ސަންޓަ ކްރޫޒް، ސްޕެއިން (ނޮވެމްބަރު 4) - ސްޕެއިންގެ ދެ ވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ލިބުނު އަނިޔާ އަކަށް ފަރުވާދެނިކޮށް، ޓެނެރިފް އަށް ކުޅޭ 30 އަހަރުގެ ފޯވާޑް ޖީސޫސް ޑި މިގުުއެލް މަރުވިއިރު، އޭނާ މަރުވަން ދިމާވި ފައުލު ކުރި ކީޕަރު ޖީސޫސް އޮވޯނޯގެ މައްސަލައެއް އޮތްތޯ ސްޕެއިންގެ ފުލުހުން ބަލަން ފަށައިފި އެވެ.
މިދިޔަ ހޯމަ ދުވަހު ޓެނެރިފް އާއި އެފްސީ އެންޑޯރާ ކުޅުނު މެޗުގެ ތެރެއިން، ޑި މިގުއެލް ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި، އެންޑޯރާގެ ކީޕަރު ޖީސޫސް އޮވޯނޯގެ ކަކުލުގައި ހާފުގެ މެދެެއްހާ ހިސާބުން ޖެހި އަނިޔާވި އެވެ. އޮވޯނޯގެ ކަކޫ ވަނީ ޑި މިގުއެލް މޭމަތީގައި ޖެހިފަ އެެވެ. އެއީ ކީޕަރު އޮވޯނޯ ކުރި ފައުލެއް ކަމަށް ނިންމައި، ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑެއް ދައްކައިފަ އެވެ.
ރަތް ކާޑު ދެއްކުމުން އޮވޯނޯ ދަނޑުން ފައިބައިގެން ދިޔަ ވަގުތު ދެ ޓީމުގެ ކުޅުންތެރިން ހާސްވެގެން އުޅެން ފެށުމާ އެކު، އޮވޯނޯ ވެސް އަލުން އަނބުރާ ޑި މިގުއެލް ގާތަށް ދެ އެވެ.
ދަނޑުމަތިން ލިބުނު އަނިޔާއަކަށް ފަރުވާދެނިކޮށް ސްޕެއިންގެ ފޯވާޑެއް މަރުވެއްޖެ
ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން އިދިކޮޅު ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާދެމުންދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވެއްޖެ. އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ މަރުވީ މޭމަތީގެ އިތުރުން ބޮލަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޑި މިގުއެލްގެ މަރުގެ ހާދިސާގައި އޮވޯނޯ އަށް ވަރަށް އަސަރުކޮށްފައިވާއިރު، އޭނާ އަށް ނަފްސާނީ ގޮތުން ދޭން ޖެހޭ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި، ސޯޝަލް މީޑިއާގައި އޮވޯނޯ އަށް އަންނަނީ ގިނަ ފާޑުކިޔުންތަކާއި ނަފުރަތުގެ މެސެޖުތަކެއް އަމާޒުވަމުންނެވެ.
ދަނޑުމަތީގައި ހިނގާ ކަމެއްގައި ސީދާ މައްސަލަ ބެލޭނެ ހާލަތެއް ނެތް ކަމުގައި ވިޔަސް ގަސްދުގައި މީހަކަށް ގެއްލުމެއް ދޭ ފަދަ ކަމެއް އޮވޯނޯގެ ފަރާތުން ފެނުނުތޯ، ދި ހޯމިސައިޑް ގްރޫޕް އޮފް ދި ނެޝަނަލް ޕޮލިސް އިން އަންނަނީ ބަލަމުންނެވެ. އަދި، މިކަން ބަލާއިރު، ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަންގެ ޑިސިޕްލިނަރީ ކޯޑަށް ވެސް އަމަލުކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެ ދުވަހު، ޑި މިގުއެލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިއިރު، ޓެނެރިފުން ވަނީ ހާލު ސީރިއަސް ކަމަށް މީޑިއާގައި ބުނެފަ އެވެ. އަދި، ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް، އިއްޔެގެ ވަގުތެއްގައި ޑި މިގުއެލް ވަނީ މަރުވެފަ އެވެ. ޑި މިގުއެލް އަށް ފަރުވާ ދެމުން އައީ މެއަަށާއި ބޮލަށް ލިބުނު އަނިޔާތަަކަކަށް ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފަ އެވެ. .

އަނިޔާވެގެން އެމްބިއުލަންސްގައި ޑި މިގުއެލް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އޭނާ އަށް ކާޑިއަކް އެރެސްޓެއް ޖެހުނު ކަމަށް ވެސް ސްޕެއިނުގެ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. ޑި މިގުއެލްގެ އަނިޔާއާ ގުޅިގެން، މެޗުގެ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި އޮއްވައި، ރެފްރީ ނިންމީ މެޗު އިތުރަށް ކުރިއަށް ނުގެންދިއުމަށެވެ. އޭރު ނަތީޖާ އަކީ، 2-2 އެވެ.
މެޑްރިޑަށް އުފަން ޑި މިގުއެލް، ފުޓްބޯޅަ ކެރިއަރު ފެށީ 2015 ވަނަ އަހަރު ލެގަނޭސް އިންނެވެ. ސްޕެއިނުގެ ތަފާތު އަށް ކްލަބަކަށް ކުޅެފައިވާ ޑި މިގުއެލް ޓެނެރިފް އަށް ބަދަލުވީ މިދިޔަ އަހަރު އެވެ. އެއީ، ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެ ޓީމަށް ކުޅެދިން 29 މެޗުން ވަނީ 11 ލަނޑު ޖަހައިފަ އެވެ.
އުމުރުން 25 އަހަރުގެ އޮވޯނޯ އަކީ އިކުއެޓްރަލް ގިނީ އަށް އުފަން ކުޅުންތެރިއެކެވެ. އެކަަމަކު، ޅަ އުމުރުގައި ސްޕެއިނަށް ދިރިއުޅުން ބަދަލުކޮށް، އާއިލާއާ އެކު އޭނާ އުޅެބޮޑުވީ ސްޕެއިންގަ އެވެ. ރެއާލް ސޮސިއެޑާޑްގެ ޔޫތު ޓީމުތަކަށް ކުޅެފައިވާ އޮވޯނޯ ވަނީ ސީނިއާ ކެރިއަރުގައި އަލަވޭސް އަށް ވެސް ކުޅެފަ އެވެ.
މިދިޔަ ސީޒަނުގައި ލޯނަކަށް އެންމެ ފުރަތަމަ އެންޑޯރާ އަށް ބަދަލުވި އޮވޯނޯ މިދިޔަ އޮގަސްޓް މަހު ވަނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އެ ކްލަބާ އެކު ސޮއިކޮށްފަ އެވެ.







