ރަސްމާލެ މައްސަލަ؛ ތަރައްގީގެ މަޝްރޫއަކުން ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް ބަދަލުވުމުގެ ބިރު

ތަރައްގީގެ މަޝްރޫއުއެއް ދައްކުވައި ދިނުމަށް އުފައްދާފައިވާ މަންޒަރެއް

ތަރައްގީގެ މަޝްރޫއުއެއް ދައްކުވައި ދިނުމަށް އުފައްދާފައިވާ މަންޒަރެއް

ސޯޝަލް މީޑިއާގައި "ޑެތު" ގެ ނަމުން މަޝްހޫރު، އަލީ ޖުމާން، މިދިޔަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރީ ޓެރަރިޒަމްގެ އަމަލެއް ހިންގިކަމުގެ ކުށުގަ އެވެ. އޭނާއަކީ ވެސް އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ ދިނުމަށް ސަރުކާރުން ވެފައިވާ އެއްބަސްވުމާ ދެކޮޅު އެތައް ހާސް ރައްޔިތުންގެ ތެރެއިން މީހެކެވެ. ސަރުކާރުން މިކަމުގައި އަމަލުކޮށްފައިވާ ދޯހަޅި ގޮތްތަކާމެދު ސޯޝަލް މީޑިއާގައި އެތައް ޕޯސްޓެއް ކުރުމަށްފަހު، ދެން އޭނާ ހިޔާރުކުރީ އެހެން މަގެކެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އޭނާ ވަނީ އެތަނަށް ހަމަލާ ދީ، ރޯކޮށްލަން ގޮވާލާފަ އެވެ. އަނިޔާވެރި އަމަލެއް ހިންގަން ގޮވާލުމަކީ އަޅުގަނޑުމެންގެ ތެރެއިން އެކަކު ވެސް ތަރުހީބު ދޭނޭ ކަމެއް ނޫނެވެ. އެހެންނަމަވެސް އެކަން ކުރަން އޭނާއަށް ފެނުނީތީ އެއޮތީ އެކަން ކޮށްފަ އެވެ.

މި ހާދިސާއަކީ ހަމައެކަނި އެންމެ ފަރުދެއްގެ ޒިންމާދާރުކަން ކުޑަ ބަސްތަކެއްގެ ގޮތުގައި ދެކި، ނިންމައިލެވޭނޭ ކަހަލަ ކަމެއް ނޫނެވެ. އަދި މިއީ ރަސްމާލެ މަޝްރޫއާ ދެކޮޅު ހަދާ ކޮންމެ މީހަކީ ހަރުކަށި ފިކުރުގެ މީހެއްގެ ގޮތުގައި ސިފަކުރުމަށް ބޭނުންކުރެވޭނެ ކަމެއްވެސް ނޫނެވެ. ސަރުކާރުގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ގިނަ ބަޔަކު އެމީހުންގެ ދެކޮޅުވެރިކަން ފާޅުކުރަނީ އަދި ކުރަންވާނީ ވެސް ސުލްހަވެރިކަމާއިއެކު ގާނޫނީ އިމުގެ ތެރެއިންނެވެ. ނަމަވެސް، މި ހާދިސާއިން އުފެދޭ ސީރިއަސް ސުވާލަކީ، ރަސްމާލެއާ ގުޅޭ ބަހުސްތަކުގައި އެކަށީގެންވާ ސަމާލުކަމެއް ލިބިފައި ނުވާ ސުވާލެކެވެ. އެއީ، މި މަޝްރޫއާ މެދު އޮތް ދެކޮޅުވެރިކަން ސިޔާސީ ހިޔާލުތަފާތުވުމަކުން ބޭރުވެ، އަނިޔާވެރި އަމަލުތަކަކަށް މަގުފަހިކޮށްދޭ އުޒުރަކަށް ވެއްޖެ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

ހަގީގަތަށް ވާހަކަ ދައްކަމާ ހިނގާށެވެ. ހަރުކަށި ފިކުރަކީ ރާއްޖޭގައި އޮތް ހަގީގަތެކެވެ. މިއީ ސިޔާސީ ބޭނުމަކަށް ދައްކާ ވާހަކައެކޭ ހީފުޅު ނުކުރައްވައްޗެވެ. ހަރުކަށި ފިކުރުގެ މީހުންނާއި ގުރޫޕްތައް ރާއްޖޭގައި އުޅޭ ކަމަށާއި، ޓެރަރިސްޓް ޖަމާއަތްތަކަށް ދިވެހިން ރެކްރޫޓްކުރާ ކަމަށާއި، ދީނީ ހަރުކަށި ފިކުރާ ގުޅުންހުރި އަނިޔާވެރި ހާދިސާތައް ހިނގާފައިވާކަން ގަބޫލުކޮށް، ދިވެހި ސަރުކާރުން ވެސް އެތައް ރިޕޯޓެއް ނެރެފައި ވެ އެވެ. އިސްލާމް ދީނަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކި ކަމުގެ ތުހުމަތުގައި ވެސް މީހުންނަށް ހަމަލާދީ، ގެއްލުވާލައި، ނުވަތަ މަރާލާފައިވާކަމަށް ބުނެފައި ވަނީ ފުލުހުންގެ ތަހުގީގު ރިޕޯޓުތަކުގަ އެވެ. ރާއްޖޭގައި ހަރުކަށި ފިކުރުގެ ވިސްނުން އޮތްކަމީ ދެކޮޅު ހެދެން ނެތް ހަގީގަތެކެވެ. އެހެންކަމުން، މިފަދަ ބޮޑު މަޝްރޫއަކާ ގުޅިގެން އުފެދިފައިވާ ސިޔާސީ، ދީނީ އަދި ގައުމީ ކަންބޮޑުވުންތަކުގެ ބޭނުން ހަރުކަށި ފިކުރުގެ މީހުން ހިފާފާނެ ގޮތަކާ މެދު ވިސްނާ ނުލުމަކީ ޒިންމާދާރުކަން ކުޑަ ކަމެކެވެ.

Advertisement

ރަސްމާލޭގެ މަޝްރޫއުއާމެދު އެކި މީހުން އުފައްދަނީ އެކި ސުވާލުތަކެވެ. ބައެއް މީހުންނަށް މި މައްސަލައަކީ ހަމައެކަނި އިންވެސްޓްމަންޓެއް ނުވަތަ އިގުތިސާދީ ސިޔާސަތެއްގެ މައްސަލައެއް ނޫނެވެ. މިއީ ދީނާއި، ގައުމީ ވަންތަކަމާއި، އަދި ބޭރު ބަޔަކަށް ރާއްޖޭގެ ބިންތައް ދޫކޮށްލުމުގެ މައްސަލައެއްގެ ގޮތުގައި އެތައް ބަޔަކު ދެކެން ފަށައިފި އެވެ. މިފަދަ ވިސްނުންތަކަކީ ހަގީގަތުގެ މައްޗަށް ބިނާވެފައިވާ ކަންކަމަށް ވިޔަސް ނުވިޔަސް، އެކަމުގެ ހަގީގަތް ސަރުކާރުން ސިއްރުކުރާނަމަ، އެއީ ނުރައްކާތެރި ކަންކަމަށް ވެދާނެ އެވެ. އަމިއްލަ ގައުމާއި ދީނަށް ނުރައްކަލެއް އޮތް ކަމަށް އިހުލާސްތެރިކަމާއެކު ގަބޫލުކުރާ މީހަކު، އެ ނުރައްކަލެއް ދަފަރާކޮށްލުމަށް ކޮށްފާނީ ކޮންފަދަ ކަމެއްކަން އެނގޭނީ ކާކަށް ހެއްޔެވެ؟

ރަސްމާލެ މަޝްރޫއު ކުރިއަށް ގޮސް، އަމަލީ މަސައްކަތް ފެށުމުން ވެދާނެ ގޮތަކާ މެދު ވިސްނާލަމާ ހިނގާށެވެ. ބޭރުގެ އިންޖިނޭރުންނާއި، ކޮންޓްރެކްޓަރުންނާއި، އިންވެސްޓަރުން އަދި މަސައްކަތްތެރިން ރާއްޖެއަށް އަންނާނެ އެވެ. އަގުބޮޑު އިމާރާތްތަކާއި، ވިޔަފާރިތަކާއި، އުމްރާނީ ވަސީލަތްތައް ގާއިމުވާން ފަށާނެ އެވެ. ބައެއް ތަންތަނަކީ ބޭރު މީހުންގެ މިލްކިއްޔާތަށް ނުވަތަ އެމީހުން ދިރިއުޅޭ ތަންތަނަށް ވެދާނެ އެވެ. ދުވަސްތަކެއް ފަހުން، ރަސްމާލެއަކީ ބޭރުގެ ބޮޑެތި މާލީ މަސްލަހަތުތަކެއް ޖަމާވެފައިވާ ސަރަހައްދަކަށް ވެގެންދާނެ އެވެ.

މިހެން ކަންވެފައި އޮއްވައި، މި މަޝްރޫއުއާމެދު ކަންބޮޑުވާ ދިވެހިންގެ ބަޔަކު، މިކަމާ ދެކޮޅަށް ހަރުކަށި ފިކުރުގައި ނުކުންނަން ދިމާކޮށްފިނަމަ ދެން ވާނީ ކިހިނެއްބާ އެވެ. އެ މަޝްރޫއުގެ މެޝިނަރީތަކާއި، އިމާރާތްތަކާއި، ވިޔަފާރިތަކަށް ނުވަތަ އެ މަސައްކަތުގައި އުޅޭ މީހުންނަށް ހަމަލާދީފި ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ސިޔާސީ ނުވަތަ ދީނީ އުޒުރެއް ދެއްކި ނަމަވެސް، އެ އަމަލަކީ އޭގެ ޒާތުގައި ޖިނާއީ ކުށެކެވެ. އަޅުގަނޑުމެންގެ އެކަކަށް ވެސް ބަލައިގަނެވޭނޭ ކަމެއް ވެސް ނޫނެވެ. އެހެންނަމަވެސް، އެފަދަ ހަމަލާއެއްގެ ނަތީޖާ، އެ ހަމަލާގެ ޝިކާރައަކަށްވާ މީހުންނަށް ވުރެ މާ ދުރަށް ފެތުރިގެންދާނެކަން އަޅުގަނޑުމެންގެ ވިސްނުމުގައި ބަހައްޓަން ޖެހެ އެވެ.

އެފަދަ ހަމަލާއެއް ދީފި ނަމަ، އިންވެސްޓަރުންނާއި، ބޭރުގެ ސަރުކާރުތަކާއި، އަދި ރަސްމާލޭގައި މަސައްކަތްކުރާ ނުވަތަ ދިރިއުޅޭ މީހުންގެ އާއިލާތަކުން ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް އެދޭނެ އެވެ. މަޝްރޫއު ހިންގާ ކުންފުނިން އެމީހުންގެ މުވައްޒަފުންނާއި މުދާ ރައްކާތެރިކުރުމަށް ވެސް އެދޭނެ އެވެ. ބޭރުގެ ސަރުކާރުތަކުން އެ ގައުމުތަކުގެ ރައްޔިތުންގެ ސަލާމަތާ މެދު ކަންބޮޑުވުން ފާޅުކުރާނެ އެވެ. މީގެ ސަބަބުން ހާރިޖީ ފިއްތުންތައް އިތުރުވެ، ސަލާމަތީ ކަންކަން މިހާރަށް ވުރެ ފުޅާކުރުމަށް ދިވެހި ސަރުކާރަށް މަޖުބޫރުވެދާނެ އެވެ. މިއީ އިގުތިސާދީ މަޝްރޫއެއް ގައުމީ ސަލާމަތުގެ ކާރިސާއަކަށް ބަދަލުވެގެންދާނެ ހިސާބެވެ.

ރަސްމާލޭގެ މުޅި ސަރަހައްދުގައި ވެސް ހިނގާނީ ދިވެހިރާއްޖޭގެ ސިޔާދަތާއި ގާނޫނު ތަންފީޒުކުރުގެ ބާރު ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، އެއްބަސްވުމުގެ ދަށުން ސަލާމަތީ ކަންކަމަށް އޮތީ ކޮން ފުރުސަތުތަކެއްތޯ އާއި، ސަރުކާރުން އުފުލަންޖެހޭ ޒިންމާތަކަކީ ކޮބައިތޯ އާއި، އަދި ހަމަނުޖެހުމެއް ހިނގައިފި ނަމަ އަމަލުކުރާނެ ގޮތަކާ މެދު ވިސްނަން ޖެހެ އެވެ. ދިވެހިންގެ ހިތްތަކަށް އެ ތަސައްލީ ލިބޭން ޖެހެ އެވެ. އެކަމުގައި ހުރީ ބައިވަރު ސުވާލުތަކެވެ. އެ މަޝްރޫއު ހިންގާ ކުންފުންޏަށް އަމިއްލަ ސެކިއުރިޓީ ބޭނުންކުރުމުގެ ހުއްދަ އޮވޭ ހެއްޔެވެ؟ އެހެންކަމަށްވާ ނަމަ، އެމީހުންނަށް ލިބިގެންވަނީ ކޮން ބާރުތަކެއް ހެއްޔެވެ؟ އެމީހުންނަށް ބޭރުގެ ސެކިއުރިޓީ އެޑްވައިޒަރުން ނުވަތަ ކޮންޓްރެކްޓަރުން ނެގިދާނެ ހެއްޔެވެ؟ ހަމަލާއެއްގައި ބޭރު މީހަކު މަރުވެއްޖެ ނަމަ ނުވަތަ ސީރިއަސް އަނިޔާއެއް ލިބިއްޖެ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ބޭރުގެ އިންވެސްޓަރުންގެ މުދާ ރައްކާތެރިކޮށްދިނުމަށް ރާއްޖެއިން އުފުލަންޖެހޭ ޒިންމާތަކަކީ ކޮބައި ހެއްޔެވެ؟

މިއަށްވުރެ ނުރައްކާތެރި ކަމަކީ، އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ބުރު އެނބުރެން ފެށުމެވެ. އެތަނުގައި ހިންގާ މަޝްރޫއުއަށް، ނުވަތަ ދިރިއުޅޭ ބަޔަކަށް އަމާޒުކޮށް ދެވޭ ހަމަލާއަކާ ގުޅިގެން ދިވެހިންގެ ބަޔަކު ހައްޔަރުކުރުމާއި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމާއި، މިފަދަ ކިތަންމެ ކަމެއް ހިނގާނެ އެވެ. ހަމަލާ ދޭ މީހުން މިކަންކަން ސިފަކުރާނީ، ދިވެހި ރައްޔިތުންނާ ދެކޮޅަށް ބޭރުގެ މަސްލަހަތުތައް ހިމާޔަތްކުރުމަށް ސަރުކާރުން ކުރާ ކަމެއްގެ ގޮތުގަ އެވެ. މީގެ ސަބަބުން އިތުރު ހަމަލާތައް ދީ، ސަލާމަތީ ބާރުތަކުން ދޭ ރައްދު ވެސް ވަރުގަދަވެގެން ހިނގައިދާނެ އެވެ. ތަރައްގީގެ މަޝްރޫއަކުން ފެށުނު ކުރިމަތިލުމެއް، ރައްޔިތުންގެ ބަޔަކާއި، ދައުލަތުގެ ބާރުތަކާ ދެމެދު ހިނގާ ބޮޑު ދާހިލީ ހަމަނުޖެހުމަކަށް ބަދަލުވެގެން ދިއުމުގެ ފުރުސަތު އޮންނާނެ އެވެ.

ރަސްމާލޭ މަޝްރޫއުއާއެކު ދާހިލީ ހަނގުރާމައެއް ހިނގުމަކީ ކޮންމެހެން ވެސް އެކަން ވާނެ ގޮތޭ ދަންނަވަނީއެއް ނޫނެވެ. ނަމަވެސް، ރޭވުންތެރިކަމާއެކު ހިންގާ އަނިޔާވެރި އަމަލުތަކާއި، ސިޔާސީ ހަލަބޮލިކަމާއި، އަދި އިތުރުވަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން ގައުމުގެ ހަމަޖެހުމަށް ނުރައްކާވެދާނެކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. މިފަދަ ކަމެއް ވެސް ހިނގައިފާނޭކަމަށް ބަލައި، އެކަމާ މެދު ވިސްނައި ދިރާސާކުރުމަކީ މުހިންމު ކަމެކެވެ.

ދިވެހިރާއްޖެއަކީ ބިން ކުޑަ، އާބާދީ އެއްތަނަކަށް ޖަމާވެފައިވާ، އަދި ބައިނަލްއަގުވާމީ އިތުބާރުގެ މައްޗަށް އިގުތިސާދު ބިނާވެފައިވާ ގައުމެކެވެ. ރަސްމާލެއާ ގުޅިގެން އުފެދޭ ސީރިއަސް ސަލާމަތީ ކާރިސާއެއްގެ އަސަރު ކުރާނީ ހަމައެކަނި އެ މަޝްރޫއަކަށް ނޫނެވެ. ފަތުރުވެރިކަމަށާއި، ބޭރުގެ އިންވެސްޓްމަންޓްތަކަށާއި، ހާރިޖީ ގުޅުންތަކަށް ވެސް އޭގެ އަސަރު ކުރާނެ އެވެ.

ރަސްމާލެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ބަދަލުވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކޮށްފާނެ އެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ބޮޑެތި ނުރައްކާތަކެއް އޮތް ކަމަށް ފާޑުކިޔާ މީހުން ގަބޫލުކޮށްފާނެ އެވެ. މި ދެ ގޮތަށް ވެސް ސުލްހަވެރިކަމާއެކު ބަހުސް ކުރެވިދާނެ އެވެ. ނަމަވެސް، ބޭރުގެ މީހުންނާއި، މުދަލާއި، އިންވެސްޓްމަންޓްތަކާ ގުޅޭ އަނިޔާވެރި ކުރިމަތިލުމެއް ހިނގައިފި ނަމަ، އެކަމުގައި އަމަލުކުރާނޭ ގޮތެއް ނޭނގި އޮވެ، މިފަދަ ބޮޑު މަޝްރޫއެއްގެ ތެރެއަށް ގައުމު ވަދެގެން ނުވާނެ އެވެ. މިހާރު ވެސް ހިނގަމުންދާ ކަންކަމަށް ބަލާއިރު، މިފަދަ ހާލަތަށް ދިއުމަކީ ދުރުކަމެއް ކަމުގައި ދެކޭނޭ ޖާގައެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

ރަސްމާލެ މަޝްރޫއު: ލީޑަރެއްގެ ނުފޫޒަށްވުރެ ގައުމު ބޮޑު

ރަސްމާލެ މަޝްރޫއަކީ ސިޔާސީ ފިކުރުތަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާއިރު، މިކަމުގައި ސިޔާސީ ލީޑަރުންގެ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު ވިސްނަންޖެހެއެވެ. ނަމަވެސް މި މަޝްރޫއުގެ އެއްބަސްވުންތައް ސިއްރުކޮށްފައިވުމާއި މައުލޫމާތު ހާމަނުކުރުމުގެ ސަބަބުން، މިއީ ދައުލަތުގެ ހަޒާނާއަށް ބޮޑު ގެއްލުމެއް ލިބިދާނެ "ސްކޭމެއް" ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

މަޔޮއްޓޭގެ ބާ މިސްކިތް ބިނާކުރީ ދިވެހިންތަ؟

މަޔޮއްޓޭގައި ހުރި ތާރީޚީ ތަންގޯނީ މިސްކިތަކީ ދިވެހިރާއްޖޭގެ ހިރިގަލުގެ ބިނާވެއްޓާއި ގަލުވަޑާމުގެ ފަންނިއްޔާތާ ވަރަށް ބޮޑަށް އެއްގޮތް ސިފަތަކެއް އެކުލެވޭ ބިނާއެކެވެ. މި މިސްކިތް ބިނާކުރުމުގައި ބޭނުންކޮށްފައިވާ އުވަދެވުމާއި ހިރިގާ ކަނޑައިގެން ރޭނުމުގެ އުކުޅުތަކުން، އިންޑިއާ ކަނޑުގެ ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮތް މަސައްކަތްތެރިކަމުގެ ގުޅުން ހާމަވެއެވެ.

ރަސްމާލެ މަޝްރޫއު: ހުވަފެނީ ވާހަކަތަކާއި ޖަވާބު ނުލިބޭ ސުވާލުތައް

މި ލިޔުމަކީ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ތަސައްވުރަކީ ހަގީގަތާ ދުރު، ހިޔާލީ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް ލިޔެފައިވާ ލިޔުމެކެވެ. މީގެ އިތުރުން، އެ މަޝްރޫއަށް ބޭނުންވާ ބޮޑު ހޭދަ ކުރާނެ ފަރާތަކާއި، ފައިސާ ހޯދާނެ ގޮތަކާ މެދު މި ލިޔުމުގައި ވަނީ ސުވާލު އުފައްދާފަ އެވެ.

Newsletter

Get the latest news delivered straight to your inbox