ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރެއްވުމަށް ހުށަހަޅުއްވައިފި އެވެ.
އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާ ކުރެއްވުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅުއްވާފައިވަނީ ނިމިދިޔަ ހަފުތާގެ ތެރޭގަ އެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި ސަބަބެއް ވެސް ނޭނގެ އެވެ.
ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަކީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އަލީ ރަޝީދު ވަނީ ޝަރީއަތާއި ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައެވެ. އެގޮތުން 2002 ވަނަ އަހަރު މިސުރުގެ އަލްއަޒުހަރު ޔުނިވަސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކުރެއްވުމަށްފަހު، 2006 ވަނަ އަހަރު އެމެރިކަން އޯޕަން ޔުނިވަސިޓީން މާސްޓާ އޮފް ޝަރީއާ ފުރިހަމަ ކުރެއްވިއެވެ. މީގެއިތުރުން މިސުރުގެ ދާރުލް އިފުތާގައި ފަތުވާ ދިނުމުގެ ދާއިރާއިން އެއް އަހަރު ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރައްވައި، ދުނިޔޭގެ އެކި ގައުމުތަކުން ޝަރުއީ ދާއިރާއާ ގުޅުންހުރި ތަފާތު ތަމްރީނުތައް ވަނީ ހޯއްދަވާފަ އެވެ.
އަލީ ރަޝީދުގެ ފަނޑިޔާރުކަމުގެ ހަޔާތްޕުޅު ފެއްޓެވީ މާރިޗު 5، 2007 ގައެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެމަނިކުފާނު ވަނީ މެދުނުކެނޑި ފަނޑިޔާރުކަމުގެ މަގާމު ފުރުއްވާފަ އެވެ. އެމަނިކުފާނު އަދާކުރެއްވި މުހިންމު މަގާމުތަކުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ގާޟީކަމާއި، ސިވިލް ކޯޓުގެ އިސް ގާޟީކަމާއި، ޑްރަގް ކޯޓުގެ ގާޟީކަން ހިމެނެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެމަނިކުފާނު ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޟީއެއްގެ މަގާމުގަ އެވެ.
ޝަރުއީ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާގައިވެސް އަލީ ރަޝީދު ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެގޮތުން 2007 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގައި ޝަރީއަތާއި ގާނޫނީ މާއްދާތައް ކިޔަވައިދެއްވަމުން ގެންދަވާއިރު، 2017 ވަނަ އަހަރުން ފެށިގެން ވިލާ ކޮލެޖުގައިވެސް ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވަ އެވެ. މީގެއިތުރުން ފަނޑިޔާރުންނާއި، ގާނޫނީ ވަކީލުންނާއި، ފުލުހުން އަދި ޖަލު އޮފިސަރުންނަށް އަމާޒުކޮށްގެން އިންސާނީ ހައްގުތަކާއި ޖިނާއީ އިޖުރާއާތުގެ ތަމްރީނުތައް އެކި ދުވަސްވަރު ވަނީ ހިންގަވާފަ އެވެ.

ރާއްޖޭގެ ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމުގެ މަސައްކަތުގައިވެސް އަލީ ރަޝީދުގެ ދައުރު ބޮޑެވެ. ޝަރުއީ ދާއިރާއާ ގުޅުންހުރި ގިނަ ގާނޫނުތަކާއި ގަވާއިދުތައް ޑްރާފްޓް ކުރުމުގެ އަމަލީ މަސައްކަތުގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެމަނިކުފާނަކީ ގާނޫނީ ދާއިރާގެ އިލްމީ އަދި ފަންނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.











