ބްރުސެލްސް، ބެލްޖިއަމް (ނޮވެމްބަރު 18) - ބެލްޖިއަމް ގައުމީ ފުޓްބޯޅަ ޓިމަށް 16 އަހަރު ކުޅެދިނުމަށް ފަހު، ރޮމެލޫ ލުކާކޫ، އެ ޓީމުން ރިޓަޔާކުރަން ނިންމައިފި އެވެ.
އުމުރުން 33 އަހަރުގެ ލުކާކޫ، ބެލްޖިއަމް ގައުމީ ޓީމަށް އެންމެ ފުރަތަަމަ މެޗެއް ކުޅެދީފައިވަނީ، 2010 ވަނަ އަހަރު އެވެ. އޭނާ އަކީ ބެލްޖިއަމް ގައުމީ ޓިމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ. އެ ގޮތުން، ލުކާކޫ ވަނީ ބެލްޖިއަމް އަށް ކުޅެދިން 135 މެޗުން 94 ލަނޑު ޖަހައިފަ އެވެ.
ލުކާކޫ އަކީ އިންޓަނޭޝަނަލް ފުޓްބޯޅައިގައި ގައުމީ ޓީމަށް ފަސް ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. ލުކާކޫ އަށް ވުރެން ގިނައިން ގައުމީ ޓީމުތަކަށް ލަނޑު ޖަހައިދިން ހަތަރު ކުޅުންތެރިންނަކީ ވެސް މި ވަގުތު ގައުމީ ޓީމުން ރިޓަޔާކޮށްފައި ތިބި ކުޅުންތެރިންނެވެ. އެއީ، އީރާންގެ އަލީ ދާއީ، އިންޑިއާގެ ސުނިލް ޗެތުރީ އަދި، އާޖެންޓީނާގެ ލިއޮނަލް މެސީ އަދި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
މި ވަގުތު ތުުުރުކީ ސުޕަ ލީގުގެ ފެނަބާޗޭ އަށް ކުޅެމުން އަންނަ ލުކާކޫ އިންސްޓަގްރާމްގައި ލިޔެފައިވާ ގޮތުގައި، ގައުމީ ޓީމުގައި އޭނާގެ ފެންވަރު ސާބިތުކޮށްދޭން މި ވޭތުވެދިޔަ 16 އަހަރު ތެރޭ އެކި ގޮތްގޮތުން މަސައްކަތް ކުރި ފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ބެލްޖިއަމް އިން ކުޅުނު ދެ މެޗުގައި ވެސް އަނިޔާގެ ސަބަބުން ލުކާކޫ ކުޅެފައިނުވެ އެވެ. އުނަގަނޑަށް ލިބުނު އަނިޔާއަކާ ހެދި މިދިިޔަ ދެ އަހަރެއްހާ ދުވަހު ލުކާކޫ އަށް ގިނަ މެޗުތަކެއް ވަނީ ގެއްލިފަ އެވެ. މި އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި ވެސް ލުކާކޫ ކުޅެފައިވަނީ އަނިޔާގައި ހުރެ އެެވެ.
އިންޓަނޭޝަނަލް ފުޓްބޯޅައިގައި ލުކާކޫ އަތުގައި ރެކޯޑެއް އޮވެ އެވެ. އެއީ، 2023 ވަނަ އަހަރު ކުޅުނު ޔޫރޯ ކޮލިފައިންތަކުގައި 14 ގޯލު ޖަހައިގެންނެވެ. އެއާ އެކު، ލުކާކޫ ވެފައިވަނީ، ޔޫރޯ ކޮލިފައިންއެއްގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ.







