މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ލޯނަކަށް ގެރެންޓީ ދެއްވި މައްސަލައިގައި، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެ ދަރަނި ދައްކަވައި ހަލާސްކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޝަމްހީދު ބަޔާނެއް ނުރެއްވީ، އެމްއައިބީން ޑުޕްލެކްސް ކުންފުންޏަށް ދޫކޮށްފައިވާ 500،000 އެމެރިކާ ޑޮލަރުގެ "ސޭލް އެންޑް ލީސްބެކް ފެސިލިޓީ" އަކަށް އެއްބަސްވި ގޮތަށް ފައިސާ ނުދެއްކުމުން އެ ބޭންކުން ކުރި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، މިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
އެ ހުކުމުގައި ވަނީ، ލޯނުގެ ބާކީ ހުރި 36،647.76 އެމެރިކާ ޑޮލަރާއި، ގަވާއިދުން ފައިސާ ނުދެއްކުމުގެ ސަބަބުން ކޮންމެ މަހަކު އަރަމުންދާ ޖޫރިމަނާ އަދި ޗެރިޓީއަށް ވާ ފައިސާ، މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޑުޕްލެކްސް ކުންފުންޏާއި އެ ލޯނަށް ގެރެންޓީ ދިން ޝަމްހީދު ހިމެނިވަޑައިގަންނަވާހެން ފަސް މީހުންގެ މައްޗަށް އަމުރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ޝަމްހީދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަކީ އޭނާގެ ކުރީގެ ރައްޓެހިންތަކަކާ އެކު ވިޔަފާރި ކުރުމަށް އުފެއްދި ކުންފުންޏެއް ނަމަވެސް، އެ ކުންފުނީގެ ހިންގުމާ ދުރުގައި ހުންނަވާތާ ހަތް އަހަރު ވެފައިވާ ކަމަށެވެ. އެ ލޯނަކީ ކުންފުނީގެ ބައެއް ހިއްސާދާރުންގެ އަމިއްލަ ބޭނުމަކަށް ނެގި ލޯނެއް ކަމަށާއި، އެ ލޯނު ނެގެން އޮތީ އޭނާ ގެރެންޓީ ދެއްވައިގެން ކަމަށް ވާތީ، ހިއްސާދާރުންނަށް އެހީތެރިވެދިނުމުގެ ގޮތުން ގެރެންޓީ ދެއްވީ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވި ގޮތުގައި، އެމްއައިބީގެ އެ ފެސިލިޓީއަށް ފައިސާ ނުދައްކާކަން އެނގިވަޑައިގެންނެވި ހިސާބުން ފެށިގެން، ޑުޕްލެކްސް ކުންފުނި ހިންގުމާއި މާލީ ކަންކަމުގައި ޒިންމާވާ ފަރާތްތަކާ ވާހަކަ ދައްކަވައި، ލޯނު އަނބުރާ ދެއްކުމަށް ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.
""މި ލޯނަކީ އަޅުގަނޑުގެ ބޭނުމަކަށް ނެގި ލޯނަކަށް ނުވި ނަމަވެސް، ގާނޫނީ ގޮތުން އަޅުގަނޑާ މަތިކުރި މި ދަރަނި މާތް ﷲ ގެ ވާގިފުޅާއެކު ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކައި ހަލާސް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ޝަމްހީދު ވިދާޅުވިއެވެ.
ލޯނު ނެގި ފަރާތްތަކުން ފައިސާ ނުދެއްކުމުން، އަމިއްލަ ހައިސިއްޔަތުން އެ ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް އެ ލޯނަށް ފައިސާ ދައްކަވަމުން ގެންދަވާ ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ. މީގެ އިތުރުން، ލޯނުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ވެސް ޑުޕްލެކްސް ހިންގަން ތިބި ފަރާތްތަކުން ސަމާލުކަމެއް ނުދީ ކޯޓަށް ޖަވާބުދާރީވެފައި ނުވާ ކަމަށާއި ހުކުމް ކުރުމުގެ ކުރިން އޭނާ ކޯޓަށް ހާޒިރުވުމަށް އެއްވެސް އެންގުމެއް އަންގާފައި ނުވާ ވެސް ވިދާޅުވި އެވެ. މައްސަލަ ނިންމި ގޮތުގެ ހުކުމް ފޮނުވީ އީމެއިލް މެދުވެރިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަޔާނުގައި ޝަމްހީދު ވަނީ މި މައްސަލައިގެ ފަހަތުގައި ސިޔާސީ މަގުސަދެއް އޮތް ކަމަށް ތުހުމަތުކުރައްވައި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ. މިއީ އޭނާގެ އަމިއްލަ ބޭނުމަކަށް ނެގި ލޯނެއް ނޫންކަން ސާފުކޮށް އެނގެން އޮތްއިރުވެސް، މިފަދަ އަމިއްލަ މަސްލަހަތު ހުރި ކަންކަން ސިޔާސީ ކަންކަމަށް ބަދަލުކޮށް އޭނާގެ އަބުރު ކިލަނބުކޮށްލަން އެ ކުންފުނީގެ ވެރިން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ވިޔަފާރި ޕޯޓަލުން ދައްކާ ގޮތުގައި، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކީ އަހުމަދު އަސްލަމެވެ. އަދި އެ ކުންފުނީގެ ހިއްސާދާރުންނަކީ އަހުމަދު އަސްލަމް، އަހުމަދު ސައީދު، އަހުމަދު ޝަމްހީދު، މުހައްމަދު ހަމްދާން ބާގިރު އަދި މުހައްމަދު ފިޔާޒެވެ.








