ހަމަނުޖެހުން ހިންގަން ހިތްވަރުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހއ. ބާރަށް، ކުއްޅަވައްގެ، އަލީ ޖުމާން، 25، ގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން ބުނީ ޖުމާން ހައްޔަރުކުރީ ދިވެހިރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ޖުމާން ސޯޝަލް މީޑިއާގައި ޕޯސްޓުކުރީ ރަސްމާލެއިން އެއްބައި އިޒްރޭލަށް ވާގިވެރިވާ އީގަލް ހިލްސްއަށް ދިނުމާ ދެކޮޅު ހެދުމުގެ ގޮތުން މަގުތަކަށް ނުކުމެ މުޒާހަރާކޮށް، އިމާރާތްތަކުގައި ހުޅުޖަހައި، މަޝްހޫރު ފިހާރައެއްގައި ރޯކުރުމަށް ހިތްވަރުދޭ ފަދަ މޭރުމަކުންނެވެ.
ޓެރަރިޒަމްގެ މި މައްސަލައިގައި ޖުމާންއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކިތަކުގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި އެކްސްގައި ކޮށްފައިވާ ޕޯސްޓާ ގުޅޭ ރިޕޯޓާއި ފުލުހުންގެ ބަންދު އަދި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި މަސްލަހަތު ހިމެނޭ ފަރާތްތަކުން ފުލުހުންނަށް ހުށަހަޅާފައިވާ ސިޓީ އާއި ޑޮކިއުމަންޓް ހިމެނެ އެވެ.
ޖުމާން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ގޮތުގައި ކޯޓު އަމުރުގައި ބަޔާންކޮށްފައި ވަނީ ބަންދުން ދޫކޮށްފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކަ އެވެ.
ދައުލަތުގެ އިދާރާތަކެއްގައި ހުޅުޖެހުމަށް ހިތްވަރުދީ ފޭސްބުކްގައި ލިޔުނު ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ވެސް ހުރީ ފުލުހުންގެ ބަންދުގަ އެވެ. ޒިހާންގެ ފޭސްބުކްގައި އޭނާ ވަނީ ސުޕްރީމް ކޯޓާއި، ރައީސް އޮފީހާއި، ރައްޔިތުންގެ މަޖިލީހުގައި ހުޅުޖެހުމަށް ހިތްވަރުދީ ޕޯސްޓުކޮށްފަ އެވެ. އެއީ މަޖާ ކަމަކަށް ވާނެ ކަމަށް ޒިހާން ލިޔުނެވެ.








