ރަސްމާލެ ހިއްކުމުގެ މަޝްރޫއަށް 500 މިލިއަން ޑޮލަރާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށް ކުރިން ވިދާޅުވުމަށް ފަހު، މުޅި އެ މަޝްރޫއަށް ދައުލަތުން މިހާރު ހަރަދުވާނީ 330 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5.1 ބިލިއަން ރުފިޔާ) ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ.
މުއްތަލިބު "އަހާ" ފޯރަމްގައި ވިދާޅުވީ، ރަސްމާލެ މަޝްރޫއު ފެށި ދުވަސްވަރު އެ މަސައްކަތަށް 500 މިލިއަނާއި 700 މިލިއަން ޑޮލަރާ ދެމެދުގެ ހަރަދެއް ހިނގާނެ ކަމަށް ވިދާޅުވެވުނު ކަމަށެވެ. އެ ހިސާބުތައް އޭރު ބިނާކުރެއްވީ ކުރީ ސަރުކާރުން ހިންގި ޕްރޮޖެކްޓްތަކުގެ އަގުތަކަށާއި މާކެޓް ރޭޓަށް ބަލައިގެން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"މި އަޅުގަނޑު ހަނދާންވޭ ރަސްމާލެ ހިއްކަން ފެށި ކައިރީގައި އަޅުގަނޑަށް ވެސް އޭރު ދެންނެވިފައިވާނެ އެސްޓިމޭޓެޑް ކޯސްޓަކީ ގާތްގަނޑަކަށް 500 މިލިއަނާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެކޭ. އޭރު އަޅުގަނޑުގެ އެ ހިސާބުތައް ބިނާކޮށްފައި އޮތީ އަޅުގަނޑުމެން [ވެރިކަމަށް] އައިއިރުގައި އޭރު ސަރުކާރުން ހިންގަމުންދިޔަ ޕްރޮޖެކްޓްތަކާއި، އަދި އޭރުގައި މާކެޓްގެ ރޭޓުގައި ހުރި އަދަދާއި، އަދި އޭގެ ޝޯ ޕްރޮޓެކްޝަނަށް ބަލާފައި،" މުއްތަލިބު ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރުން މިހާރު ކުރި މަސައްކަތުން ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ފުށިދިއްގަރު މަޝްރޫއަށް 500 އާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ކޮންޓްރެކްޓަރު އަތުން ހަރަދުވާނެ: މިނިސްޓަރު
"ކޮންޓްރެކްޓާ އެ އޮތީ އެ ހުރިހާ ރިސްކެއް ނަގާފަ ދައުލަތުން އެމީހުންނަށް މިވެނި ވަރަކަށް ބިން ކޮމިޓު ކުރީމަ ބާކީ ބައި އެއްކޮށް ހިއްކައިދޭ ގޮތަށް. އެއީކީ އެއްވެސް ވަރަކަށް ފައިސާގެ މުއާމަލާތެއް ހިނގާ މަޝްރޫއެއް ނޫން."
އެގޮތުން ޑްރެޖަރު ޗާޓަރު ކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން މުޅި ރަސްމާލޭގެ 1,090 ހެކްޓަރު ހިއްކުމަށް ދާނީ 330 މިލިއަން ޑޮލަރު ކަމަށް މިހާރު އަންދާޒާކުރެވޭ ކަމަށް ވިދާޅުވި އެވެ. އަދި، 500 ހެކްޓަރަށް ހަރަދުވާނީ ގާތްގަނޑަކަށް 160 މިލިއަން ޑޮލަރު ވަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ހަގީގަތުގައި އަޅުގަނޑުމެން ކުރިން އެ ފުރަތަމަ ފެށިއިރުގައި އަންދާޒާކުރި ހިސާބަކީ ގުޅީފަޅާއި ގިރާވަރުފަޅު ހިއްކަމުންދިޔަ މަޝްރޫއުތަކަށް ހިނގާފައި ހުރި ޚަރަދަށް ބަލާފައި އަންދާޒާކުރި ހިސާބެއް. އެހެންނަމަވެސް މިހާރު ސަރުކާރުން މި ދެންނެވި ގޮތަށް ވީހާވެސް ހަރަދު ކުޑަކޮށް ކުރުމަށްޓަކައި، މިސާލަކަށް ޑްރެޖަރު ޗާޓަރުކޮށްގެން ހިއްކުން ފަދަ މަސައްކަތްތަކާ އެކު އަޅުގަނޑުމެންނަށް މިހާރު އަންދާޒާކުރެވެނީ މުޅި ރަސްމާލެ ހިއްކުމަށް ދާނީ 330 މިލިއަން ޑޮލަރު ކަމަށް." މުއްތަލިބުު ވިދާޅުވި އެވެ.
މި މަޝްރޫއަށް ހިނގާނެ ކަމަށް މިހާރު ލަފާކުރާ 330 މިލިއަން ޑޮލަރުގެ ބޮޑު ބައެއް ދިވެހި ރުފިޔާއިން ހަރަދުކުރެވިފައިވާ ކަމަށް ވެސް މުއްތަލިބި ފާހަގަކުރެއްވި އެވެ. އެއީ ޑޮލަރުގެ ދަތިކަމަށް އިތުރު އަސަރެއް ނުކުރާނެ ގޮތަށް ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބައެއް ފަރާތްތަކުން 700 މިލިއަން ނުވަތަ އެއް ބިލިއަން ޑޮލަރު ދާނެ ކަމަށް ބުނެ ދައްކަނީ ސިޔާސީ ބޭނުމަށް ދައްކާ ބިރުވެރި ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
ރަސްމާލެ ހިއްކަން ފެށިތާ ތިން އަހަރު ވާން ގާތްވެފައި ވަނިކޮށް ރަސްމާލެ ހިއްކުމުގެ އަގު ސަރުކާރުން ހާމަކޮށްފައިވާއިރު، މީގެ ކުރިން މުއްތަލިބު ވަނީ ސަރުކާރު ކުންފުނިތަކުން އެ މަސައްކަތް ކުރާތީ އަގު އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. މިހާރު އެ ތަން ހިއްކަން ދާނެ ހަރަދު ހާމަކޮށްފައި މި ވަނީ އަދި އަގު ކުޑަ ކަމަށް ބުނެފައި ވަނީ ދިވެހި ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުން ބޮޑު ހަރަދުކޮށްގެން ހިއްކި ތަނެއް ޔޫއޭއީގެ އީގަލް ހިލްސްއަށް ދޭން އުޅޭ މައްސަލައިގައި ފާޑުކިޔުން ބޮޑުވެފައި ވަނިކޮށެވެ.








