ޤައުމީ ތަރައްގީއަށް ބޭނުންވާ ގާބިލު ޕްރޮފެޝަނަލުން ތައްޔާރުކުރުމާއި، ރާއްޖޭގައި ތިބެގެން މަތީ ތައުލީމު ހާސިލުލުކުރުމުގެ ފުރުސަތު ފުޅާކުރުމުގެ މަގުސަދުގައި، ވިލާ ކޮލެޖުން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އަލަށް ތައާރަފުކުރި މި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނެނީ، ސްކޫލުތަކުގައި ފަތުރުވެރިކަމާއި ވިޔަފާރީގެ މާއްދާތައް ކިޔަވައިދޭނެ ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދުމަށް ފަރުމާކޮށްފައިވާ ތިން އަހަރުގެ ބެޗެލާ އޮފް ޓީޗިން އިން ބިޒްނަސް އެންޑް ޓްރެވަލް އެންޑް ޓޫރިޒަމް އާއި، ފަންނީ އިލްމާއެކު ޕްރޮޖެކްޓް މެނޭޖްމަންޓާއި ލީޑަޝިޕް ހުނަރު އިންޖިނިއަރުންނަށް ދަސްކޮށްދިނުމަށް އަމާޒުކޮށްގެން ހިންގާ އެއް އަހަރުގެ މާސްޓަ އޮފް އިންޖިނިއަރިން މެނޭޖްމަންޓް އެވެ. މީގެ އިތުރުން، ޞިއްޙީ ދާއިރާއާއި ޝަރުޢީ އަދި ތަޙުޤީޤީ ދާއިރާއަށް ބޭނުންވާ ސައިކޮލޮޖިސްޓުން އުފެއްދުމަށްޓަކައި ދެ އަހަރު ދުވަހުގެ މުއްދަތަށް ހިންގާ މާސްޓަ އޮފް ސައިންސް އިން ހެލްތް ސައިކޮލޮޖީ އަދި މާސްޓަ އޮފް ސައިންސް އިން ފޮރެންސިކް ސައިކޮލޮޖީ' ވެސް ވަނީ ތައާރަފުކޮށްފަ އެވެ.
ވިލާ ކޮލެޖުގެ ވައިސް ރެކްޓަ، ޑރ. އަލީ ނަޖީބް ވިދާޅުވި ގޮތުގައި، މި ހުރިހާ ޕްރޮގްރާމެއް ވެސް ފަރުމާކޮށްފައިވަނީ ކްލާހަސް ހާޒިރުވެ ތިއަރީއާއި އަމަލީ ތަޖުރިބާ ގުޅުވައިދީ، ދަރިވަރުން ވަޒީފާގެ މައިދާނަށް ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ފަދަ ގޮތަކަށެވެ.
އެގޮތުން، ކޮންމެ ކޯހެއްގައި ވެސް ޕްރެކްޓިކަމް، ފީލްޑް ވިޒިޓް، އަދި ކެޕްސްޓޯން ޕްރޮޖެކްޓް ފަދަ އަމަލީ ބައިތައް ހިމެނޭނެ އެވެ. އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް މި ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޑިސެމްބަރު 26، 2026 އެވެ. ކޯސްތަކަށް ވަނުމުގެ ޝަރުތުތަކާއި އިތުރު މައުލޫމާތު، ވިލާ ކޮލެޖުގެ ވެބްސައިޓުންނާއި 3303200 އަށް ގުޅުއްވައިގެން، ނުވަތަ ކޮލެޖުގެ އީމެއިލް މެދުވެރިކޮށް ލިބޭނެ އެވެ.






