ގދ. ތިނަދޫގައި 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި އެކަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އިތުރު މީހުންގެ ބަންދުގެ މުއްދަތު ވެސް އިތުރުކޮށްފަ އެވެ.
ފަހުގެ ނިންމުމުގައިވާ ގޮތުން އުމުރުން 20 އަހަރުގެ އަހުމަދު ނޫހު ނިޔާޒު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވާއިރު، 20 އަހަރުގެ މުހައްމަދު މިޝަލް އަހުމަދު ޒުހައިރުގެ ބަންދަށް ވަނީ އިތުރު 30 ދުވަސް ޖަހާފަ އެވެ. މީގެ އިތުރުން 35 އަހަރުގެ ނަޖުމުﷲ ހަސަން 45 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، 26 އަހަރުގެ މުހައްމަދު ސޯލިހު އަހުމަދާއި 32 އަހަރުގެ އަހުމަދު ސާނިޖު ސޯދިގުގެ ބަންދަށް ވަނީ 5 ދުވަސް އިތުރުކޮށްފައެވެ.
މި މައްސަލައިގައި ޖުމްލަ ނުވަ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރެއިން އަހުމަދު އިފްތިޝާމް ޒަރީރާއި އަލީ ހުޒާމް ސައީދު 90 ދުވަހަށް ބަންދުކުރުމަށް އަދި އާޒިމް މުފީދު 15 ދުވަހަށް އަދި މުހައްމަދު މައިސަން ޝިޔާޒު 10 ދުވަހަށް ބަންދުކުރުމަށް ވެސް ވަނީ ކުރިން އަމުރުކޮށްފަ އެވެ.
މި މައްސަލައަކީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ގޮތުގައި ފުރަތަމަ ރިޕޯޓުކުރި ނަމަވެސް، ތަހުގީގުގެ ތެރެއިން ކުޑަކުދިންތަކަކަށް ވެސް ޖިންސީ ގޯނާކޮށް، އެކްސްޕްލޮއިޓުކޮށްފައިވާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ.

މައްސަލައިގެ ނާޒުކުކަމުންނާއި ކުޑަކުދިންތަކެއްގެ މަސްލަހަތު ހިމެނޭތީ، ހާދިސާ ހިނގި ރަށާއި އަތޮޅުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް މި މައްސަލަ ހިނގާފައި ވަނީ ތިނަދޫގައިކަން އަދަދު ނޫހަށް ވަނީ އެނގިފަ އެވެ.










