އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ލޯންޗިންގައި ބައިވެރިވާން ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރަމުންދާކަން އެނގިއްޖެ އެވެ.
އަދަދު އަށް އެކި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި ކެމްޕެއިން ލޯންޗިންގައި ބައިވެރިވުމަށް މަޖުބޫރުކޮށް ގުޅަމުންދަނީ ސަރުކާރު އޮފީސްތަކާއި އެސްއޯއީތަކުގެ ވެރިންނެވެ. އެގޮތުން މި ހަރަކާތުގައި މުވައްޒަފުން ބައިވެރިވާކަން ޔަގީންކުރުމަށް ހާޒިރީވެސް ބެލުމަށް ނިންމާފައިވާކަން ވަނީ ކަށަވަރު ކުރެވިފަ އެވެ.
މި ކެމްޕެއިން ލޯންޗުކުރުމުގެ ހަރަކާތުގައި ބައިވެރިވާނެކަން އެސްއޯއީތަކާއި އެކި މިނިސްޓްރީތަކުގެ އިތުރުން މުއައްސަސާތަކުން ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކުރަމުންނެވެ. މި ހަރަކާތުގައި މިރޭ ހަވާ އެރުވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ލޯންޗިންގައި ބައިވެރިވާން ސަރުކާރުގެ އޮފީސްތަކުގެ ސިވިލް ސާވިސް މުވައްޒަފުންނަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ މަޖުބޫރުކޮށްފަ އެވެ. އެގޮތުން އޮފީސްތަކުން ސިވިލް ސާވިސްގެ މުވައްޒަފުން ލޯންޗިންގައި ބައިވެރިވާކަން ކަށަވަރުކުރުމަށް ވެސް ވަނީ އަންގާފަ އެވެ.
"މި މަޝްރޫއުގެ ހަރަކާތްތަކުގައި ސިވިލް ސާވިސްގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެ، ކާމިޔާބު މަޝްރޫއަކަށް ހެދުމަށް ކޮމިޝަނުން ބޭނުންވާތީ، ތިޔަ އިދާރާއާއި ތިޔަ އިދާރާގެ ދަށުން ހިނގަމުންދާ އިދާރާތަކުގެ ސިވިލް ސާވިސްގެ އެންމެހާ މުވައްޒަފުން މި ރަސްމިއްޔާތުގައި ބައިވެރިވުމަށް އަންގައި ދެއްވައި، އެ މުވައްޒަފުން މި ރަސްމިއްޔާތުގައި ބައިވެރިވާކަން ކަށަވަރުކުރުމަށް އެދި ދެންނެވިން،" ސިވިލް ސާވިސް ކޮމިޝަނުން ސަރުކާރު އޮފީސްތަކުގެ ޕާމަނަންޓް ސެކެޓްރީންނާއި ޒިންމާދާރު އިސްވެރިންނަށް ފޮނުވި ސީޓީގައި ބުންޏެވެ.
މި ހަރަކާތުގައި ވީހާވެސް ގިނަ މީހުން ބައިވެރިކުރުވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ އެގޮތުން ސްކޫލް ކުދިންނާއި ޓީޗަރުން އަދި ޔުނިވާސިޓީތަކުގެ ދަރިވަރުންނާއި ލެކްޗަރާއިންނަށްވެސް ހަރަކާތގައި ބައިވެރިވާން ދައުވަތު ދިނެވެ.
ހެރިޓޭޖް މިނިސްޓްރީން ކުރިއަށްގެންދަން ރާވާފައިވާ އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ މިރޭ މާފަންނު ޓްރެކް ސަރަހައްދުގައި ބާއްވާ ރަސްމިއްޔާތެއްގަ އެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިހުތިރާމް އަދާކުރުމުގެ ކެމްޕެއިނަށް ހެރިޓޭޖް މިނިސްޓްރީން ވަނީ މިހާތަނަށް ގިނަ ހަރަދުތަކެއް ކޮށްފަ އެވެ. މަޝްރޫއުގެ ޝިއާރަކީ "އިހުތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" ކަމުގައި ކަނޑައަޅާފައިވާއިރު، އެ ކެމްޕެއިން ކުރިއަށްގެންދަން ނިންމާފައިވަނީ ފަސް އަހަރު ދުވަހަށެވެ.
ގައުމީ ފެންވަރުގައި ގައުމީ އިހުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.








