މެލޭޝިއާ އެއާލައިންސްގެ ޓިކެޓުތަކުން ގްރީން ޓެކްސް ނަގަން ވިސްނަނީ

Oct 19, 2026, 1:28 PM
ފޮޓޯ: އޭޕީ

ފޮޓޯ: އޭޕީ

ތިމާވެއްޓާ ރައްޓެހި އޭވިއޭޝަން ފިއުލް ނުވަތަ "ސަސްޓެއިނަބަލް އޭވިއޭޝަން ފިއުލް" (އެސް.އޭ.އެފް) އަށް ހިނގާ ބޮޑު ހޭދަ ފޫބެއްދުމަށްޓަކައި ފަސިންޖަރުންގެ އަތުން "ގްރީން ޓެކްސް" އެއް ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެލޭޝިއާ އެއާލައިންސްގެ މައި ކުންފުނި، މެލޭޝިއާ އޭވިއޭޝަން ގްރޫޕުގެ އިސްވެރިޔާ ވިދާޅުވެއްޖެ އެވެ.

މިކަން ތަންފީޒުކޮށްފި ނަމަ ވައިގެ ދަތުރުގެ ޓިކެޓު އަގުތައް އިތުރަށް އުފުލިގެން ދާނެ އެވެ. 

މެލޭޝިއާ އޭވިއޭޝަން ގްރޫޕުގެ ކެޕްޓަން ނަސަރުއްދީން އޭ. ބަކުރު މިހެން ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެއާލައިންތަކުން ޖައްވަށް ދޫކުރާ ކާބަން މަދުކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް، ތިމާވެއްޓާ ރައްޓެހި ތެޔޮ ނުވަތަ އެސް.އޭ.އެފް ލިބުން ދަތިވުމާއި، އޭގެ އަގު އިންތިހާއަށް ބޮޑުވުމަކީ އެއާލައިންތަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.

މެލޭޝިއާއާ އަވަށްޓެރި ސިންގަޕޫރަކީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، ސަރުކާރުން މަޖުބޫރުކުރާ ގްރީން އޭވިއޭޝަން ޓެކްސްއެއް ނަގާނެކަން އިއުލާންކުރި ދުނިޔޭގެ ފުރަތަމަ ގައުމެވެ. މި ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ ދަތުރުކުރާ މަންޒިލާއި ފަސިންޖަރުން ދަތުރުކުރާ ކްލާހަށް ބަލައި ތަފާތު އަގުތަކެއްގަ އެވެ.

އޭވިއޭޝަން ސަސްޓެއިނަބިލިޓީ ކޮންފަރެންސެއްގެ ތެރެއިން އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް ދެއްވި އިންޓަވިއުއެއްގައި ނަސަރުއްދީން ވިދާޅުވީ، މިކަމުގައި އެޅޭނެ ފިޔަވަޅުތައް ބަލަމުންދާ ކަމަށެވެ. އަދި އެސް.އޭ.އެފް ބޭނުންކުރާއިރު، އެއީ ކަސްޓަމަރުންނަށް އަތްފޯރާފަށުގެ އަގުތަކެއްގައި ހުންނަ ޚިދުމަތަކަށް ވާންޖެހޭނެ ކަމަށާއި، ހަމައެއާއެކު އެއާލައިނަށް ވެސް އެ ތެޔޮ ގަނެވޭނެ ފަދަ މާލީ ގާބިލުކަން ހުންނަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އިންޓަނޭޝަނަލް އެނާޖީ އެޖެންސީން ހާމަކުރާ ގޮތުގައި، ދުނިޔޭގައި އަހަރަކު އުފެދޭ ކާބަންގެ ގާތްގަނޑަކަށް 2.5 އިންސައްތަ ހިއްސާކުރަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތުންނެވެ. ވައިގެ ދަތުރުފަތުރަށް އޮތް ޑިމާންޑް އިތުރުވަމުންދާތީ، އދ. ގެ އެހީތެރިކަމާއެކު ހިންގާ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނުން ވަނީ 2050 ވަނަ އަހަރުގެ ނިޔަލަށް ޖައްވަށް ދޫކުރާ ކާބަން "ނެޓް ޒީރޯ" އަށް ތިރިކުރުމުގެ ލަނޑުދަނޑިއެއް ކަނޑައަޅާފަ އެވެ.

އެ އިދާރާއިން ބުނާ ގޮތުގައި، އެސް.އޭ.އެފް ބޭނުންކޮށްގެން މި ސިނާއަތުން ޖައްވަށް ދޫކުރާ ކާބަންގެ 65 އިންސައްތަ މަދުކުރެވިދާނެ އެވެ.

އެސް.އޭ.އެފް އަކީ އާންމުކޮށް ބޭނުންކޮށްފައި ހުންނަ ކައްކާ ތެލާއި، ބޭކާރުވާ ސަރުބީ އަދި ދަނޑުވެރިކަމުގެ ބާކީބައިތައް ފަދަ އިއާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ތެލެކެވެ. މި ތެޔޮ މިހާރު ހުރި ބޯޓުފަހަރުގައި އާންމު ޖެޓް ފިއުލްއާ އެއްކޮށްގެން ބޭނުންކުރެވިދާނެ އެވެ. ނަމަވެސް، މިއީ އާންމު ޖެޓް ފިއުލްއަށް ވުރެ މާ އަގުބޮޑު ތެލަކަށް ވުމުގެ އިތުރުން، މި އުފެއްދުމުގެ ގާބިލުކަން ކުޑަވުމާއި ބޭނުންވާ ތަކެތި ލިބުން ދަތިވުމަކީ ފުޅާ ދާއިރާއެއްގައި ބޭނުންކުރުމަށް އޮތް ހުރަހެކެވެ.

އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަނުން ބުނާ ގޮތުގައި، މިހާރު ދުނިޔޭގައި ބޭނުންކުރާ ޖެޓް ފިއުލްގެ ތެރެއިން އެސް.އޭ.އެފް ހިއްސާކުރަނީ އެންމެއިންސައްތައަކަށް ވުރެ ވެސް ކުޑަ މިންވަރެކެވެ.

ނަސަރުއްދީން ވިދާޅުވީ، ކާބަން މަދުކުރުމަށް ވެފައިވާ އިގުރާރުގެ ދަށުން، އެ ކުންފުނީގެ ބޯޓުފަހަރު އާކުރުމަށާއި އެސް.އޭ.އެފް ބޭނުންކުރުމަށް އިސްކަންދޭނެ ކަމަށެވެ. 

ގްރީން ޓެކްސް ނެގުމާ މެދު ގޮތެއް ނިންމާނީ ސަރުކާރުން ކަމަށް ވިޔަސް، އެސް.އޭ.އެފްގެ އަގު ހެޔޮކުރުމަށް ރެގިއުލޭޓަރުންނާއި، ތެޔޮ ފޯރުކޮށްދޭ ފަރާތްތަކާއި އެއާލައިންތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ނަސަރުއްދީން ވިދާޅުވި އެވެ. އަދި މި ހުރިހާ ޚަރަދެއް ކަސްޓަމަރުންގެ އަތުން ނަގާނަމަ، ވައިގެ ދަތުރުފަތުރަށް އޮތް ޝައުގުވެރިކަން ކުޑަވެދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

އީރާނުގެ ހަނގުރާމައާ ގުޅިގެން އާންމު ޖެޓް ފިއުލްގެ އަގު ބޮޑުވުމުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ޓިކެޓުގެ އަގު ބޮޑުކޮށްގެން އެ ޚަރަދުތައް ފޫބެއްދުމަށް އޮތް ފުރުސަތު ހަނި ކަމަށް އޭނާ ވިދާޅުވި އެވެ. އެސް.އޭ.އެފްގެ ކަންތައް ވެސް އޮތީ ހަމަ އެފަދަ ގޮތަކަށް ކަމަށާއި، ކަސްޓަމަރުންގެ އަތުން ނަގާނެ މިންވަރު ބިނާވާނީ ތެލުގެ އަގަށް ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

"ޚަރަދު އެހާ ބޮޑު ނޫން ނަމަ، ފަސިންޖަރުންގެ އަތުން ކޮންމެވެސް ވަރެއް ނެގިދާނެ. އެކަމަކު ޚަރަދު އިންތިހާއަށް ބޮޑުވެއްޖެ ނަމަ، އެއީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އަގުތައް އިތުރަށް އުފުލިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމެރިކާގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް

އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ މުއާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، އެ ގައުމުގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް އައިސް ގިނަ އަދަދެއްގެ ދަތުރުތައް ވަނީ ކެންސަލްވެފައެވެ. މިއީ ސައިބާ ހަމަލާއެއް ނޫން ކަމަށާއި، މިއީ ނިޒާމަށް ދިމާވި ފަންނީ މައްސަލައެއް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ޓްރަމްޕް، ޝީ އަދި ޕުޓިން އަންނަ ހަފުތާގައި ބައްދަލުކުރަނީ

އަންނަ ހަފުތާގައި ޗައިނާގައި ބާއްވާ އޭޕެކް ސަމިޓުގެ ހަވާސާގައި އެމެރިކާ، ޗައިނާ އަދި ރަޝިޔާގެ ރައީސުން ބައްދަލުކުރައްވައި ނިއުކްލިއާ ހަތިޔާރު މަދުކުރުމާ ގުޅޭގޮތުން ތާރީޚީ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ނިއުކްލިއާ މައްސަލައިގެ އިތުރުން އީރާނުގެ މައްސަލައާ ގުޅޭގޮތުން ވެސް ވާހަކަދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ މި ތިން ގައުމުގެ އިސްވެރިން އެކުގައި ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭއައި ފޮތްތަކެއް ގަތް މައްސަލަ އިންޑިއާގައި ތަހުގީގު ކުރަނީ

އިންޑިއާގެ ޓެމިލް ނާޑޫގައި އަލަށް ހުޅުވި ކުތުބުޚާނާއަކަށް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޮތްތަކެއް ގަތް މައްސަލަ ތަހުގީގުކުރަން އެ ގައުމުގެ ކޯޓުން އަމުރުކޮށްފިއެވެ. "އޭއައި ސްކޭމް" އެއްގެ ގޮތުގައި ސިފަކުރެވޭ މި މައްސަލައިގައި، ފޮތްތައް ސަޕްލައިކުރި ފަރާތުގެ އެކައުންޓްތައް ހިފެހެއްޓުމަށާއި މި ތަހުގީގު އެހެން ކުތުބުޚާނާތަކަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަނީ

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަމުންދާތީ، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީ ދަށްވާން ފަށާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ވަނީ ދީފައެވެ. މި ބަދަލުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އުފެއްދުންތެރިކަން ދަށްވާނެ ކަމަށް އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox