މާލޭ ސިޓީ ކައުންސިލުގެ އިހުތިސާސްގައި ހިމެނޭ 14 ބިމެއް ނެގުމަށް ސަރުކާރުން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސައިލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.
މި މައްސަލައަކީ ހައުސިން މިނިސްޓްރީގެ އެންގުމާ ގުޅިގެން މައުލޫއީ ދައުވާއެއް ކޯޓަށް ހުށަހެޅުމުގެ ކުރިން ސިޓީ ކައުންސިލުން އެދިގެން ބެލި މައްސަލައެކެވެ.
ހައުސިން މިނިސްޓްރީން މިދިޔަ މަހުގެ 15 ގައި ސިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ރައީސް އޮފީހުގެ އެންގުމަކަށް އެ 14 ބިން ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެ ބިންތަކާ މެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ 14 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ވެސް މިނިސްޓްރީން އޮތީ އަންގައިފަ އެވެ.
ސަރުކާރުގެ ނިންމުމާ ގުޅިގެން ކައުންސިލުން އެދުނީ ދައުވާގައި ވަކި ގޮތެއް ނިމެންދެން އެ ބިންތައް އޮތް ގޮތަށް ބޭއްވުމުގެ އަމުރަކަށެވެ.
ކައުންސިލުން ކޯޓުގައި ބުނީ އެ ބިންތަކަކީ މަހުން މަހަށް ބޮޑު އާމްދަނީއެއް ލިބޭ އަދި އާންމު ހިދުމަތްތަކާ ގުޅިފައިވާ ބިންތަކެއް ކަމަށެވެ. އެ ބިންތަކުގައި ތިންވަނަ ފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުންތަކެއް ހުރިއިރު، ބިންތައް ނަގަނީ މަޝްވަރާކުރުމެއް ނެތި ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށް ވެސް ކައުންސިލުން ފާހަގަކުރި އެވެ. އަދި ބިންތަކުގެ މިލްކުވެރިކަން ގެއްލިއްޖެ ނަމަ އިޔާދަނުކުރެވޭނެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.
މާލޭ ސިޓީ ކައުންސިލުން ވަކި ކުރި ބިންތައް
- ސަލްޓަން ޕާކު (އީ-ސްޕޯޓިން އެރީނާ އަދި މިއުޒިއަމް ޕާކެއް)
- ރަސްފަންނު (އިތުރު ކަމެއް ނުކުރޭ)
- މަސް މާރުކޭޓު އަޅަން ހިއްކި ސަރަހައްދު (ވެޓް މާކެޓެއް)
- ތައިސޭ ކޮށި (މަސައްކަތްތެރިންގެ ވަގުތީ އެކޮމޮޑޭޝަން ބްލޮކެއް)
- މަސް މާރުކޭޓު (އޮފީސް އަދި ކޮމާޝަލް އިމާރާތެއް)
- މަސްވެރިންގެ މައިޒާން (ޕަމްޕު ސްޓޭޝަނެއް)
- ލޯކަލް މާރުކޭޓު (މިކްސް ޔޫސްޑް ކޮމާޝަލް އިމާރާތެއް)
- ކާނިވާ (ރެކްރިއޭޝަން އަދި ކޮމާޝަލް އިމާރާތެއް)
- އާޓިފިޝަލް ބީޗު (އަޕްގްރޭޑްކޮށް އިތުރު ތަންތަން ހެދުން)
- ޕޭ ޓޮއިލެޓް ނަންބަރު 2 (ޕަބްލިކް ރެސްޓްރޫމް އަދި އިތުރު ފެސިލިޓީތައް)
- ވިލާ ހަކަތައިން ބޭނުން ކުރި ޕެޓްރޯލް ޝެޑް (އިލެކްޓްރިކް ވެހިކަލް ޗާގިން ސްޓޭޝަނެއް)
- ބޮންޑިބަތް ޕާކު (ޕާކިން ބިލްޑިންގެއް އަދި މިކްސް ޔޫސްޑް ކޮމާޝަލް އިމާރާތެއް)
- ގައުމީ ކުތުބުހާނާއަށް ދީފައި އޮތް ބިން (ކުޑަކުދިންގެ އެކްޓިވީ ސެންޓަރެއް އަދި ޑޭކެއާ ސެންޓަރެއް)
- މާލޭ ސިޓީ ކައުންސިލުގެ އެކޮމޮޑޭޝަން ބިން (ލޭބާ ރިލޭޝަންސްގެ އެކޮމޮޑޭޝަން)
ނަމަވެސް ދައުލަތުން ބުނީ ކައުންސިލްގެ ބިންތަކުގައި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެތަންތަން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލާމަރުކަޒީ ގާނޫނުން ލިބިދޭ ކަމަށެވެ. އަދި ކައުންސިލުން ފާހަގަކުރާ މާލީ ގެއްލުމަކީ ފައިސާއިން އަގުކުރެވޭނެ ގެއްލުންތަކެއް ކަމަށާއި، ދައުލަތަކީ އެ ބަދަލު ދިނުމުގެ ގާބިލުކަން ހުރި ފަރާތެއް ކަމަށް ވެސް ދައުލަތުން ބުންޏެވެ. މީގެ އިތުރުން މިއީ މައުލޫއީ ދައުވާއަކާ ނުލައި ވަގުތީ އަމުރެއް ނެރެދޭން ޖެހޭ ހާލަތެއް ނޫން ކަމަށް ދައުލަތުން ފާހަގަކުރި އެވެ.
ކޯޓުގެ ނިންމުމުގައި ބަޔާންކުރީ ދައުވާއެއް ހުށަހެޅުމުގެ ކުރިން ވަގުތީ އަމުރެއް ނެރެދެވޭނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުއްލި މައްސަލައެއް އޮތް ނަމަ ނުވަތަ އިންސާފު ގާއިމުކުރަން ކޮންމެހެން ބޭނުންވާ ނަމަ ކަމަށެވެ. ސިޓީ ފޮނުވިތާ ގިނަ ދުވަސްތަކެއް ފަހުން ކޯޓަށް ހުށަހެޅިއިރު، މައުލޫއީ ދައުވާ ހުށަހެޅުން ލަސްވާ ސަބަބެއް ކައުންސިލަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އިންސާފު ގާއިމުކުރުމަށް މި ވަގުތު އެފަދަ އަމުރެއް ނެރުން ލާޒިމުވާ ހާލަތެއް ނެތް ކަމަށް ވެސް ކޯޓުން ނިންމި އެވެ.
މިއީ މިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް މެޖޯރިޓީ ލިބުނު ފަހުން މާލޭގެ ބިންތަކަކާ ގުޅިގެން ސަރުކާރާއި މާލެ ސިޓީ ކައުންސިލާ ދެމެދު އުފެދުނު މައްސަލައެކެވެ. ކައުންސިލުން ވަނީ މިއީ ކައުންސިލުގެ ޒިންމާތަކަށް ހުރަސްއަޅަން ސަރުކާރުން ކުރާ ކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް ސަރުކާރުން ބުނަނީ މިއީ އެތަންތަން ތަރައްގީކުރަން ބޭނުންވެގެން ކުރާ ކަމެއް ކަމަށެވެ.
ތަރައްގީގެ މަޝްރޫއުތައް ހިންގަން ސަރުކާރުން ބޭނުން އިރެއްގައި ކައުންސިލުތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ނެގޭ ގޮތަށް ހެދީ، "ބިން ފޭރޭ ބިލު" ގެ ގޮތުގައި ލޭބަލްވި ބިލެއް ހުށަހަޅައިގެން ލާމަޒުކަޒީ ގާނޫނު ބަދަލުކޮށްގެންނެވެ.
ލާމަރުކަޒީ ގާނޫނުގެ 2-56 ވަނަ މާއްދާގައިވާ ގޮތުން، ކައުންސިލެއްގެ ބިމެއްގައި ތަރައްގީގެ މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ނަމަ ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން އެ ބިމެއް ވަކިކުރެވިދާނެ އެވެ.








