އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދުގެ މިނިސްޓަރުކަމުގައި އެއް ބިލިއަން ޑޮލަރަށްވުރެ ގިނަ ޕްރޮޖެކްޓު އިއުލާނުކޮށް، އެތައް ބައިވަރު ކުންފުންޏެއް އުފެއްދި ނަމަވެސް، އޭގެން ހާސިލުވީ އެއްވެސް ކަމެއް ނެތް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު، އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝަމްހީދު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ އިތުބާރު ވެސް މިއަދު ސައީދު ނެތް ކަމަށާއި، މިހާރު ސަރުކާރުން ކުރިއަށް ގެންދަން މަސައްކަތް ކުރަމުންދާ ރަސްމާލެ ޕްރޮޖެކްޓުގައި ސައީދުގެ ދައުރެއް ނެތީ އެހެންވެ ކަމަށެވެ.
"އިއުލާނުކޮށްފައި ހުރި ބައެއް ޕްރޮޖެކްޓްސްއަށް ބަލާއިރު، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު 8.8 ބިލިއަން ޑޮލަރު، ފޮނަދޫ އިންޓަނޭޝަނަލް ފައިނޭންޝަލް ހަބު، ފޮނަދޫ-މާލެ-ހުޅުމާލެ މޮނޮރެއިލް ސިސްޓަމް، ފޮނަދޫ-މާލެ-ހުޅުމާލެ ބްރިޖު ކަނެކްޝަން، ސީޕްލޭން ޓާމިނަލް ރީލޮކޭޝަން، ފޮނަދޫ އެސްޓީއޯ ފިއުލްފާމް، ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް، އިހަވަންދޫ އިކޮނޮމިކް ގޭޓްއަވޭ، އިހަވަންދޫ އިންޓަނޭޝަނަލް ބަންކަރިން ޕްރޮޖެކްޓު،" ޝަމްހީދު ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ މި ސަރުކާރުން އިއުލާނުކޮށްފައި ހުރި ބޮޑެތި ޕްރޮޖެކްޓުތަކުގެ ލިސްޓު ކިތަންމެ ދިގުކޮށް ވެސް ކީދާނެ ކަމަށެވެ. އެ ހުރިހާ ޕްރޮޖެކްޓެއްގެ ޖުމުލަ އަގު ބިލިއަން ޑޮލަރަށްވުރެ ނަމަވެސް، އޭގެން އެއްވެސް މަޝްރޫއުއެއްގެ ނަތީޖާ ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، ސައީދުގެ ވަޒީރުކަމުގައި އެތައް ބައިވަރު ކުންފުންޏެއް އުފައްދާފައިވާއިރު، އޭގެ ތެރެއިން އެއްވެސް ކުންފުންޏަކުން ވެސް ނަތީޖާއެއް ނެރެވިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ ސައީދު އިކޮނޮމިކް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވިފަހުން، ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑަށް ލޮޅުން އަރާފައިވާ ކަމަށާއި، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް މި އަހަރު ކުރިއަރާނީ 0.6 ޕަސެންޓުން ކަމަށް ސަރުކާރުން އަންދާޒާކޮށްފައި އޮތްއޮތުން، އޭގެ މިސާލަކަށް ފުދޭ ކަމަށެވެ.
ގައުމުގެ އިގުތިސާދު ފުނޑި، ހުރިހާ ވިޔަފާރިތަކެއް ހުއްޓިފައި ހުރިކަން އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ހެކިވާނެ ކަމެއް ކަމަށް ވިދާޅުވެ ޑޮލަރާއި ތަކެތީގެ އަގު ބޮޑުވަމުންދާ ދިޔުމުގެ ކަންބޮޑުވުން ޝަމްހީދު ފާހަގަކުރެއްވި އެެވެ.








