މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް އެކަކުން އުމުރުން 21 އަހަރުގެ ދެ ޒުވާނުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގަ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ނޫރާނީވިލާ / އދ. ދިއްދޫ، ހުސައިން ޒަޔާން އާއި ގ. ސިނަމާލެ 022-13 / މާލެ، މުހައްމަދު އިޔާޒް އަބްދުﷲ އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ހުޅުމާލެ ފޭސް އެކެއްގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް، މި ދެ މީހުންނަށް ފުލުހުން ފެނުމާއެކު ސައިކަލެއްގައި ފިލަން ވަނީ މަސައްކަތް ކޮށްފަ އެވެ. އަދި ފުލުހުން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ހަތް ދަޅާއި، 6 ރަބަރު ޕެކެޓުގެ އިތުރުން 18 ސެލޯފިންކޮޅު ވަނީ ފެނިފަ އެވެ.
މި އޮޕަރޭޝަނުގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި ޖުމްލަ 297.4 ގްރާމް ހުރި ކަމަށް ފުލުހުން ބުނެ އެވެ.
ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހުސައިން ޒަޔާން 10 ދުވަހަށް އަދި މުހައްމަދު އިޔާޒް އަބްދުﷲ 7 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ނެވެ.








