ޑޮލަރާއި މުދަލުގެ އަގޮބޮޑުވުން ދިފާއުކުރައްވައި މި ސަރުކާރުގައި އިގުތިސާދު މެނޭކުރަނީ ކުރިއަށްވުރެ މާރަނގަޅަށް ކަމަށް އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބު ދެއްވަމުން ޑޮލަރު އަގުބޮޑުވާ މައްސަލައަށް އަލިއަޅުއްވައިލައްވައި ސައީދު ވިދާޅުވީ މި ވެރިކަން އައިފަހުން، ރައްޔިތުންނަށް ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރާ މިންވަރުވީ އިތުރު ކަމަށެވެ.
އެގޮތުން، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ފަހު ތިން އަހަރު ބޭންކް އޮފް މޯލްޑިވްސް އިން އެކި ކަންކަމަށް ރަސްމީ ރޭޓުގައި އާންމުންނަށް ދޫކޮށްފައި ވަނީ 1.75 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް، ވެރިކަމުގެ މިހައިތަނަށް އާންމު ރައްޔިތުންގެ އެކި ބޭނުންތަކަށް ޖުމުލަ 1.9 ބިލިއަން ޑޮލަރު ދޫކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ މާނައަކީ 80 ޕަސެންޓުގެ އިތުރުވުމެއް މިއޮތީ އައިސްފައި، 80 ޕަސެންޓުގެ އިތުރުވުމެއް އިއްޒަތްތެރި ރައީސް އައިސްފައި މިއޮތީ ތިން އަހަރު ތެރޭގައި، ގާތްގަނޑަކަށް އެވަރެޖުކޮށްލީމާ މަހަކަށް 97 ޕަސެންޓު، ގާތްގަނޑަކަށް 100 ޕަސެންޓުގެ ޑަބަލްވުމެއް މިއޮތީ އައިސްފައި. އެހެންވީމާ ކޮން ބަޔަކަށްތޯ ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރެވުނީ؟،" ސައީދު ސުވާލު އުފެއްދެވި އެވެ.
އާންމު ރައްޔިތުންނަށް ބޭންކު ރޭޓުގައި ދޫކުރާ ޑޮލަރުގެ އަދަދު އިތުރުވީ ދައުލަތަށް ޑޮލަރު ލިބޭނެ ގޮތަށް ސިޔާސަތުތައް ބަދަލުކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރުވާ ގޮތަށް ގެނައި އިސްލާހާއި، އޭގެ ފަހުން އެ އަދަދު 40 ޕަސެންޓަށް އިތުރުކުރަން ނިންމި ނިންމުމުން އޭނާ ފާހަގަކުރެއްވި އެވެ.
އަދި، އެ ސިޔާސަތުތަކަށް ބަދަލުގެނައިއިރު، ދުނިޔެ އޮތީ ހަނގުރާމައިގެ ހާލަތުގައިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"އިއްޒަތްތެރި ރައީސް ދުނިޔެ އޮތީ އޮތް ހާލަތެއްގައޭ، މި ނިކަމެތި ދިވެހިރާއްޖެ ނުދަރައި އޭރު އެމްޑީޕީން ގެނައި ނާމާން މަލަމަތި ސަލާމަތްކޮށް ވިޔަފާރިތަކާއި ރައްޔިތުންގެ ތަމައްދުން އޮތް ދަތި ހާލުގައި ވެސް 100 ޕަސެންޓުގެ ކުރިއެރުމެއް މިއޮތީ އައިސްފައި،" ސައީދު ވިދާޅުވި އެވެ.
މުދަލުގެ އަގުބޮޑުވާ މައްސަލައާ ގުޅޭގޮތުން ޖަވާބުދާރީވެވަޑައިގަންނަވަމުން ސައީދު ވިދާޅުވީ ރާއްޖެއަށް އަންނަ މުދާ ކްލިއާ ކުރުމުގައި ދަތިތަކެއް ކުރިމަތިވަނީ މާލޭގެ ވިޔަފާރި ބަނދަރު ކުޑަވުމުން ކަމަށެވެ. ނަމަވެސް، އެ ބަނދަރު ބޮޑުކުރުމަށް މީގެ ކުރިން އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ ކަމަށާއި އެ މަސައްކަތް ކުރަމުން ދަނީ މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، އިރާން ހަނގުރާމައާ ގުޅިގެން މުދަލުގެ އަގުތައް ކޮންޓްރޯލް ކުރުމަށްޓަކައި އަސާސީ މުދަލުގެ ގޮތުގައި ކަނޑައަޅާފައިވާ ކާބޯތަކެތީގެ މިންވަރު އިތުރުކުރަން ވެސް މި ސަރުކާރުން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.








