އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިީހަށް ހުށަހަޅައިފައިވާ ބަޖެޓަށް ބަހުސްކުރާނެ މެންބަރަކު ނުވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފައި ވަނީ ދޮޅު ގަޑިއެއްހާއިރު ބަޖެޓުގެ ބަހުސް ކުރިއަށް ގެންދިޔުމަށްފަހު، ބަހުސްކުރާނެ އިތުރު މެންބަރަކު ނުވެގެންނެވެ.
"މިހާރު އަޅުގަނޑުމެން ބަޖެޓަށް ގާތްގަނޑަކަށް އަށް ދުވަސްވަރު ދިނީ، އެހެންވީމާ ބަޖެޓު އަޅުގަނޑުމެން ނިންމަންޖެހޭ ވަކި ތާރީހަކަށް، އެހެންވީމާ ފުރުސަތަކަށް ގިނަ މެންބަރުން އެދުމަކީ ވަރަށް މުހިންމު ކަމެއް، އެންމެ ފަހު ވަގުތަށް ނުތިބެ ހުރިހާ ބޭފުޅުންގެ ވާހަކަ އަވަހަށް ނިންމައިލެވޭނީ އަޅުގަނޑުމެން މި ބޭނުންކުރާ ވަގުތު ރަނގަޅަށް ކޮށްގެން،" މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި އަހުމަދު ސަލީމް ވިދާޅުވި އެވެ.
"އެހެންނަމަވެސް އަދިވެސް އެއްވެސް ބޭފުޅަކު ފުރުސަތަކަށް އެދިވަޑައިނުގަންނަވާތީ އާއެކީގައި މިހައި ހިސާބުން ދެން އަޅުގަނޑުމެން މަޖިލިސް..، މިހައި ހިސާބުން ދެން އަޅުގަނޑުމެން މިއަދުގެ މަޖިލިސް ނިންމައިލަން ހިފާނަން."
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ހެނދުނުގެ ވަގުތުގައި ނަމަވެސް، މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށީ މެންދުރުފަހު 2:00 ގަ އެވެ. މަޖިލީހުގެ ޖަލްސާ ފަސްކުރީ ރަސްމާލޭގެ ބިން އީގަލް ހިލްސްއަށް ދިނުމަށްޓަކައި މަޖިލީހަށް ހުށަހެޅި ބިލާއި އަބުރުގެ ބިލު ހިމެނޭހެން ޖުމުލަ ހަތަރު ބިލެއް މަޖިލީހަށް ހުށަހެޅުމާ ގުޅޭގޮތުން ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވާތީ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފައިވާ ބަޖެޓު ފާސްކުރަން، ބަޖެޓު ދިރާސާކުރާ ކޮމިޓީން ނިންމާފައި ވަނީ މި މަހު 19 ގެ ކުރިންނެވެ.
ބަޖެޓުގެ މަސައްކަތް ކުރުމަށް ކަނޑައެޅި ތާވަލުގެ ދަށުން މިއަދު އޮތީ ފިނޭންސް މިނިސްޓްރީއާ ބައްދަލުކުރުމެވެ. ބަހުސްކުރާނެ މެންބަރަކު ނުވެގެން މިއަދުގެ ޖަލްސާ ނިންމާލިއިރު، ފިނޭންސް މިނިސްޓަރު، ހަސަން ޒަރީރު އާއި އެ މިނިސްޓްރީގެ ބޭފުޅުން ވެސް މަޖިލީހުގައި ތިއްބެވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މަޖިލީހަށް ހުށަހެޅުއްވީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މި އަހަރަށް ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅައިބަލާއިރު ގާތްގަނޑަކަށް 4.5 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.
ޖުމްލަ ބަޖެޓު ކުޑަވި ނަމަވެސް، އަންނަ އަހަރު ދައުލަތުގެ ހަރަދުތައް 52.6 ބިލިއަން ރުފިޔާއަށް އަރައި، މި އަހަރަށް ވުރެ 3.3 ބިލިއަން ރުފިޔާ އިތުރުވާނެ އެވެ. މީގެ ތެރެއިން ސަރުކާރު ހިންގުމުގެ ރިކަރަންޓު ހަރަދު 42.7 ބިލިއަން ރުފިޔާގައި ހިފެހެއްޓުމަށް ބަޖެޓުކޮށްފައިވާއިރު، ތަރައްގީގެ މަޝްރޫއުތަކުގެ ހަރަދު ވަނީ 9.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ހަރަދުތައް ބޮޑުވުމުގެ ސަބަބުން އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓު 9.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. މިއީ މި އަހަރު ނިމޭއިރު ޑެފިސިޓު ހުންނާނެ ކަމަށް ލަފާކުރާ އަދަދަށް ވުރެ 25 އިންސައްތައިގެ އިތުރުވުމެކެވެ.
ޖުމްލަ ބަޖެޓު ދަށްވީ އަންނަ އަހަރު އަނބުރާ ދައްކަން ޖެހޭ ދަރަނީގެ އަދަދު 4.5 ބިލިއަން ރުފިޔާއަށް މަދުވުމުންނެވެ.








