ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމްތަކުން ފައިސާ ނުނެގޭ މައްސަލަ ބޮޑުވެ، އާންމުންގެ ފާޑުކިޔުން އަނެއްކާ ވެސް ބޭންކަށް އަމާޒުވެއްޖެ އެވެ.
މަޖީދީ މަގު ސްޓާ ކްލައުޑްސްގައި ހުންނަ ބީއެމްއެލްގެ ތިން ޑޮލަރު އޭޓީއެމުން ވެސް ފައިސާ ނަގަން ވަރަށް ދަތި ކަމަށް މި ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ. އަދި ހުޅުމާލޭގައި ހުންނަ ޑޮލަރު އޭޓީއެމްތަކުން ވެސް ފައިސާ ނުނެގޭ ކަމަށް އާންމުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
ޑޮލަރު އޭޓީއެމް ކައިރީ ބައެއް މީހުން އަޑުގަދަކޮށް ހެދި މަންޒަރު މި ނޫހުގެ ބައެއް ނޫސްވެރިންނަށް ވެސް ފެނިފައިވެ އެވެ.
"މާލެ ހުޅުމާލޭގެ ބޭންކް އޮފް މޯލްޑިވްސްގެ އެއްވެސް އޭޓީއެމްއަކުން ޑޮލަރު ނުނެގޭތާ މިއަދަށް މިއީ ތިން ވަނަ ދުވަސް. އަހަރުމެންގެ އެކައުންޓުގައި ހުރި އަހަރުމެންގެ ފައިސާ އަހަރުމެންނަށް ނުނެގެންވީ ކީއްވެ؟ އަދިވެސް އިތުރު އެމްބަސީތައް ދުނިޔޭގެ އެތަންމިތަނުގައި ހުޅުވާ،" މީހަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ބީއެމްއެލްގެ އޭޓީއެމްތަކުން ޑޮލަރު ނުނެގޭ މައްސަލައިގައި ކޮމެންޓެއް ހޯދަން އެ ބޭންކުގެ ތަރުޖަމާނު މުހައްމަދު ސައީދަށް ގުޅުމުން ވިދާޅުވީ، ކޮމެންޓެއް ދެއްވުމަށް ފަހުން ގުޅާނެ ކަމަށެވެ. އެކަމަކު ފަހުން އޭނާ ފޯނު ނުނަންގަވާތީ ބީއެމްއެލްގެ ބަހެއް މި ހަބަރަކަށް ނުލިބުނެވެ.
ދިވެހިރާއްޖޭގައި ޑޮލަރު މަދުވެ، ބޭންކަށް ވެސް އިންތިހާ ދަތިވެ، ވިޔަފާރިވެރިން ޓީޓީއަށް ދޭ ޑޮލަރު ވެސް ބޭރަށް ނުފޮނުވޭ ހިސާބަށް މިދިޔަ ސެޕްޓެމްބަރު މަހު ކަންކަން ދިޔަ އެވެ. އަދި ބީއެމްއެލްގައި ހުރި އާންމުންގެ ޑޮލަރު އެހެން ބޭންކުތަކަށް ފޮނުވުމަށް ވެސް ދަތިތަކެއް ދިމާވި އެވެ.
"ބޭންކުން ބޭރުވާ ޑޮލަރުގެ ނިސްބަތް އިތުރުވެފައިވާތީ ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) އާއި ބޭންކުތަކުގެ މެދުގައި ކުރެވޭ ޓްރާންސްފާތައް ހިމެނޭހެން ޑޮލަރުގެ މުއާމަލާތްތައް ފުރިހަމަ ކުރުމުގައި ލަސްތަކެއް ވަނީ ކުރިމަތިވެފައި،" ބޭންކުން ސެޕްޓެމްބަރު 19، ގައި ބުނެފައިވެ އެވެ.
ޑޮލަރު ތާށިވުމުން ބޭންކުން ވަނީ ޑެޓިބް އަދި ކްރެޑިޓް ކާޑުން ކުރެވޭ މުއާމަލާތްތައް އިތުރަށް ހަނިކޮށްފަ އެވެ. މިހާރު ކޮންމެ ދުވަހަކު ވެސް މުޅި ރާއްޖެއަށް ކުރެވޭނީ އެންމެ 16 މިލިއަން ޑޮލަރުގެ ވިޔަފާރި އެވެ. އެ ފިޔަވަޅުތަކާއެކު ހަފުތާއެއްގެ ތެރޭގައި ޑޮލަރުގެ ހާލަތު ހަމައަކަށް އެޅޭނެ ކަމަށް ބޭންކުން ބުންޏެވެ.
"މި ފިޔަވަޅުތަކުގެ ސަބަބުން ބޭންކުން ބޭރުވާ ޑޮލަރު މިންވަރު، ބޭންކަށް ލިބޭ ޑޮލަރާ އެއް ހަމައެއްގައި ހިފެހެއްޓުމަށް މިހާރު ވަނީ އެހީތެރިވެދީފަ. މިއާއެކު ކުރިއަށް އޮތް ހަފުތާ ނިމެންވާއިރަށް ޑޮލަރުގެ މުއާމަލާތްތައް އާންމު ހާލަތަކަށް ރުޖޫއަވާނެ ކަމަށް ލަފާ ކުރެވޭ،" ބީއެމްއެލް އިން ބުނެފައިވެ އެވެ.








