އިޒްރޭލު އަދި ޒަޔަނިސްޓުންނާ ގާތް ގުޅުމެއް އޮންނަ ޔޫއޭއީގެ މުހައްމަދު އަލައްބާރަށް 99 އަހަރަށް ނުވަތަ ތާއަބަދަށް ރަސްމާލެ ވިއްކާލުމަށްޓަކައި ސަރުކާރުން ގެންގުޅެނީ އިގްތިސާދީ ކޮންސެޕްޓެއް ކަމަށާއި އެއީ އެހެން ދީންތަކުގެ މީހުން ދިރިއުޅެން ހާއްސަ ކުރާ ތަނެއް ނޫން ކަމަށް ޖަމިއްޔަތުއްސަލަފުގެ ރައީސް ޝެއިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރަސްމާލޭގެ ކޮންސެޕްޓަކީ އިގްތިސާދީ ކޮންސެޕްޓެއް ކަމަށާއި އެކަމާ އިސްލާމް ދީނާ ގުޅުމެއް ނުވާ ފަދަ މޭރުމަކުން ޝެއިހް އަބްދުﷲ ވާހަކަ ދެއްކެވީ ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތަކުގައި އާންމުވެފައިވާ އޯޑިއޯއެއްގަ އެވެ. އޭގައި އޭނާ ވިދާޅުވަނީ، ރަސްމާލޭ ޕްރޮޖެކްޓުގެ ހަގީގަތް ބަޔަކު ސިޔާސީ ބޭނުމެއްގައި އޮޅުވާލާފައިވާ ކަމަށެވެ.
"... ދެން މީގައި ވަރަށް ބޮޑަށް ވިސްނާލަންޖެހޭ ނުކުތާއަކީ، ހަގީގަތުގައި މުޅި ކޮންސެޕްޓުގެ ތަސައްވުރު ބަދަލުކޮށްގެން ބައެއް ބޭފުޅުން ވާހަކަ ދެއްކުން އެއީ ހަގީގަތުގައި ސިޔާސީ ނުބައި ވިސްނުމެއްގައި ދައްކާ ވާހަކައެއް. ސަބަބަކީ މުޅި ކޮންސެޕްޓަކީ އެއީ އިގްތިސޯދީ ކޮންސެޕްޓަކަށްވެފައި އެތަނަކީ ވަކިން ހާއްސަކޮށް އެހެން ދީންތަކުގެ މީހުން ގެންދަން ހުޅުވާލާ ތަނެއް ނޫން،" ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އެއްބަފާ ބޭބެ، އަބްދުﷲ އެ އޯޑިއޯގައި ވިދާޅުވެ އެވެ.
އެ އޯޑިއޯ ޓިކްޓޮކްގައި އާންމުކޮށްފައި ވަނީ އެއީ އަބްދުﷲގެ އިންޓަވިއުއެއް ކަމަށް ބުނެ އެވެ. އެ އޯޑިއާގެ ސައްހަކަން ކަށަވަރު ކުރަން އަދަދު އިން ޝެއިހް އަބްދުﷲ އަށް މެސެޖު ކުރި ނަމަވެސް ޖަވާބެއް ނުދެއްވަ އެވެ. ނަމަވެސް އެ އޯޑިއޯގައި ވާހަކަ ދައްކަނީ އޭނާ ކަމަށް ބައެއް ގްރޫޕުތަކަށް ފޮނުވި މެސެޖުތަކެއްގައި އަބްދުﷲ ޔަގީންކޮށްދެއްވާފައިވާކަން މި ނޫހަށް ވަނީ ކަށަވަރުވެފަ އެވެ.
ރަސްމާލޭގައި ދިރިއުޅޭނީ އެތަނުގައި ދިރިއުޅެވޭ "ފެންވަރުގެ މީހުން" ކަމަށް އަބްދުﷲ ވިދާޅުވި އެވެ. އެ ކޮންސެޕްޓުގައި ރަސްމާލެ ހިންގާއިރު މުސްތަގްބަލުގައި "ނުރައްކާތެރި ކަމެއް" އުފެދިދާނެ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ. އޭނާ އަދި ސަލަފް ޖަމިއްޔާއިން ނެރުނު ބަޔާނުގައި ހުންނާނީ އެފަދަ ކަންކަން ވިޔަނުދިނުމަށްޓަކައި ގާނޫނީ ގޮތުން ހިމަނަންޖެހޭ ކަންކަން ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

"އެއީ ބިދޭސީން ވިޔަސް ދިވެހިން ވިޔަސް ކޮންމެ ބަޔެއް ވިޔަސް އެތަނަށް އާދެވޭ ފެންވަރުގެ މީހުންނަށް ހުޅުވާލާ ތަނެއް. އެހެންވީމަ އެވަރުގެ ތަނެއްގައި އުފެދިދާނޭ ނުރައްކާތެރި ކަމެއް، ފަހުން އައިސްފާނެ ކަމަށް، އަޅުގަނޑުމެން ހުށަހެޅި ބައެއް ކަންތައްތައް ހުންނާނެ ގާނޫނީ ގޮތުން އެކަންކަން ހިމަނަން،" އޭނާ ވިދާޅުވެފައިވެ އެވެ.
އެ އޯޑިއޯގައި އަބްދުﷲ އިތުރަށް ވިދާޅުވެފައި ވަނީ، ރަސްމާލޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިވުމުގެ މައުލޫއަށް ޖަމިއްޔަތުއްސަލަފުން އެއްވެސް ވަރަކަށް ތާއީދުކޮށްފައި ނޯންނާނެ ކަމަށެވެ. ސަލަފުން ކުރި އިލްތިމާސްއަކީ، އެހެން ދީންތަކުގެ މީހުން "ވަޒަންވެރިވެދާނެތީ" ހަދަންޖެހޭ ގާނޫނުތައް ހެދުމަށް ކަމަށެވެ.
"ރަސްމާލެ މަޝްރޫއުގައި އަޅުގަނޑުމެން އެއްވެސް ހާލެއްގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރި ކުރުވުމުގެ މައުލޫއަކަށް އެއްވެސް ވަރަކަށް އަޅުގަނޑުމެން ތާއީދުކޮށްފައެއް ނޯންނާނެ. އެއާ ހިލާފަށް އަޅުގަނޑުމެން އެހެން ދީންތަކުގެ މީހުން އެތަނަށް އައިސް އެތަނުގައި ވަޒަންވެރިވެދާނޭތީ އެކަމާ ގުޅޭ ގޮތުން، އެކަމަށް އެޅެންޖެހޭ ފިޔަވަޅުތަކާ ގާނޫނު ހެދުމަށްޓަކައި އަޅުގަނޑުމެން ކޮށްފައި އޮންނާނީ އިލްތިމާސް،" އޭނާ ވިދާޅުވެފައިވެ އެވެ.
ޝެއިހް އަބްދުﷲ އެހެން ވިދާޅުވި ނަމަވެސް، ރަސްމާލެއާ ގުޅޭ ގޮތުން ސަލަފުން ނެރުނު ބަޔާނުގައި ރަސްމާލޭގެ ޕްރޮޖެކްޓު ސިފަކޮށްފައި ވަނީ "ތަފާތު ދީންތަކާއި ސަގާފަތްތަކަށް ނިސްބަތްވާ ބޭރުގެ ގިނަ އަދަދެއްގެ މީހުން ދިގު މުއްދަތަކަށް ތިބޭނެ" ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ. ރަސްމާލޭ ޕްރޮޖެކްޓު އެގޮތަށް ސިފަ ކުރުމަށްފަހު ސަލަފުން ކިޔައިދީފައި ވަނީ، އެފަދަ ޕްރޮޖެކްޓެއްގެ އެއްބަސްވުންތަކާއި ގާނޫނީ އޮނިގަނޑު އެކުލަވާލަންޖެހޭ ގޮތެވެ.
"... އެހެންކަމުން ރަސްމާލެ މަޝްރޫއު ހިމެނޭހެން، ތަފާތު ދީންތަކާއި ސަގާފަތްތަކަށް ނިސްބަތްވާ ބޭރުގެ ގިނަ އަދަދެއްގެ މީހުން ދިގު މުއްދަތަކަށް ތިބޭނެ މިފަދަ ހާއްސަ ސަރަހައްދުތަކުގެ ސަބަބުން މުސްތަގްބަލުގައި ދީނީ މިނިވަންކަމަށް ވަކާލާތު ކުރުމުގެ ފުރުސަތު ފަހިވެ، ދިވެހި މުޖްތަމައުގެ އިސްލާމީ ޝަހުސިއްޔަތަށާއި ގައުމުގެ ސިޔާދަތާއި މިނިވަންކަމަށާއި ޒަމާނުއްސުރެ ދަމަހައްޓަމުން އައި އިސްލާމީ ގައުމީ އުސޫލުތަކަށާއި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުމުގެ ދުސްތޫރީ ނިޒާމަށް އެއްވެސް ނޭދެވޭ އަސަރެއް ނުފޯރާނެ ފަދަ ހަރުދަނާ އުސޫލެއްގެ މަތިން އެއްބަސްވުންތަކާއި ގާނޫނީ އޮނިގަނޑު އެކުލަވައިލުމަށް އަދުގެ ސަރުކާރަށާއި މުސްތަގްބަލުގައި އަންނަން އޮތް ސަރުކާރުތަކަށް އިހުލާސްތެރިކަމާއެކު އަޅުގަނޑުމެން އިލްތިމާސް ކުރަން."
ސަރުކާރުން ބުނަނީ ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށެވެ. އެކަމަކު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ބުނީ ރަސްމާލެއިން ފުރަތަމަ ލިބޭ 99 އަހަރުގެ ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން އެތަން ވިއްކާލައިފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ.
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން މަސައްކަތް ކުރަނީ ނޮވެމްބަރު 11، ގަ އެވެ. އެއީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ.
ރަސްމާލެ ވިއްކާލަން ސަރުކާރުން ޑީލެއް ހެދީ، އެތަނުގެ ވެލިފުކެއް އެންމެ ދުވަހަކަށް ނަމަވެސް ބޭރުގެ ބަޔަކަށް ކުއްޔަށް ނުވަތަ ހިލޭ ވެސް ނުދޭން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވުމަށްފަހު އެވެ.
"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.











