ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް މަގުފަހިކުރަން ހޮނިހިރު ދުވަހުގެ ރޭ ބާއްވާ އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ލޯންޗިންއަށް ދާން މިއަދު އަންގައިފި އެވެ.
އެފްޕީއޭއިން މުވައްޒަފުންނަށް ފޮނުވި މެސެޖެއްގައި ބުނީ އެ އޮތޯރިޓީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށާއި އެހެނިހެން ކަންކަމަށް މަޝްވަރާކުރަމުންދާ މި ދަނޑިވަޅުގައި އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ލޯންޗިންގައި ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ނޮވެމްބަރު 14، ގައި ބާއްވާ އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާގައި ބައިވެރިވާން ހުރިހާ މުވައްޒަފުންނަށް ބާރުއަޅަން. މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި އެހެނިހެން ކަންކަމާ ގުޅިގެން މަޝްވަރާ ކުރަމުންދާ މި ދަނޑިވަޅުގައި މެނޭޖްމަންޓަށް ގަބޫލުކުރެވޭ މިފަދަ ގައުމީ ހަރަކާތްތަކުގައި މުވައްޒަފުން ބައިވެރިވާން،" އެފްޕީއޭއިން ބުންޏެވެ.
އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ލޯންޗިންގައި ބައިވެރިވާން ސަރުކާރުގެ އޮފީސްތަކުގެ ސިވިލް ސާވިސް މުވައްޒަފުންނަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ މަޖުބޫރުކޮށްފަ އެވެ. އެގޮތުން އޮފީސްތަކުން ސިވިލް ސާވިސްގެ މުވައްޒަފުން ލޯންޗިންގައި ބައިވެރިވާކަން ކަށަވަރުކުރުމަށް ވެސް ވަނީ އަންގާފަ އެވެ.
މީގެއިތުރުން އެސްއޯއީތަކުގެ މުވައްޒަފުންވެސް ކެމްޕެއިން ލޯންޗިންގައި ބައިވެރިވުމަށް ދަނީ އަންގަމުންނެވެ. އަދި މުވައްޒަފުން ބައިވެރިވާކަން ކަށަވަރުކުރަން ވެސް ޑިޕާޓްމަންޓްތަކުގެ ވެރިންނަށް ދަނީ އަންގަމުންނެވެ.
ހެރިޓޭޖް މިނިސްޓްރީން ކުރިއަށްގެންދަން ރާވާފައިވާ އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު މާފަންނު ޓްރެކް ސަރަހައްދުގައި ބާއްވާ ރަސްމިއްޔާތެއްގަ އެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިހުތިރާމް އަދާކުރުމުގެ ކެމްޕެއިނަށް ހެރިޓޭޖް މިނިސްޓްރީން ވަނީ މިހާތަނަށް ގިނަ ހަރަދުތަކެއް ކޮށްފަ އެވެ. މަޝްރޫއުގެ ޝިއާރަކީ "އިހުތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" ކަމުގައި ކަނޑައަޅާފައިވާއިރު، އެ ކެމްޕެއިން ކުރިއަށްގެންދަން ނިންމާފައިވަނީ ފަސް އަހަރު ދުވަހަށެވެ.
ގައުމީ ފެންވަރުގައި ގައުމީ އިހުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.



