ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހޯމް-ސްކޫލިންގެ ފުރުސަތު ހިލޭ ދެވޭ ގޮތަށް ތައުލީމުގެ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލު ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
އެ އިސްލާހުގައި ބުނަނީ ކުއްޖާގެ ޖިސްމާނީ ނުވަތަ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ނުވަތަ އެނޫންވެސް ހާއްސަ ހާލަތަކަށް ރިޔާޔަތްކޮށް، ސްކޫލަށް ހާޒިރުވެގެން ތައުލީމު ހާސިލުކުރުމުން ކުއްޖާއަށް އިސްތިސްނާއެއް ދީ، ހޯމް-ސްކޫލިން ޕްރޮގްރާމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ދެވިދާނެ ކަމަށެވެ.
ނަމަވެސް ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ސްކޫލަށް ހާޒިރުވެގެން ތައުލީމު ހާސިލުކުރުމަށް ނުވަތަ ހޯމް-ސްކޫލިން ޕްރޮގްރާމުގެ ދަށުން ތައުލީމު ހާސިލުކުރުމަށް ނުކުޅެދޭ ކުދިންނަކީ މަޖުބޫރު ތައުލީމު ލާޒިމުވާނެ ކުދިން ނޫން ކަމަށް އިސްލާހުގައި ބުންޏެވެ.
ހޯމް-ސްކޫލިން ޕްރޮގްރާމުގެ ދަށުން ތައުލީމު ފޯރުކޮށްދެވޭ އަސާސީ ޝަރުތުތައް:
- ކުއްޖާއަކީ، ކުއްޖާގެ ކިބައިގައި ހުރި ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ނަފްސާނީ އަދި ހާއްސަ ހާލަތެއްގެ ސަބަބުން، ސްކޫލަށް ހާޒިރުވެގެން ތައުލީމު ހާސިލުކުރުމަށް ނުކުޅެދިފައިވާ ކުއްޖެއް ކަމުގައިވުން.
- ކުއްޖާގެ ބެލެނިވެރިންނަކީ، ހޯމް ސްކޫލިން ޕްރޮގްރާމުގެ ދަށުން ކުއްޖާއަށް ތައުލީމު ފޯރުކޮށްދިނުމުގެ މާލީ ގާބިލުކަން ހުރި ފަރާތެއް ކަމުގައިވުން.
- މަދުރަސީ ތައުލީމީ ނިޒާމުގެ ތެރެއިން ސްކޫލަށް ހާޒިރުވުމަށްޓަކައި، ސްކޫލެއްގައި ކުއްޖާ ރަޖިސްޓްރީވެފައިވުން.
ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ބަލައި، ކުއްޖާއަކީ މަޖުބޫރު ތައުލީމު ލާޒިމުވާނެ ކުއްޖެއް ނޫން ކަމުގައި ކަނޑައެޅުމުގައި ރިއާޔަތްކުރާނެ މިންގަނޑުތައް ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

އިސްލާހުގައި އިތުރަށް ބުނީ މަޖުބޫރު ތައުލީމު ލާޒިމުވާ އުމުރުގެ ކުއްޖަކު، އެ ކުއްޖާގެ އުމުރުން 16 އަހަރު ފުރުމުގެ ކުރިން ރާއްޖޭގެ ރަސްމީ ތައުލީމުގެ ނިޒާމު ގަބޫލުކުރާ ސާނަވީ ތައުލީމުގެ މަރުހަލާ ފުރިހަމަކޮށްފައިވާނަމަ، އެ ކުއްޖަކު ސްކޫލަށް ދިޔުން ލާޒިމެއް ނުވާނެ ކަމަށެވެ.
މީގެއިތުރުން ކުއްޖާގެ ނުކުޅެދުންތެރިކަމާ އެކަށޭނަ ގޮތަކަށް، އަދި އެކަށޭނެ މިންވަަރަކަށް އެ ކުއްޖާއަށް އުނގަންނައިދޭން ބެލެނިވެރިން އެކަށީގެންވާ މަސައްކަތް ކުރަންވާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.












