ގާނޫނުއަސާސީން ބޭރުގެ ފަރާތްތަކަށް ބިން ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ކަނޑައަޅާފައި ވަނިކޮށް، އެ ހިމާޔަތް ފަހަނައަޅައި ގޮސް "ސަރެންޑާ އެންޑް ރީ-ގްރާންޓް" މޮޑެލްގެ ހީލަތްތެރި ނިޒާމުގެ ދަށުން ތާއަބަދަށް ލީސް އާވާ ގޮތަށް ހަދަން ރިއަލް އެސްޓޭޓު ބިލުގައި ހިމަނާފައިވާ މާއްދާތަކާ މެދު އެއްޗެއް ވިދާޅު ނުވެ މިއަދު ރައީސް މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ހަތަރު ބިލެއް މިއަދު މަޖިލީހަށް ހުށަހެޅި އެވެ. އޭގެ ތެރެއިން ރިއަލް އެސްޓޭޓު ބިލަކީ އިޒްރޭލާ އާދަޔާ ހިލާފު ގާތް ގުޅުމެއް އޮންނަ ޔޫއޭއީގެ މުހައްމަދު އަލައްބާރަށް ރަސްމާލެއިން 500 ހެކްޓަރު ދިނުމަށް މަގުފަހިކުރުމަށް ހުށަހެޅި ބިލެކެވެ. ރަސްމާލޭގެ ބިމާއި ޕްރޮޕަޓީތައް ހުސްނުވާ 99 އަހަރަށް ދެވޭނެ ކަމަށް އީގަލް ހިލްސްއިން ފުރަތަމަ ބުނުމާއެކު ދިވެހިންގެ ބޮޑު ކަންބޮޑުވުމެއް އެބައޮތެވެ.
އެކަން އެހެން އޮއްވައި ރިއަލް އެސްޓޭޓު ބިލުގައި ވަނީ 99 އަހަރަށް ބިމާއި ޕްރޮޕަޓީ ދެވޭނެ ހީލަތްތެރި ގާނޫނީ "ލޫޕްހޯލް"އެއް ހިމަނާފަ އެވެ. އެއީ "ސަރެންޑާ އެންޑް ރީ-ގްރާންޓް" މޮޑެލް މެދުވެރިކޮށް ތާއަބަދަށް ލީސް އާވާ ގޮތް ހެދުމެވެ.
ގާތްގަނޑަކަށް އެއް ގަޑިއިރާ 45 މިނެޓަށް މުއިއްޒު ކުރިއަށްގެންދެވި ޕްރެސްގައި ރަސްމާލެއާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދެއްވި އެވެ. އެހެން ނަމަވެސް، އެ ބިލު މެދުވެރިކޮށް ތާއަބަދަށް ކުލީގެ އެއްބަސްވުންތައް އާކުރެވޭނެ ކަމަށް އޮތް މާއްދާތަކާ ގުޅޭ އެއްވެސް ވާހަކައެއް އެމަނިކުފާނު ނުދައްކަވަ އެވެ.
މަޖިލީހަށް ސަރުކާރުން ހުށަހެޅި މި ބިލުގެ 89 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ހާއްސަ ޒޯނުގައިވާ އެޕާޓްމަންޓްތަކާއި ޕްރޮޕަޓީތަކުގެ ލީސްހޯލްޑް ބޭރު މީހުންނަށް 99 އަހަރަށް ވިއްކޭނެ ކަމަށެވެ. އަދި ބޭރު މީހަކު މާސްޓާ ޑިވެލޮޕަރުގެ އަތުން ތަނެއް ގަތުމުން، ލިބެނީ ކުރީގެ ލީސްގެ ބާކީ އޮތް މުއްދަތެއް ނޫނެވެ.
އޭގެ ބަދަލުގައި، ކުރީގެ ލީސް ސަރުކާރަށް ދޫކޮށްލުމުން، ގަތް ފަރާތަށް ސީދާ އާ 99 އަހަރުގެ ލީސްއެއް އޮތޯރިޓީން ދޫކުރަން ޖެހޭނެ އެވެ. ބިލުގެ 78 ވަނަ މާއްދާގެ ށ. ގައިވާ ގޮތުން، މާސްޓާ ޑިވެލޮޕަރުގެ މުއްދަތު ހަމަވި ނަމަވެސް އެ ގޮތަށް ދޫކުރާ ލީސް ދެމިއޮންނާނެ އެވެ.
މި މޮޑެލްގެ ދަށުން ގަންނަ ބޭރު މީހުންނަށް އެ ޕްރޮޕަޓީ އެހެން ފަރާތްތަކަށް އަލުން ވިއްކުމާއި، ބޭންކުތަކަށް ރަހުނުކުރުމުގެ ފުރިހަމަ އިހުތިޔާރު ލިބިގެންދެ އެވެ. އެހެންކަމުން މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް ގެނައި އިންތިޒާމެއް ކަމަށް ބެލެވެ އެވެ.
އެކަމަކު ސަރުކާރުން މިކަން ސިފަކުރަނީ މިއީ ރިއަލް އެސްޓޭޓް މާކެޓަށް ގެންނަ ވަރަށް ބޮޑު ލުޔެއްގެ ގޮތުގައި، އަދި ކޮންމެހެން ވެސް ބޭނުންވާ ކަމެއްގެ ގޮތުގައި އެވެ.








