހަރަކާތްތެރިކަން ކުޑަ ދިރިއުޅުމެއް އުޅުމަކީ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އިތުރުވާ ކަމެކެވެ. އެހެންކަމުން، އިށީނދެގެން ތިބޭ ވަގުތު މަދުކުރުމަށް ކުރެވޭ ކޮންމެ ކަމަކީ މުޅި ސިއްހަތަށް އޭގެ ފައިދާ ކުރާނެ ކަމެކެވެ. ނަމަވެސް، ކަސްރަތު ކުރުމަށް ވަގުތު ހޯދުމަކީ ގިނަ ފަހަރަށް ގޮންޖެހުމެކެވެ.
"އިންސިޑެންޓަލް އެކްސަސައިޒް" ނުވަތަ ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދި ހަރަކާތްތަކުގެ މުހިންމުކަން އަންނަނީ މި ހިސާބުންނެވެ. މިއީ ހާއްސަކޮށް ކަސްރަތު ކުރުމަށް ކަނޑައަޅާ ވަގުތުން ބޭރުން އަހަރެމެން ކުރާ ހަރަކާތްތަކެވެ. މިއަށް "ނޮން-އެކްސަސައިޒް އެކްޓިވިޓީ ތާމޯޖެނެސިސް" ނުވަތަ ނީޓްއޭ ވެސް ކިޔަ އެވެ. ނިއުޒީލެންޑްގެ އޯކްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީގެ ރިސާޗް ފެލޯއެއް ކަމަށްވާ އަނަންތާ ނާރަޔަނަން ވިދާޅުވާ ގޮތުގައި، މިއީ ނިދުމާއި، ކެއުމާއި އަދި ހާއްސަކޮށް ކުރާ ކަސްރަތު ފިޔަވައި، ހަށިގަނޑުގެ ހަރަކާތްތަކަށް ބޭނުންކުރާ ކޮންމެ ހަކަތައެކެވެ.
ދިރިއުޅުމުގެ ތެރެއިން ކުރެވޭ މިފަދަ ކުދި ހަރަކާތްތަކުގެ ތެރޭގައި، އިށީނދެގެން އިންނައިރު ފައި ތަޅުވާލުން ނުވަތަ ތަށި ދޮވުން ފަދަ ކަންކަން ހިމެނެ އެވެ. ނާރަޔަނަން ވިދާޅުވި ގޮތުގައި، އިށީނދެގެން އިންނަ ގޮތް ބަދަލުކޮށްލުމާއި، ކޮނޑު އަރުވާލުން ނުވަތަ ފައިގެ އިނގިލިތައް ހަރަކާތްކޮށްލުން ފަދަ ކުދިކުދި ކަންކަމަކީ ވެސް މިފަދަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މިފަދަ ކުދި ހަރަކާތްތަކަކީ ސިއްހަތު ރައްކާތެރިކުރުމަށް ލިބޭ ވަރަށް ބާރުގަދަ ވަސީލަތެއްކަން މިހާރު ދަނީ ހާމަވަމުންނެވެ. މީގެ ސަބަބުން ހަށިގަނޑުން ކެލަރީ އަންދާ މިންވަރު އިތުރުވެ، ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، އަދި މަރުވުމުގެ ނުރައްކާ ވެސް ކުޑަކޮށްދެ އެވެ.
ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ހަށިގަނޑުގެ ގުނަވަންތައް ތަޅުވައި ހަރަކާތްކުރުމުން މަސްތަކުގެ މަސައްކަތް އިތުރުވެ، އެއްވެސް ހަރަކާތެއް ނެތި އިށީނދެގެން އިނުމާ އަޅާބަލާއިރު ގިނައިން ކެލަރީ އަންދައިދެ އެވެ.
ގޭތެރޭގައި ކޮންމެ ދުވަހަކު ކުރާ މަސައްކަތްތަކުގެ ސަބަބުން، އިށީނދެގެން ތިބޭ ވަގުތު މަދުކޮށްދޭކަން އަހަރެމެން ގިނަ ފަހަރަށް ހަނދާން ނެތެ އެވެ. ކެއްކުމާއި، ގަސް ހެއްދުމާއި އަދި ވެކިއުމް ކުރުން ފަދަ ކަންކަމަކީ ވެސް މިފަދަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ސިއްހީ ފައިދާ ހޯދުމަށްޓަކައި ގަޑިއިރުތަކެއް ވަންދެން ހަރަކާތްތެރިވާކަށް ނުޖެހެ އެވެ. 2024 ވަނަ އަހަރު ހަދާފައިވާ ބޮޑު ދިރާސާއަކުން ދައްކާ ގޮތުގައި، ދުވާލަކު އެންމެ ހަތަރު މިނެޓު، ކުދިކުދި ހަރަކާތްތަކުގައި ހޭދަކުރުމުން ވެސް، ގިނަ ވަގުތު އިށީނދެގެން އިނުމުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމަށް އޮންނަ ނުރައްކާ ކުޑަކޮށްދެ އެވެ.
މައުލޫމާތު: ބީބީސީ









