މާލެ ސިޓީ ކައުންސިލްގެ އިހުތިސާސުން 14 ބިމެއް ވަކިކޮށް، އެ ބިންތައް ސަރުކާރަށް ނެގުން ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސްކުރުމުގެ ފުރުސަތު ނުދީ ބޭރުކޮށްލައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ވޯޓުންނެވެ. އެ ގަރާރު ބަލައިގަތުމަށް ވޯޓުދެއްވީ 11 މެންބަރުންނެވެ.
އެ ގަރާރަށް ބަހުސްކުރުމުގެ ފުރުސަތު ނުދީ ބޭރުކޮށްލައިފައި ވަނީ، މަޖިލީހުގެ ގަވާއިދަށް މިދިޔަ މަހު ގެނައި އިސްލާހުގެ ދަށުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް މިދިޔަ މަހު ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ގެނައި އިސްލާހުގައި ވާގޮތުން، މަޖިލީހަށް ހުށަހަޅާ ގަރާރަކަށް ބަހުސް ކުރެވޭނީ އެ ގަރާރު ބަލައިގަތުމަށް މަޖިލީހުން ފާސްވެއްޖެ ނަމަ އެވެ. އޭގެ ކުރިން އޮންނަ ގޮތުން، މަޖިލީހަށް ހުށަހަޅާ ގަރާރަކާމެދު ގޮތެއް ނިންމަނީ ބަހުސް ކުރުމަށްފަހު އެވެ.
މީކާއިލް ހުށަހެޅުއްވި ގަރާރުގައި ވަނީ، ސަރުކާރަށް ނަގާ ބިންތަކުގައި ހިންގުމަށް ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ނަން ފިޔަވައި، އިތުރު އެއްވެސް ތަފްސީލެއް ހާމަނުކޮށްފައިނުވާއިރު، މި މައްސަލަ އާއި ގުޅިގެން ސިޓީ ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ހިޔާލެއް ހޯދާފައި ނުވާކަން ފާހަގަކޮށްފަ އެވެ.
"ރައްޔިތުންނަށް ނުހަނު މަންފާ ކުރާނެ މުހިންމު ޕްލޭންތަކާއި ތަރައްގީގެ މަޝްރޫއުތައް ކައުންސިލުން އެކުލަވާލަމުންދާ ދަނޑިވަޅެއްގައި މިފަދަ ނިންމުމެއް ނިންމެވުމަކީ ކައުންސިލަށާއި މާލޭގެ ލޮބުވެތި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއް،" އެ ގަރާރުގައި ބުނެފައިވެ އެވެ.
ސަރުކާރުން ވަކިކުރަން ނިންމި 14 ބިމުގެ ތެރޭގައި މާލޭގެ މަސްމާރުކޭޓު، ސަލްޓަން ޕާކު، އަދި ކާނިވަލް ސަރަހައްދު އިތުރުން އާޓިފިޝަލް ބީޗް އަދި ރަސްފަންނު ފަދަ އާންމުން ބޭނުންކުރާ ބޮޑެތި ބިންތައް ހިމެނެ އެވެ.
މި ބިންތަކަކީ މާލެ ސިޓީ ކައުންސިލަށް އާމްދަނީ ލިބޭ އަދި ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ދިނުމަށް ބަޖެޓު ކުރެވިފައިވާ ތަންތަން ކަމަށާއި އެ ބިންތައް އަތުލުމުން ކައުންސިލަށް ލިބެމުންދާ މާލީ މަންފާތައް ގެއްލިގެންދާނެ ކަމަށް މީކާއީލްގެ ގަރާރުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން، ސަރުކާރުގެ މި ނިންމުމަމަކީ ލާމަރުކަޒީ ނިޒާމަށް ހުރަސްއަޅައި، ކައުންސިލްތަކުގެ ގާނޫނީ ބާރުތައް ހަނިވެގެންދާނެ ފަދަ ނިންމުމެއް ކަމަށާއި އެ ނިންމުން ނިންމީ ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަނުކޮށް ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.
މާލެ ސިޓީ ކައުންސިލްގެ ބިންތައް ސަރުކާރަށް ނެގި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އެ ކައުންސިލުން ވަނީ ކޯޓަށް މައްސަލައެއް ވެސް ވައްދައިފަ އެވެ.








