މުޖުތަމައުގައި އިހުތިރާމް ކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިންގެ ލޯންޗިންއަށް ސަރުކާރުން ކުރި ހަރަދުގެ ތަފްސީލް ހާމަނުކުރި އެވެ.
މިދިޔަ ހޮނިހިރު ދުވަހު މާފަންނު ދުވާ ޓްރެކްގައި ބޭއްވި އިހުތިރާމް ކެމްޕެއިން ލޯންޗިންއަށް ކުރި ހަރަދުގެ ތަފްސީލް ހޯދުމަށް ހެރިޓޭޖް މިނިސްޓަރު ހިނާ ވަލީދާ އަދަދު އިން ސުވާލުކުރުމުން ވިދާޅުވީ ހަރަދުގެ ތަފްސީލް ހިއްސާކުރައްވާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެކަމާ ގުޅިގެން މިނިސްޓަރު އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.
"ޗެކް ކޮށްލަން ޖެހޭނީ. އެބަ ބަލާލަން،" އަދަދު އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވި އެވެ.
ހެރިޓޭޖް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ލޯންޗިންގައި ސަރުކާރުގެ އޮފީސްތަކާއި އެކި މުައްސަސާތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ބައިވެރިކުރުވި އެވެ. އެގޮތުން ޖަލްސާގައި ސިވިލް ސާވަންޓުން ބައިވެރިވާކަން ކަށަވަރުކުރަން ސިވިލް ސާވިސް ކޮމިޝަނުން ސަރުކާރު އޮފީސްތަކަށް އަންގާފައިވެ އެވެ.
ކެމްޕެއިން ލޯންޗިންގެ ތެރެއިން ކުރިއަށްގެންދިޔަ އެކި ހަރަކާތްތަކާއި، މާފަންނު ދުވާ ޓްރެކް ސަރަހައްދު ތައްޔާރުކުރުމަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށް ލަފާ ކުރެވެ އެވެ. އެ ޖަލްސާއަށް ގިނަ އަދަދެއްގެ ގޮނޑި ޖެހިކަންވެސް ފާހަގަކުރެވެ އެވެ.
މި ގައުމީ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ދިވެހި މުޖުތަމައުގައި ގެއްލެމުންދާ އިޖުތިމާއީ އަގުތަކާއި، އަދަބުވެރިކަމުގެ އިތުރުން އެކަކު އަނެކަކަށް ގަދަރުކުރުމުގެ ރީތި ސިފަތައް އަލުން ދިރުވައި އާލާކުރުމެވެ.
ރަސްމިއްޔާތަށް ތައްޔާރުވުމަށްޓަކައި ހަފުތާއެއްހާ ދުވަސް ކުރިން އެކުވެނި ދުވާ ޓްރެކް ބަންދުކުރުމުން، ކަސްރަތުކުރުމަށް އެ ތަން ބޭނުންކުރާ އާންމުންނާއި ދޮށީ އުމުރުގެ މީހުންނަށް ދަތިތަކާ ކުރިމަތިވި ކަމަށް ބުނެ ވެސް ބައެއް އާންމުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.








