ނޮވެމްބަރު3، 1988، ގައި ދިވެހި އަސްކަރިއްޔާގެ ހިތްވަރުގަދަ ސިފައިން އެބޭފުޅުންގެ ފުރާނައިން ގުރުބާންވެގެން ހިމާޔަތްކޮށްދެއްވީ މި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ކަމަށާއި، އެ ބޭފުޅުންނަށްޓަކައި މި ގައުމު ތާއަބަދަށް ފަހުރުވެރިވާނެ ކަމަށް ދިފާއީ އަދި ވަތަނީ ހިދުމަތްތަކާބެހޭ ވަޒީރު ހަސަން ރަޝީދު ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިފާއީ ވަޒީރު ދެއްވި ހާއްސަ މެސެޖެއްގައި ވިދާޅުވީ، ދިވެހީންގެ މަދު ބަޔަކާއި ބޭރުގެ ނިރުބަވެރި ޖަމާއަތަކާ ގުޅިގެން ނޮވެމްބަރު 3، ގައި ދިން އުދުވާނީ ހަމަލާއަކީ ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލުމަށް ދީފައިވާ ވަރަށް ނުރައްކާތެރި ހަމަލާއެއް ކަމަށެވެ.
"އެއީ ދުޝްމަނުންގެ ރަހުމެއްނެތް ހަމަލާތަކުން ކުށެއްނެތް 19 ދިވެހީން ޝަހީދުކޮށް އެތައް ބަޔަކު ޒަހަމްކޮށްލި ދުވަހެއް. ނަސްރުގެ ދުވަހުން އަޅުގަނޑުމެން ލިބިގަންނަންވީ އެންމެ މުހިއްމު ފިލާވަޅަކީ ދިވެހި ގައުމު އިސްކުރުމުގެ ފިލާވަޅު. ނަސްރުގެ ދުވަހު ދީނާ ގައުމަށްޓަކައި ޝަހީދުވެގެން ދިޔަ ހިތްވަރު ގަދަ ސިފައިން ހިމާޔަތް ކޮށްދެއްވީ މި ގައުމުގެ މިނިވަންކަމާއި ސިޔާދަތު،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ވަޒީރުގެ މެސެޖުގައި ވިދާޅުވީ އެދުވަހު ދީނާއި ގައުމަށްޓަކައި ޝަހީދުވެ ދިޔަ އަސްކަރީ ބަތަލުން ދައްކުވައިދިނީ އެ މިސާލު ކަމަށެވެ.
"މިއަދު އަޅުގަނޑުމެންވެސް ވާން ޖެހޭނީ ގައުމުގެ ދުޝްމަނުންނާއި ހާއިނުންގެ ނުބައި ރޭވުންތަކުން މި ގައުމު ސަލާމަތްކުރުމުގައި އެއްބައިވަންތަކަމާއިއެކު މަސައްކަތްކުރާ، ދީނާއި ގައުމުދެކެ ލޯބިވާ ބަޔަކަށް،" ވަޒީރު ވިދާޅުވި އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަނީ ލަންކާގެ ކުލީ ސިފައިންގެ ބަޔަކާއެކު ދިވެހީންގެ ބަޔަކު މާލެއަށް ހަމަލާދިން ދުވަހު އެމީހުން ބަލިކޮށް، ދިވެހިންނަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށެވެ. އެ ހާދިސާއަށް މިއަދު 38 އަހަރު ފުރިފައިވާއިރު, އެދުވަހުގެ އުދުވާނީ ހަމަލާގައި ސިފައިންގެ އަށް މީހަކާއި އާންމުންގެ 11 މީހުން ހިމެނޭހެން 19 ދިވެއްސަކު ޝަހީދުވި އެވެ.








