ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާއަށް ބަދަލުތަކެއް ގެނެސް، ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ރިވެތި އަހުލާގާއި ސުލޫކު އެ މާއްދާގެ ތެރެއަށް އިންޓަގްރޭޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު މިރޭ ވިދާޅުވެއްޖެ އެވެ.
ގައުމިއްޔަތު މާއްދާއާ ގުޅޭ ގޮތުން "އަހާ" ފޯރަމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަފީއު ވިދާޅުވީ މި ބަދަލުތައް ގެންނަނީ މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ލިބުނު މައުލޫމާތަށް ބަލައިގެން ކަމަށެވެ.
މި ގޮތުން ކުރިއަށް އޮތް އަހަރު ފޮތްތަކަށް ކުދި ބަދަލުތަކެއް ގެންނަން ގަސްތުކޮށްފައިވާ ކަމަށް ޝަފީއު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ މާއްދާގެ ތެރެއަށް ދިވެހި ކާބަފައިންގެ ވާހަކަތަކާއި، ގައުމުގެ މުހިންމު ބަހާތަކުގެ އިތުރުން ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގައުމިއްޔަތުގެ މާއްދާއަށް ގެންނަ ބަދަލުތަކުގެ ތެރޭގައި، ގައުމިއްޔަތާއި އަހުލާގު ހިމެނޭ ގޮތަށް، އަދި މި ލިބުނު ތަޖުރިބާގެ އަލީގައި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ،" ޝަފީއު ވިދާޅުވި އެވެ.
މި ބަދަލުތަކުގެ ތެރޭގައި ދިވެހި ކާބަފައިންގެ ވާހަކަތަކާއި، ދިވެހި ގުއުމިއްޔަތުގެ މުހިންމު ބަހާތަކުގެ އިތުރުން، ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ރިވެތި އަހުލާގާއި ސުލޫކު މި މާއްދާގެ ތެރެއަށް އިންޓަގްރޭޓް ކުރުމަށް މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަން."
ގައުމިއްޔަތު މާއްދާއަށް ބަދަލު ގެންނަނީ، ޝަފީއު ވިދާޅުވި ގޮތުގައި، މި އަހަރު ހިންގި "ބިންގާ" ޕްރޮގްރާމުގައި ހިންގި ހަރަކާތްތަކުން ލިބުނު މައުލޫމާތުގެ އަލީގައި އެވެ. މިއީ، މި އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ވާހަކައާ ގުޅުވައިގެން، ކާބަފައިންގެ ރިވެތި އާދަތަކާއި ގައުމުގެ މުހިންމު ބަހާތައް ހިމެނޭހެން ފެށި ޕްރޮގްރާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޕްރޮގްރާމްގެ ދަށުން 200 ސްކޫލެއްގައި އެއް ލައްކައަށް ވުރެ ގިނަ ދަރިވަރުން ބައިވެރިކޮށްގެން 15،000 އަށް ވުރެ ގިނަ ހަރަކާތް ހިންގާފައިވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.
ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށީ މި ސަރުކާރުގެ ހަފްތާ 14 ގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން 2024 ވަނަ އަހަރުގެ ދިރާސީ އާ އަހަރާ އެކުގަ އެވެ. އެ ގޮތުން ފުރަތަމަ އަހަރު ކީ ސްޓޭޖު 1 އަދި 2 އަށް މި މާއްދާ ތައާރަފުކުރި އެވެ. މިހާރު ކީ ސްޓޭޖު 3 އާ ހަމައަށް ވެސް މި މާއްދާ ވަނީ ތައާރަފުކޮށް ނިމިފަ އެވެ.
މި މާއްދާގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ދިވެހި ތާރީހާއި، ސަގާފަތާއި، ގައުމީ އަބްތާލުންގެ ޖިހާދާއި، ދިވެހިބަހުގެ އިތުރުން ގައުމީ ނިޝާންތަކަށް އިހުތިރާމްކުރުން ހިމެނެ އެވެ.







