އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން، ފަށާ އާ ކުރިމަތިލުންތަކަކީ މާ ނުރައްކާތެރި އަދި އޭގެ ނޭދެވޭ އަސަރު ބޮޑުވާނެ ކަންތައްތަކެއް ކަމަށް ވިދާޅުވެ، މިސްރުގެ ފޮރިން މިނިސްޓަރު ބަދުރު އަބްދުލްއާތީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ބަދުރު އަބްދުލްއާތީ މިހެން ވިދާޅުވީ ބަހްރޭންގައި މިހާރު ކުރިއަށްދާ "އައިއައިއެސްއެސް މަނާމާ ޑައިލޮގް" ސެކިއުރިޓީ ސަމިޓުގައި ވާހަކަދައްކަވަމުންނެވެ.
މިސްރުގެ ފޮރިން މިނިސްޓަރު ވިދާޅުވީ، ހަނގުރާމައިގެ ދެވަނަ ބުރެއް ފެށިއްޖެ ނަމަ، އެއީ މާ ނުރައްކާތެރި އަދި މާ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށާއި، އޭގެން އެއްވެސް ނަތީޖާއެއް ނުނިކުންނާނެ ކަމަށެވެ. އަދި މާޒީގައި ހިނގާފައިވާ ކަންކަމުން އިބުރަތް ހާސިލްކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އާއި އީރާނާ ދެމެދު މިދިޔަ ޖޫން މަހު ވެވުނު ވަގުތީ އެއްބަސްވުމުގެ ދަށުން، ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުން އާންމު ހާލަތަކަށް ގެނެވިފައެއް ނުވެ އެވެ. އީރާނުން މިހާރު ހުށަހަޅާފައިވަނީ، އެ ގައުމުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލައިފި ނަމަ، ހަތް ދުވަހުގެ ތެރޭގައި ކަނޑުއޮޅި އަލުން ހުޅުވާލުމަށެވެ.
މި މައްސަލައިގައި ދެ ފަރާތުގެ މެދުގައި އެއްބަސްވުމަކަށް އައުމަށްޓަކައި ގަތަރުގެ މެދުވެރިން ހުކުރު ދުވަހު އަލުން ތެހެރާނަށް ގޮސްފައިވީ ނަމަވެސް، ދެ ގައުމުގެ މެދުގައި އަދިވެސް ޚިޔާލުތަފާތުވުންތައް އެބަ ހުއްޓެވެ. އެގޮތުން ފުރަތަމަ ފަށަންވީ ނިއުކްލިއާ މަޝްވަރާތައްތޯ ނުވަތަ ބަނދަރުތަކަށް އަޅާފައިވާ ހުރަސްތަކާއި ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުންތޯ، މިކަމާ މެދު ދެ ގައުމުން އެއްބަހެއް ނުވެ އެވެ.







