ރަސްމާލެ ވޯޓާފްރޮންޓު އެންޑް މެރީނާ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ މުސްތަގުބަލުގެ ޖީލުތަކަށް ކުރިމަތިވެދާނެ ބޮޑެތި މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ނިންމުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފި އެވެ.
ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދު ކަނޑުގައިވާ ކަނޑުގެ ސަރަހައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި ދިވެހިރާއްޖެއަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންވެފައިވާތީ، ރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރަން މުއިއްޒު އުފެއްދެވި ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަހުމަދު އަލިމަނިކު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ ކަންކަން މަދު މީސްކޮޅެއް ނިންމާލުމުގެ ބަދަލުގައި، ރާއްޖޭގެ ވީހާވެސް ގިނަ ބައެއްގެ ރުހުމާއި ބައިވެރިވުން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އާންމު ވޯޓަކުން ނިންމެވުމަކީ އޭނާ އެދޭ ގޮތް ކަމަށެވެ.
"މިއީ ރާއްޖޭގެ އަންނަން އޮތް ޖީލުތަކުގެ ހައްގާ، އަޅުގަނޑު އެދޭ އެދުމެއް، އަޅުގަނޑަކީ ސިޔާސީ މީހެއް ނޫން،" ކުރިން ގައުމީ އިނާމު ދޭ ކޮމިޓީގެ މެންބަރުކަން ވެސް ކުރެއްވި އަހުމަދު އަލިމަނިކު ވިދާޅުވި އެވެ.
އަހުމަދު އަލިމަނިކު އަކީ އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލުކުރައްވާފައިވާ، އަދި ދައުލަތަށް 37 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާއަކީ ރާއްޖޭގެ ސްކައުޓް ހަރަކާތް ތަރައްގީކުރުމުގައި 35 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައި، ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗީފް ކޮމިޝަނަރުގެ މަގާމު 10 އަހަރު ދުވަހު އަދާކުރެއްވި ބޭފުޅެކެވެ. ސްކައުޓް އެސޯސިއޭޝަނުން ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ "ސިލްވަރ ޓޫނާ" ވެސް ލިބިވަޑައިގެންފައިވާ އަހުމަދު އަލިމަނިކަކީ ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުއިއްޔާގެ މުއައްސިސެއްގެ އިތުރުން އެ ޖަމުއިއްޔާގެ ނައިބު ރައީސްވެސް މެއެވެ.
ޔޫއޭއީގެ މަހުޖަނު އަލައްބާރުގެ އީގަލް ހިލްސްއަށް ރަސްމާލެ ތަރައްގީކުރަން ދިނުމުގެ ފުރަތަމަ އެއްބަސްވުމުގައި 21 ސެޕްޓެމްބަރުގައި ސޮއިކޮށްފައިވާއިރު ދާއިމީ އެއްބަސްވުމުގެ ސޮއިކުރުމަށް ރިއަލް އެސްޓޭޓު ގާނޫނު މިއަދު ވަނީ މަޖިލީހަށް ވައްދައިފަ އެވެ.
ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލޭގައި މަޝްރޫއެއް ކުރިއަށް ގެންދަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ދިޔުމަށް އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.
އެ ގަރާރު މަޖިލީހުގައި އެޖެންޑާ ނުކޮށް އޮއްއިރު ފެންނަނުފެންނަ ވޯޓެއް ނުނަގާނެކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވަނީ ވިދާޅުވެފަ އެވެ.





