މެޑްރިޑް (ނޮވެމްބަރު 3) - ސްޕެއިންގެ ދެ ވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ލިބުނު އަނިޔާ އަކަށް ފަރުވާދެނިކޮށް، ޓެނެރިފް އަށް ކުޅޭ 30 އަހަރުގެ ފޯވާޑް ޖީސޫސް ޑި މިގުުއެލް މަރުވެއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހު ޓެނެރިފް އާއި އެފްސީ އެންޑޯރާ ކުޅުނު މެޗުގެ ތެރެއިން، ޑި މިގުއެލް ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި، އެންޑޯރާގެ ކީޕަރު ޖީސޫސް އޮވޯނޯ ގައިގައި ޖެހި އަނިޔާވި އެވެ. އޮވޯނޯގެ ކަކޫ ވަނީ ޑި މިގުއެލް މޭމަތީގައި ޖެހިފަ އެެވެ. އެއީ ކީޕަރު އޮވޯނޯ ކުރި ފައުލެއް ކަމަށް ނިންމައި، ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑެއް ދައްކައިފަ އެވެ.
އެ ދުވަހު، ޑި މިގުއެލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިއިރު، އެ ކްލަބުން ވަނީ ހާލު ސީރިއަސް ކަމަށެވެ. އަދި، ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް، މިއަދުގެ ވަގުތެއްގައި ޑި މިގުއެލް ވަނީ މަރުވެފަ އެވެ. ޑި މިގުއެލް އަށް ފަރުވާ ދެމުން އައީ މެއަަށާއި ބޮލަށް ލިބުނު އަނިޔާތަަކަކަށެވެ.
އަނިޔާވެގެން އެމްބިއުލަންސްގައި ޑި މިގުއެލް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އޭނާ އަށް ކާޑިއަކް އެރެސްޓެއް ޖެހުނު ކަމަށް ވެސް ސްޕެއިނުގެ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. ޑި މިގުއެލްގެ އަނިޔާއާ ގުޅިގެން، މެޗުގެ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި އޮއްވައި، ރެފްރީ ނިންމީ މެޗު އިތުރަށް ކުރިއަށް ނުގެންދިއުމަށެވެ. އޭރު ނަތީޖާ އަކީ، 2-2 އެވެ.
މެޑްރިޑަށް އުފަން ޑި މިގުއެލް، ފުޓްބޯޅަ ކެރިއަރު ފެށީ 2015 ވަނަ އަހަރު ލެގަނޭސް އިންނެވެ. ސްޕެއިނުގެ ތަފާތު އަށް ކްލަބަކަށް ކުޅެފައިވާ ޑި މިގުއެލް ޓެނެރިފް އަށް ބަދަލުވީ މިދިޔަ އަހަރު އެވެ. އެއީ، ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެ ޓީމަށް ކުޅެދިން 29 މެޗުން ވަނީ 11 ލަނޑު ޖަހައިފަ އެވެ.







