އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފާސްނުކުރަން މަޖިލީހުގެ އަގުލަބިއްޔަތު މެންބަރުން ވޯޓުދެއްވައިފި އެވެ.
ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ އޮގަސްޓް މަހު މަޖިލީހަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގައި ތިއްބަވާ 13 މެންބަރުންގެ ސޮޔާއެކުގަ އެވެ.
ނަމަވެސް، މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ސައީދުގެ އިތުބާރު ނެތްކަމަށް ފާސްނުކުރުމަށް ނިންމީ ވޯޓުގައި ބައިވެރިވި 54 މެންބަރުންގެ ވޯޓުންނެވެ. ސައީދުގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.
އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނީ ސައީދުއާ ހަވާލުވެފައިވާ މަސްއޫލިއްޔަތުތަކާއި ހިލާފުވެފައިވާ ކަމަށް ބުނެ ހަ ނުކުތާއެއްގެ މައްޗަށް ބިނާކޮށެވެ.
ސައީދުގެ މިނިސްޓަރުކަމުގައި ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓު އިއުލާނުކޮށް އެތައް ކުންފުންޏެއް އުފައްދައިފި، ވީކަމެއް ނެތް: ޝަމްހީދު
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބިލިއަން ޑޮލަރުގެ ގިނަ މަޝްރޫއުތަކެއް އިއުލާނުކޮށް ކުންފުނިތައް އުފެއްދެވި ނަމަވެސް، އޭގެން އެއްވެސް ނަތީޖާއެއް ނުފެންނަ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ސައީދުގެ އިތުބާރު ނެތްކަމަށް ހުށަހެޅި ސަބަބުތައް
- ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ނުބެލެހެއްޓުން
- ޑޮލަރުގެ އަގު ކަޅުބާޒާރުގައި ހުއްޓުމެއްނެތި މައްޗަށްގޮސް، ތަކެތީގެ އަގު އިންތިހާއަށް އުފުލުން
- ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުން
- އަމިއްލަ ވިޔަފާރިތައް ހިމާޔަތްކުރުމުގައި ފެއިލްވުން
- އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހާއި ދައުލަތުގެ ސިޔާދަތަށް ނުރައްކާވުން
- ބިޔަ މަޝްރޫއުތަކެއް އިއުލާނު ކުރުމަށްފަހު ހުރިހާ މަޝްރޫއުތަކެއް ހުއްޓިފައި ހުރުން
މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުން ޑޮލަރުގެ ރޭޓު 15.42ރ. އަށްވުރެ ތިރިކުރާނެ ކަމަށް ކުރިން ވައުދުވެ ރައްޔިތުންނަށް ބޮޑު އޮޅުވާލުމެއް ސައީދު އޮޅުވާލެއްވި ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.
މިއީ މި ސަރުކާރުގެ ވަޒީރަކާ ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގައި ކުރިއަށްގެންދިޔަ ތިންވަނަ ފަހަރެވެ. މީގެ ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަތަކެއް މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް، ޕީއެންސީގެ ސުޕަ މެޖޯރިޓީން ވަނީ އެ ދެ މައްސަލަ ވެސް ފެއިލުކޮށްލާފަ އެވެ.








