އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް ބުދަ ދުވަހު އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ބޮޑެތި މަގުތަކަށް ގަސްތައް ވެއްޓި، ކަރަންޓު ފޯސްޓުތައް ލުހި، އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކުން ހިމާޔަތް ހޯދާފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.
މި ތޫފާން އެރުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަންދްރަ ޕްރަދޭޝް އާއި އޮޑިޝާ ސްޓޭޓުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފަ އެވެ.
މި ދެ ސްޓޭޓުން ވެސް މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް، ގަސްތައް ވެއްޓުމުގެ ސަބަބުން ކަރަންޓުގެ ޚިދުމަތަށް ވަނީ ބުރޫއަރާފަ އެވެ. މީގެ އިތުރުން ބައެއް ސްކޫލްތައް ބަންދުކޮށް، ރޭލު ދަތުރުތަކާއި ފްލައިޓްތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނި ގޮތުގައި، އެ އިދާރާގެ މިންގަނޑުން ތިންވަނައަށް އެންމެ ނުރައްކާތެރި ދަރަޖަ ކަމަށްވާ "ވެރީ ސިވިއާ ސައިކްލޯނިކް ސްޓޯމް" ގެ ގޮތުގައި ކަނޑައަޅާފައިވާ ތޫފާން އަރުނަބް، ބުދަ ދުވަހުގެ ހެނދުނު އަންދްރަ ޕްރަދޭޝްގެ އައްސޭރިފަށަށް ވަނީ އަރާފަ އެވެ.
ޓީވީން ދައްކާފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި، ބޮޑެތި ހައިވޭތަކަށް ގަސްތައް ވެއްޓިފައިވާއިރު، ވާރޭ ކޯޓު ލައިގެން ތިބި މަސައްކަތްތެރިން ދަނީ މަގުތަކުން ގަސްތަކުގެ ގޮފިތަކާއި ފަތްތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އައްސޭރިފަށުގެ މަސްވެރިން ކަނޑަށް ނުދިއުމަށް އިރުޝާދު ދީފައިވާއިރު، މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ދަނޑުބިންތަކަށާއި، މުވާސަލާތީ ޚިދުމަތްދޭ ލައިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެވެ.
މި ތޫފާނުގައި ގަޑިއަކު 125 އާއި 135 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ބައެއް ވަގުތުތަކުގައި ގަޑިއަކު 150 ކިލޯމީޓަރަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެ އެވެ. އަދި އާންމުކޮށް ރާޅު އަރާ މިންވަރަށް ވުރެ 1 އާއި 1.5 މީޓަރު އުސްކޮށް ރާޅު އަރައި، އަންދްރަ ޕްރަދޭޝްގެ ތިރި ސަރަހައްދުތަކުގައި ފެންބޮޑުވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނި ގޮތުގައި، ތޫފާނާ ގުޅިގެން އަންދްރަ ޕްރަދޭޝްގެ ތިން އެއާޕޯޓެއްގެ އޮޕަރޭޝަންތައް ވަނީ މެދުކަނޑާލާފަ އެވެ.
އިންޑިއާއާ އަވަށްޓެރި ނޭޕާލްގެ އިމިގްރޭޝަން ޑިޕާޓްމަންޓުގެ އިންފޮމޭޝަން އޮފިސަރު ގީތާ ގިމީރޭ ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބޯކޮށް ވާރޭވެހި ސްނޯގެ ތޫފާންތައް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމުން، އުސް ފަރުބަދަ ސަރަހައްދުތަކަށް ހައިކިންއަށް ދިއުމުގެ ހުއްދަ ދޫކުރުން ތިން ދުވަހަށް މެދުކަނޑާލާފައިވާ ކަމަށެވެ.
މި ދުވަސްވަރަކީ ނޭޕާލްގައި ހައިކިންއަށް އެންމެ ގިނަ މީހުންދާ ދުވަސްވަރު ކަމަށްވާއިރު، ދުވާލަކު ގާތްގަނޑަކަށް 750 މީހުން ހައިކިން ހުއްދަ ހޯދަ އެވެ.
ތޫފާން އަރުނަބްގެ ސަބަބުން ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހިމާލަޔަން ސަރަހައްދަށް ބޯކޮށް ވާރޭވެހި، ސްނޯގެ ތޫފާންތަކާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގައިފާނެތީ، އުސް ސަރަހައްދުތަކަށް ނުދިއުމަށް ނޭޕާލުން އަންގާރަ ދުވަހު ފަތުރުވެރިންނަށް އިންޒާރު ދީފައިވެ އެވެ.
ތޫފާން އަރުނަބް އުފެދިފައިވަނީ ބޭ އޮފް ބެންގާލްގަ އެވެ. އިންޑިއާގެ ތާރީޚުގައި ހިނގި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާތަކުގެ ތެރޭގައި، 1999 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އޮޑިޝާއަށް އެރި ސުޕަ ސައިކްލޯން ހިމެނެ އެވެ. އެ ތޫފާނުގައި ގާތްގަނޑަކަށް 10،000 މީހުން މަރުވި އެވެ.
ނަމަވެސް، ފާއިތުވި އަހަރުތަކުގައި އިންޑިއާއިން ވަނީ ތޫފާންތަކުގެ އިންޒާރު ކުރިއާލާ ދޭނެ ނިޒާމުތަކާއި، މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އަޅާނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް ހަރުދަނާކޮށްފަ އެވެ.







