ތައުލީމީ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުން މަގުފަހިކޮށްދެނީ ސްކޫލުގައި ކިޔަވަނިކޮށް ބަލިވެއިންނަ ދަރިވަރުންނަށް ވެސް ގޭގައި ކިޔަވައިދެވޭނެ ގޮތެއް ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު، މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް ހުށަހަޅައިފައިވާ އިސްލާހުގައި ބުނަނީ ކުއްޖާގެ ޖިސްމާނީ ނުވަތަ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ނުވަތަ އެނޫންވެސް ހާއްސަ ހާލަތަކަށް ރިޔާޔަތްކޮށް، ސްކޫލަށް ހާޒިރުވެގެން ތައުލީމު ހާސިލުކުރުމުން ކުއްޖާއަށް އިސްތިސްނާއެއް ދީ، ހޯމް-ސްކޫލިން ޕްރޮގްރާމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ދެވިދާނެ ކަމަށެވެ.
އެ އިސްލާހަށް ބަހުސްކުރައްވަމުން މުސްތަފާ ވިދާޅުވީ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ބަލިވެއިންނަ ކުއްޖާ ވެސް ތައުލީމުން މަހުރޫމުނުކުރެވޭނެ ކަމަށެވެ. މަޖިލީހަށް މިހާރު ހުށަހަޅައިފައިވާ އިސްލާހުން އެފަދަ ކުދިންނަށް ތައުލީމު ދެވޭނެ ގޮތެއް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން ފަހަރެއްގައި ތަންކޮޅެއް ލަދުވެތިކަމަކަށް ވެސް ވެދާނެ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވައިލަން ބޭނުންވޭ، މިސާލަކަށް ތައުލީމީ ނިޒާމުގައި ތައުލީމީ ނިޒާމުގެ ތެރޭގައި ކުއްޖަކު މަދަރުސީ ދުވަސްވަރުގެ ތެރޭގައި ބަލިވެއިނުން ކަހަލަ ކަންކަން އެބަ ދިމާވޭ. އިނގޭތޯ؟" މުސްތަފާ ވިދާޅުވި އެވެ.
"އެހެންނަމަވެސް، އެ ކުއްޖާގެ އެ އުމުރުގެ ތެރޭގައި އެ ކުއްޖާ އެ ތައުލީމުން މަހުރޫމު ކުރެވޭނެ، ބޭރުކުރެވޭނެ ގޮތެއް ނޯވޭ، އެ ކުއްޖާ އެބަޖެހޭ އެ ތައުލީމީ ނިޒާމުގެ ތެރޭގައި ތައުލީމު ދެވޭނެ ގޮތެއް ހަދައިދޭން."

ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގާނޫނުއަސާސީން އެކަމަށް ލާޒިމުކުރާކަން ފާހަގަކުރައްވައި މުސްތަފާ ވިދާޅުވީ އެއީ އަމިއްލަ ތަޖުރިބާގެ މައްޗަށް ބިނާކުރައްވައި ދައްކަވާ ވާހަކައެއް ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން މި ޖެހެނީ ގޭގައި ބަހައްޓައިގެން މި ނިޒާމުގެ ތެރެއިން ބާކީނުކޮށް އެކަން ކުރެވޭނެ ގޮތެއް ހޯދައިދޭން. މި ގާނޫނުން އެކަމަށް މި މަގުފަހިކޮށްދެނީ،" މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްކޫލް ދުވަސްވަރު ބަލިވެއިންނަ ދަރިވަރުންގެ އިތުރުން ވެސް ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއި ތަފާތު އެކްސިޑެންޓުތައް ދިމާވެ ހާއްސަ ހާލަތު މެދުވެރިވާ ކުދިންނަށް ވެސް ގޭގައި ތިބެގެން ކިޔަވައިދިނުމުގެ ފުރުސަތު އެ އިސްލާހުގެ ސަބަބުން ފަހިވެގެންދާނެ ކަމަށެވެ.
ހުރާ ދާއިރާގެ މެންބަރު، އަނާރާ ނައީމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ކުއްޖެއްގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ސްކޫލަށް ހާޒިރުވެގެން ތައުލީމު ހާސިލުކުރުމަށް ނުވަތަ ހޯމް-ސްކޫލިން ޕްރޮގްރާމުގެ ދަށުން ތައުލީމު ހާސިލުކުރުމަށް ނުކުޅެދޭ ކުދިންނަކީ މަޖުބޫރު ތައުލީމު ލާޒިމުވާނެ ކުދިން ނޫން ކަމަށެވެ.
ހޯމް-ސްކޫލިން ޕްރޮގްރާމުގެ ދަށުން ތައުލީމު ފޯރުކޮށްދެވޭ އަސާސީ ޝަރުތުތައް:
- ކުއްޖާއަކީ، ކުއްޖާގެ ކިބައިގައި ހުރި ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ނަފްސާނީ އަދި ހާއްސަ ހާލަތެއްގެ ސަބަބުން، ސްކޫލަށް ހާޒިރުވެގެން ތައުލީމު ހާސިލުކުރުމަށް ނުކުޅެދިފައިވާ ކުއްޖެއް ކަމުގައިވުން.
- ކުއްޖާގެ ބެލެނިވެރިންނަކީ، ހޯމް ސްކޫލިން ޕްރޮގްރާމުގެ ދަށުން ކުއްޖާއަށް ތައުލީމު ފޯރުކޮށްދިނުމުގެ މާލީ ގާބިލުކަން ހުރި ފަރާތެއް ކަމުގައިވުން.
- މަދުރަސީ ތައުލީމީ ނިޒާމުގެ ތެރެއިން ސްކޫލަށް ހާޒިރުވުމަށްޓަކައި، ސްކޫލެއްގައި ކުއްޖާ ރަޖިސްޓްރީވެފައިވުން.
ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ބަލައި، ކުއްޖާއަކީ މަޖުބޫރު ތައުލީމު ލާޒިމުވާނެ ކުއްޖެއް ނޫން ކަމުގައި ކަނޑައެޅުމުގައި ރިއާޔަތްކުރާނެ މިންގަނޑުތައް ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
އިސްލާހުގައި އިތުރަށް ބުނީ މަޖުބޫރު ތައުލީމު ލާޒިމުވާ އުމުރުގެ ކުއްޖަކު، އެ ކުއްޖާގެ އުމުރުން 16 އަހަރު ފުރުމުގެ ކުރިން ރާއްޖޭގެ ރަސްމީ ތައުލީމުގެ ނިޒާމު ގަބޫލުކުރާ ސާނަވީ ތައުލީމުގެ މަރުހަލާ ފުރިހަމަކޮށްފައިވާނަމަ، އެ ކުއްޖަކު ސްކޫލަށް ދިޔުން ލާޒިމެއް ނުވާނެ ކަމަށެވެ.
މީގެއިތުރުން ކުއްޖާގެ ނުކުޅެދުންތެރިކަމާ އެކަށޭނަ ގޮތަކަށް، އަދި އެކަށޭނެ މިންވަަރަކަށް އެ ކުއްޖާއަށް އުނގަންނައިދޭން ބެލެނިވެރިން އެކަށީގެންވާ މަސައްކަތް ކުރަންވާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.













