ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރު ކޮންގޯ) ގައި މިހާރު ފެތުރެމުންދާ އެބޯލާ ބަލީގައި މަރުވި މީހުންގެ އަދަދު 5،000 އަށްވުރެ މައްޗަށް އަރައިފި އެވެ.
އެ ގައުމުގެ 26 ޕްރޮވިންސެއްގެ ތެރެއިން އަށް ޕްރޮވިންސަކަށް މިހާރު ބަލި ފެތުރިފައިވާއިރު، ބަލި ޖެހިފައިވާކަން ކަށަވަރުކުރެވުނު މީހުންގެ އަދަދު ވަނީ 10،300 އަށްވުރެ މައްޗަށް ގޮސްފަ އެވެ.
މިދިޔަ މޭ މަހު ފެށުނު މި ބަލިމަޑުކަމަކީ އެ ގައުމުގެ ތާރީޚުގައި ވެސް އެންމެ ގިނަ ބަޔަކު މަރުވި ބަލިމަޑުކަން ކަމަށް އާންމު ސިއްހަތާ ބެހޭ އޮފިޝަލުން އޮގަސްޓް މަހު ވަނީ ވިދާޅުވެފަ އެވެ.
މިހާރުގެ ހިސާބުތަކަށް ބަލާއިރު ބަލި ޖެހޭ މީހުންގެ ތެރެއިން މަރުވާ މީހުންގެ ނިސްބަތް ނުވަތަ ފޭޓަލިޓީ ރޭޓް ހުރީ 48.6 އިންސައްތައިގަ އެވެ.
އެ ގައުމުގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ އިރުއުތުރުގެ އިޓޫރީ ޕްރޮވިންސުގަ އެވެ. އެ ސަރަހައްދަކީ ދާޚިލީ ހަމަނުޖެހުންތައް ހިނގާ ސަރަހައްދަކަށް ވުމުން، ވައިރަސް ކޮންޓްރޯލް ކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
ކޮންގޯގެ އިތުރުން ކެންޔާ، ނައިޖީރިއާ އަދި ޔުގެންޑާއިން ވެސް މިހާރު ވަނީ އެބޯލާގެ ކޭސްތައް ފެނިފަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެފްރިކާ އޮފީހުން ބުނީ، މި ބަލިމަޑުކަން ނިމުމަކަށް ގެނައުމަށްޓަކައި ބަލި ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، ބަލި ފެތުރިފައިވާ ސަރަހައްދުތަކަށް ވަނުމުގެ ފުރުސަތު ފަހިކޮށް، އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ފުޅާކުރަން ޖެހޭ ކަމަށެވެ.
މިފަހަރު ބަލި ފެތުރެނީ އެބޯލާގެ "ބުންޑިބުގްޔޯ" ނަމަކަށް ކިޔާ ވައިރަސްގެ ބާވަތަކުންނެވެ. ނަމަވެސް، މި ބާވަތުގެ ވައިރަހަށް އަދި މިހާތަނަށް އެއްވެސް ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދިފައެއް ނުވެ އެވެ.







