ދޮގުހުމާއި ފުރައްސާރަކުރުމާއި ޣީބަ ބުނުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ، މުޖުތަމައު ތާހިރުކުރުމަށް ރައީސް މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.
"އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކުރުމަށް މިރޭ ބޭއްވި އަގުބޮޑު އަދި ކުލަގަދަ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ "އެކަކު އަނެކަކަށް ފުރައްސާރަކުރުމާއި، ޣީބަ ބުނުމާއި، ދޮގުހެދުމުގެ ނުބައި ސިފަތަކުން އަޅުގަނޑުމެންގެ މުޖުތަމައު ތާހިރުކޮށްފި ނަމަ، އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް އިހުތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށް އިންޝާﷲ ވެގެންދާނެ" ކަމަށެވެ.
ޣީބަ ބުނުމާއި އާޑަފުރައްސާރަކުރުމުގެ ނުބައި އަމަލާ ހަމަހިލާ ކައިރިނުވުމަށް ކޮންމެ މީހަކުވެސް އަޒުމް ކަނޑައަޅަންޖެހޭ ކަމަށް އެކުވެނި ދުވާ ޓްރެކްގައި ބޭއްވި މި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވި އެވެ. ކީރިތި ޤުރުއާނުން ދަލީލު ދައްކަވަމުން، އެއްބަޔަކު އަނެއް ބަޔަކަށް މަލާމާތްކޮށް ފުރައްސާރަ ނުކުރުމަށާއި، އެކަކު އަނެކަކަށް އައިބު ނުކިޔުމަށާއި، ނުރުހޭ ވަނަންތަކުން ނުގޮވުމަށް މާތްﷲ އަންގަވާފައިވާކަން އެމަނިކުފާނު ހަނދާންކޮށްދެއްވި އެވެ. މީސްތަކުންނަށް ހެޔޮބަސް ބުނުމަށް އިސްލާމްދީން ބާރުއަޅާ މިންވަރުވެސް ފާހަގަކުރެއްވި އެވެ.
ވެރިކަމާ ހަވާލުވެވަޑައިގެން ދެއްވި ފުރަތަމަ ތަގުރީރުގައި ވިދާޅުވި ފަދައިން، ރާއްޖެއަށް ގެންނަން ބޭނުން ވަނީ އުމްރާނީ ގޮތުން ގެނެވޭ މާއްދީ ތަރައްގީ އާއި، ދިވެހީންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީކަން ތަކުރާރުކުރެއްވި އެވެ.
"މިރޭ މިވަގުތުވެސް އަޅުގަނޑު މި ހުރީ އެ ސިޔާސަތާ އެކުގައި. އެ ވައުދު، އެ އިގުރާރު ހަގީގަތަކަށް ހެދުމުގެ މަތިވެރި އަޒުމާއި ނިޔަތުގައި ޝައްކެއް ނެތް. ދިވެހީންގެ ސިކުނޑި އިސްލާމީ ހަމަތަކުގެ މަތީގައި ތަހުޒީބީ އާ އުދަރެހަކަށް އުފުލާލައި، ދިވެހި މުޖުތަމައަކީ އިންސާނީ ކަރާމާތް ނަގަހައްޓައި، ގައުމީ ތަރިކަތައް ދަމަހައްޓާ މުޖުތަމައެއްގެ ގޮތުގައި ބިނާކުރަންޖެހޭ،" މުއިއްޒު ވިދާޅުވިއެވެ.
ޒަމާނީ ނަފްސާނީ އިލްމުވެރިންގެ ހޯދުންތަކަށް އަލިއަޅުއްވާލައްވަމުން މުއިއްޒު ވިދާޅުވީ، މުޖުތަމައެއްގައި އެކަކު އަނެކެއްގެ ހައިސިއްޔަތަށް އިހުތިރާމްކުރުމަކީ މީހުންގެ މެދުގައި ކުލުނާއި ގާތްކަން އިތުރުވެ، މުޖުތަމައަށް ހަމަޖެހުމާއި އަމާންކަން ގެނެސްދޭ ކަމެއް ކަމަށެވެ.
އިހުތިރާމްކުރުމަކީ ހަމައެކަނި މީހުންނަށް ކުރާ ކަމެއް ނޫން ކަމަށާއި، މަގުތަކަށާއި، ތިމާވެށްޓާއި ގުދުރަތީ ދިރުންތަކަށާއި، ވަޒީފާގެ ޒިންމާތަކަށާއި، އާއިލީ ގުޅުންތަކުގެ އިތުރުން ގައުމުގެ ސުލްހަ މަސްލަހަތަށްވެސް އިހުތިރާމްކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، ދިވެހީންގެ ކާބަފައިންގެ ކިބައިގައި ހުރި އިހުތިރާމްކުރުމުގެ ރިވެތި ސިފަތައްވެސް މުއިއްޒު ފާހަގަ ކުރެއްވިއެވެ. އެގޮތުން، ކުރީ ޒަމާނުގައި ދިވެހީން ވަގުތަށް ކަމޭހިތި މިންވަރާއި، 50 އަހަރު ސަރުކާރަށް ހިދުމަތްކުރެއްވިއިރުވެސް ދުވަހަކުވެސް ގަޑިނުޖެހޭ ބޭފުޅުން އުޅުއްވިކަން ފާހަގަކުރެއްވި އެވެ. އަދި އަވައްޓެރިޔާގެ ގެއިން ތެލީގެ ފުލުގައި އުނދުޅި ކާއްތާލާ އަޑު އިވުމުން އެ ގެއަކަށް ކާބޯތަކެތި ގެންގޮސްދިނުމާއި، އަވައްޓެރިޔާއަށް އުނދަގޫވެދާނެތީ ގޯތީގައި ހުންނަ ގަސްގަހުގެ ގޮފިތައް ކޮށައި ސާފުކޮށްދިނުން ފަދަ ތާރީހީ ރިވެތި އާދަތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.
އެއްގަޑިއިރު ވެސް ހޭދަނުވާ ނުވާ އިވެންޓެއް ބޮޑު ހަރަދެއްކޮށްގެން ބޭއްވިއިރު މި އިވެންޓުގައި ބައިވެރިވުމަށް ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރި ކަމަށް ބައެއް މުވައްޒަފުން ތުހުމަތުކޮށްފައިވެ އެވެ.








